01 ފެބުރުއަރީ 2022 - 14:08

މޮސްކޯ (ފެބްރުއަރީ 1) - ޔޫކްރޭން މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ ބިރު އެމެރިކާ އިން ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް މޮސްކޯ އިން ބުނެފި އެވެ.
"ބިރުން އަހަރެމެން ފަހަތަކަށް ނުޖެހޭނެ. އެމެރިކާގެ ބިރު ދެއްކުންތަކުގެ އަޑު އަހާނެ،" ވޮޝިންޓަނުގައި ހުންނަ ރަޝިޔާގެ އެމްބަސީން ބުންޏެވެ.
ރަޝިޔާ އެމްބަސީން ބުނެފައި ވަނީ މައްސަލަ އުފައްދަނީ މޮސްކޯ އިން ނޫން ކަމަށާއި އެކަމަކު ވޮޝިންޓަނުން ކަމަށެވެ. އެމްބަސީން ބަޔާން ނެރުނު އިރު ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ފޯނުން މަޝްވަރާ ކުރުމަށް މިއަދު ވަނީ ހަމަޖައްސައިފަ އެވެ.
ދެ ގައުމުގެ މަސްރަހު ހޫނުވެފައި ވަނީ ރަޝިޔާ އިން ޔުކްރޭނަށް އަރައިގަންނަން އުޅޭ ކަމުގެ ތުހުމަތުތައް އެމެރިކާ އިން ކުރަން ފެށުމުންނެވެ. ރަޝިޔާ އިން ބުނެފައި ވަނީ އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށެވެ.
ޔޫކްރޭނަށް ހަމަލާ ދޭން އުޅޭ ނަމަ ރައީސް ލަޑިމިއާ ޕުޓިންގެ އެންމެ އަރިސް މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވައިޓް ހައުސް އިން އިއްޔެ ދީފައިވެ އެވެ. ޔުކްރޭނަށް އަރައިފި ނަމަ ހުޅަނގުގެ ގައުމުތަކާ ގުޅިގެން ރަޝިޔާ އަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ރައީސް ޖޯ ބައިޑަން ވަނީ ޕުޓިން އަށް ދެއްވައިފަ އެވެ.
ރަޝިޔާ އިން ވަނީ 100،000 ސިފައިން ޔުކްރޭނުގެ ބޯޑަރަށް ޖަމާކޮށްފަ އެވެ. ރަޝިޔާ އިން ބުނެފައި ވަނީ އެ ގައުމުގެ ބޯޑަރުގެ ތެރޭގައި ސިފައިން ކޮންމެ ދިމާލަކަށް ގެންދިއުމުގެ ހައްގު އޮންނާނެ ކަމަށެވެ.