01 ފެބުރުއަރީ 2022 - 13:33

ޕްރިޓޯރިއާ (ފެބްރުއަރީ 1) - ކޮވިޑް-19 އަށް ޕޮޒިޓިވްވިޔަސް އެ ބަލީގެ އަލާމަތްތައް ނުފެންނަ ނަމަ ކަރަންޓީން ނުކުރަން ސައުތު އެފްރިކާ އިން ނިންމައިފި އެވެ.
ބަލީގެ އަލާމަތްތައް ފެންނަ މީހުން ވެސް ކަރަންޓީން ކުރާ މުއްދަތު ވަނީ ތިން ދުވަހަށް ކުރުކޮށްފަ އެވެ. ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވާ މީހަކު ވެސް އަލާމަތްތައް ނުފެންނަ ނަމަ ކަރަންޓީން ވާކަށް ނުޖެހެ އެވެ. މި ބަދަލުތައް ގެނެސްފައި ވަނީ އިއްޔެ ބޭއްވި ކެބިނެޓުގެ ބައްދަލުވުމެއްގަ އެވެ.
ސައުތު އެފްރިކާގެ ރައީސްގެ އޮފީހުގެ މިނިސްޓަރަކު ވިދާޅުވީ އެ ބަދަލުތައް ގެނެސްފައި ވަނީ ބަލި ޖެހޭ މީހުންގެ ނިސްބަތަށް އަންނަ ބަދަލާއި ވެކްސިން ޖެހި މީހުންގެ ރޭޓަށް ބެލުމަށް ފަހު ކަމަށެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅެއް ތަޖްރިބާކުރަމުންދާ ސައުތު އެފްރިކާ މިހާރު ވަނީ ކޮވިޑުގެ ފަސް-ސްޓޭޖުގެ އެލާޓް ލެވަލްގެ ތެރޭން އެންމެ ދަށް ލެވެލްގަ އެވެ.
ސައުތު އެފްރިކާގެ ސްކޫލްތައް ވެސް ވަނީ ޕްރައިމަރީން ފެށިގެން އާދައިގެ މަތިން ކިޔަވަން ފަށަން ނިންމައިފަ އެވެ. ސްކޫލްތަކުގައި ވެސް ތިން ފޫޓުގެ ދުރުމިން ބެހެއްޓުމުގެ އުސޫލު ވަނީ އުވާލައިފަ އެވެ.
އެފްރިކާ އިން ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ގައުމުތަކުގެ ތެރޭގައި ސައުތު އެފްރިކާ ހިމެނެ އެވެ. ސައުތު އެފްރިކާ އިން ވަނީ 3.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި އެ ބަލީގައި 95،093 މީހުން މަރުވެފަ އެވެ. އެ ގައުމުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 1,366 މީހުންނެވެ. އަދި ކޮވިޑްގައި 71 މީހަކު އިއްޔެ މަރުވެފައިވެ އެވެ.