ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އެވޯޑެއް
ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އެވޯޑެއް

މި ހަތް މިނެޓުގެ އެނިމޭޭޓެޑް ކުރު ފިލްމުގައި ދައްކަނީ މިއުޒިއަމެއްގެ ތެރޭ ދައްކާލަން ބަހައްޓާފައިވާ ޖަވާހިރެއް ވަގަށް ނަގަން ބަޔަކު ކުރާ މަސައްކަތެވެ. ވަރަށް ތަފާތު ޕްލޮޓް ޓްވިސްޓަކާ އެކު ނިމޭ މި އެނިމޭޑެޓް ފިލްމަށް، މިހާރު ވަނީ އިންޓަނޭޝަނަލް އެވޯޑެއް ލިބިފަ އެވެ.

"ޕެރެގޮންސް އޮފް ބިލްވާޑް" ކިޔާ މި ފިލްމަކީ މަޝްހޫރު "މާކަނާ ޝޯ"ގެ ފަހަތުގައި ހުރި ކުޅަދާނަ އެނިމޭޓަރު ޔާމިން ރަޝީދު އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ސެލްމިން އެނިމޭޝަންސް ސްޓޫޑިއޯގެ ފަރާތުން ތައްޔާރުކުރި އުފެއްދުމެކެވެ.

ޔާމިން ލިޔެ، ޑައިރެކްޓުކުރި މި ފިލްމަށް، ސިންގަޕޫރުގައި ބޭއްވި ވޯލްޑް ފިލްމު ކާނިވަލުން ލިބުނީ ކްރިޓިކްސް ޗޮއިސް އެވޯޑެވެ. ވިޒުއަލް އާޓްސްގެ ދާއިރާއިން ގައުމީ އިނާމު ވެސް ހާސިލްކޮށްފައިވާ ޔާމިނަށް އަދި ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް އިންޓަނޭޝަނަލް އެވޯޑެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީއާ ގުޅިގެން ޔާމިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މި އެވޯޑް އޭނާ ކާމިޔާބުކުރީ އެމެރިކާ އާއި ކެނެޑާގެ އުފެއްދުންތަކާ ވެސް ވާދަކޮށްގެންނެވެ.

"ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އެވޯޑެއް ލިބި، އެ އެވޯޑް ގައުމަށް ގެންނަން ވަރަށް ފަހުރުވެރިވޭ. މިއީ އަހަރެމެން އެންމެނަށް ވެސް ލިބުނު ކާމިޔާބީއެއް،" ޔާމީން ބުންޏެވެ.

ރާއްޖެ އަށް ކޮމްޕިއުޓާ އެނިމޭޝަން ތައާރުފުކުރުމުގައި އިސް ދައުރެއް އަދާކުރި ޔާމިނަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ ސިޔާސީ ކަންކަމާ ގުޅުވައިގެން ހެދި "މާކަނާ ޝޯ" އިންނެވެ. އެ ޝޯގެ 300 އަށް ވުރެ ގިނަ އެޕިސޯޑު ހެދި އެވެ. ރާއްޖޭގައި އުފައްދާއި، ފުރަތަމަ ފަހަރަށް ޓެލެކާސްޓް ކުރި ކާޓޫން "އަބޫ" އަކީ ވެސް އޭނާގެ މަސައްކަތެކެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި 20 މިނެޓުގެ އެނިމޭޓެޑް ފީޗާ ފިލްމެއް ވެސް އުފެއްދީ އޭނާ އެވެ. އެއީ 2010 ގައި އޮލިމްޕަސް ސިނަމާގައި އެޅުވި "މީ މާކަނާ" އެވެ. އޭނާ ވަނީ ވަރަށް ގިނަ އެނިމޭޓެޑް އިޝްތިހާރުތައް ވެސް ހަދައި ދީފަ އެވެ.