01 ފެބުރުއަރީ 2022 - 15:29

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ، ބަލީގެ އަލާމާތް ނެތް މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފި އެވެ.
މި ބަދަލާ އެކު މިހާރު ވަނީ ވެކްސިން ފުރިހަމަވި ކަމަށް ބަލާނެ މިންގަނޑު ވެސް ބަދަލުކޮށްފަ އެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސް ނުވުން އަދި ހަ މަސް ވެފައިވާ ނަމަ ބޫސްޓަ ޑޯޒް ޖަހާފައިވާ ވުމެވެ.
އަލަށް ގެނައި ބަދަލުތަކުގައިވާ ގޮތުން ކޮންޓެކްޓުންގެ ތެރެއިން ބަލީގެ އަލާމާތް ހުންނަ މީހުން އެންޓިޖެން ޓެސްޓެއް ނުވަތަ ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ނެގެޓިވް ނަމަ ވެސް ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. އެކަމަކު މި މީހުން ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ.
ނަމަވެސް، ވެކްސިން ޖަހާފައި ވިޔަސް، ޕޮޒިޓިވް މީހަކާ އެންމެ ފަހުން ކޮންޓެކްޓުވާ ދުވަހުން ފެށިގެން ފަސް ދުވަސް ވުމުން ޕީސީއާރް ޓެސްޓެއް ހަދަންޖެހޭނެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ އެކީ ދިރިއުޅޭ މީހުން، ޕޮޒިޓިވް މީހުންގެ ކަރަންޓީނު މުއްދަތު ހަމަވަންދެން ކަރަންޓީނުގައި ތިބެންޖެހޭނެ އެވެ. އަދި ކަރަންޓީނު މުއްދަތު ހަމަވުމުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ އެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ.
އަލަށް ހަމަޖެއްސި އުސޫލުގައި، އެންޓިޖެން ސެލްފް ޓެސްޓް ކިޓުން އަމިއްލައަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެ ނަމަ ވެސް ޕޮޒިޓިވް މީހުންނަށް އޮތް އުސޫލަށް އަމަލުކުރަންޖެހޭނެ އެވެ. އެކަމަކު އެ މީހުންނަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމެންޓް ދޭނީ ހުއްދަ އޮތް ސިއްހީ އިދާރާއަކުން ޕީސީއާރް ނުވަތަ އެންޓިޖެން ޓެސްޓް ހެދުމަށް ފަހުގަ އެވެ.
މާދަމާއިން ފެށިގެން މި އާ އުސޫލަށް އަމަލުކުރަން ފަށާއިރު، މި އުސޫލުގައިވާ މިންގަނޑަށް ފެތޭ، މިހާރު ކަރަންޓީނުގައި ތިބި މީހުންގެ މައްޗަށް ވެސް ހިނގާ އެވެ.