18 ޑިސެމްބަރ 2016 - 08:41

އާމިރު ޚާންގެ އެންމެ ފަހު ފިލްމު "ޑަންގަލް" ރިލީޒްކުރުމުގެ ކުރިން އޭނާ މިހާރު ކުޅެމުން އަންނަ އަނެއް ފިލްމު "ސީކްރެޓް ސުޕަސްޓާ"ގެ ޓްރެއިލާ ލޯންޗުކޮށްފި އެވެ.
"ސީކްރެޓް ސުޕަސްޓާ" އަކީ އިންޑިއާގެ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ ލަވަކިޔާހިތްވާ އަދި އެކަމުގެ ހުނަރު ހުރި އަންހެންކުއްޖެއްގެ ވާހަކަ އެވެ. މި ކުއްޖާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާގެ މަންމަގެ އެހީތެރިކަން ލިބުނަސް ބައްޕަ އެކަމާ ވަރަށް ދެކޮޅެވެ.
މުޅި ދުނިޔެއަށް އޭނާގެ އަޑު އިއްވަން ބޭނުންވެގެން މި އަންހެންކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދަ އެވެ. މި ފިލްމުގައި އާމިރު ހުންނަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ބައްޕީ ލެހެރީ އަޅާ ގަހަނާތަކަށް ވުރެ ވެސް ގިނަ ގަހަނާ ގައިގައި އެލުވައިގެންނެވެ. ރަން ކުލައިގެ އިސްތަށިގަނޑެއްގައި ސްޕައިކް ޖައްސާފައި ހުންނައިރު އޭނާ ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ޔަގީންކުރެވެ އެވެ.
މި ފިލްމުގައި ލަވަކިޔުންތެރިޔަކަށް ބޭނުންވާ އަންހެންކުއްޖާގެ ރޯލު ކުޅެފައިވަނީ "ޑަންގަލް"ގައި އާމިރުގެ ދަރިފުޅެއްގެ ބައި އަދާކުރި ޒާއިރާ ވަސީމް އެވެ.
މިހާރު ފިލްމުގެ ޓްރެއިލާ ރިލީޒްކުރިޔަސް ފިލްމު ނެރޭނީ އަށް މަސް ފަހުން ކަމަށް އާމިރު ބުނެފައިވެ އެވެ.
މި ފިލްމުގައި އާމިރު ކުޅެނީ ވަރަށް ތަފާތު ރޯލެއް ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަދްވައިތު ބުނަނީ އާމިރު ފިލްމު ކުޅެދޭން އެއްބަސްވީ ސްކްރީންޕްލޭ ބެލުމަށް ފަހު ކަމަށެވެ.
އާމިރު ގަބޫލުކުރާ ގޮތުގައި ކިތަންމެ ގިނަ ފިލްމުތަކެއް ކާމިޔާބުވެފައި، ހުނަރުވެރިކަން މޮޅު ކަމަށް ގިނަ ބަޔަކު ގަބޫލުކުރިޔަސް އޭނާއަކީ ސުޕަ ސްޓާރެއް ނޫނެވެ. އަމީތާބު ބައްޗަން އާއި ރަޖްނީކާންތު އަކީ ސުޕަސްޓާރުން ކަމަށާއި އޭނާ އަކީ އެ ދަރަޖަ ދެވޭ ފެންވަރުގެ މީހެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
"ސީކްރެޓް ސުޕަސްޓާ" ޕްރޮޑިއުސްކުރަނީ އާމިރު އާއި އަންހެނުން ކިރަން ރާއޯ އެވެ.