އަހަރުގެ ފުރަތަމަ ރީތި ތާރީހުގައި މާލޭގައި 39 ކައިވެނި
އަހަރުގެ ފުރަތަމަ ރީތި ތާރީހުގައި މާލޭގައި 39 ކައިވެނި

މި އަހަރުގެ ރީތި ތާރީހުތަކުގެ ތެރެއިން މާދަމާ އެކަނި ވެސް މާލޭގައި 39 ކައިވެނި ކުރާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.

މާދަމާ، 02/02/22 ގައި މާލޭގެ އިތުރުން ރަށްރަށުގައި ވެސް ގިނަ ބަޔަކު ކައިވެނިކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ރަށްތަކުގައި ކުރާ ކައިވެނީގެ އަދަދެއް ނޭނގެ އެވެ.

މާލޭގައި އާންމުކޮށް ދުވާލަކު ކުރަނީ ދިހަ ވަރަކަށް ކައިވެންޏެވެ.

ފެމިލީ ކޯޓުން ބުނީ މާލޭގައި މާދަމާ 39 މީހަކު ކައިވެނިކުރަން ނިންމާފައިވާއިރު މީގެ ތެރެއިން 28 ކައިވެންޏެއް ކުރަން ނިންމާފައ ވަނީ ކޯޓުގައި ކަމަށާއި ކޯޓުން ބޭރުގައި 11 ކައިވެންޏެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިއަހަރު ދެން އެންމެ އަވަހަށް އަންނާނެ ރީތި ތާރީހަކީ މިމަހުގެ 22 އެވެ. އެއީ 22/2/22 އެވެ. މިއީ މި އަހަރު އެންމެ ގިނަ ބަޔަކު ކައިވެނިކުރާ ދުވަހަށް ވުން ވެސް އެކަށީގެންވެ އެވެ.

މިދިޔަ އަހަރު 21/12/2021 ގައި މާލޭގައި 57 ކައިވެނި އޮތެވެ. އެއީ މުޅި އަހަރަށް ބަލާއިރު ރެކޯޑް އަދަދެކެވެ.