01 ފެބުރުއަރީ 2022 - 12:30

ވެލިންޓަން (ފެބްރުއަރީ 1) - ނިއު ޒީލެންޑުގެ މާބަނޑު ނޫސްވެރިޔާ ވިހެއުމަށްޓަކައި އެ ގައުމަށް އެތެރެވުމުގެ ހުއްދަ އެންމެ ފަހުން ދީފި އެވެ.
ޗާލޮޓް ބެލިސް އަށް ނިއު ޒީލެންޑަށް އެތެރެވުމުގެ ހުއްދަ ކުރިން ނުދިނީ އެ ގައުމުގައި މިހާރު އިއުލާންކޮށްފައިވާ ކޮވިޑުގެ ހަރުކަށި ބޯޑަރު ގަވާއިދުގެ ދަށުންނެވެ. ނަމަވެސް މާބަނޑު އަންހެނަކު ނިއު ޒީލެންޑަށް އެތެރެވުމުގެ ހުއްދަ ނުދިނުމުން އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، ޚާއްސަ އުސޫލުތަކެއްގެ ދަށުން ބެލިސް އެ ގައުމަށް އެތެރެވުމުގެ ހުއްދަ މިއަދު ވަނީ ދީފަ އެވެ. އޭގެ ތެރޭގައި އޭނާގެ ފްލައިޓް ހަމަޖައްސައިދިނުމާއި ކަރަންޓީނު ކުރާނެ ތަނެއް ހަމަޖައްސައިދިނުން ވެސް ހިމެނެ އެވެ.
ނިއު ޒީލެންޑުގެ ބޮޑުވަޒީރުގެ ނައިބް ގްރާންޓް ރޮބަޓްސަން ވިދާޅުވީ ބެލިސް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދިނީ އޭނާގެ މައްސަލަ އަށް ލިބުނު ސަމާލުކަމާ ގުޅިގެން ނޫން ކަމަށެވެ. އަދި މީގެ ކުރިން ވެސް ވާނީ އޭނާ އަށް ދެ ފަހަރެއްގެ މަތިން ކޮންސިއުލާ އެހީތެރިކަން ފޮރުކޮށްދީފައި ކަމަށް ވިދާޅުވި އެވެ.
ބެލިސް ވަނީ އޭނާ ނިއު ޒީލެންޑަށް އެތެރެވާން ކުރި މަސައްކަތް ކާމިޔާބުނުވުމުން ނިއު ޒީލެންޑް ހެރަލްޑް ނޫހުގައި އޭނާގެ ތަޖްރިބާ ހިއްސާކޮށް މިދިޔަ ހަފުތާގައި ކޮލަމެއް ލިޔެފަ އެވެ.
ކޮވިޑުގެ އުސޫލުތަކުގެ ދަށުން، ނިއު ޒީލެންޑަށް އެތެރެވުމުގެ ހުއްދަ މިހާރު ދެނީ އެ ގައުމުގެ ރައްޔިތުންނާއި ޕާމަނެންޓް ރެސިޑެންޓްސް އިންނަށެވެ. އެކަމަކު އެ ހުއްދަ ވެސް ދެނީ ހޮޓަލެއްގައި 10 ދުވަސް ކަރަންޓީންވާން ޝަރުތު ކުރުމަށް ފަހު އެވެ.
ކަރަންޓީން ފެސިލިޓީތަކުގެ ޑިމާންޑް ބޮޑުވުމުން، ނިއު ޒީލެންޑަށް ދާން ބޭނުންވާ މީހުންގެ ތެރޭން ވެސް ހުއްދަ ލިބެނީ ވަރަށް މަދު ބަޔަކަށެވެ. ކަރަންޓީނަށް މަހަކަށް ހުއްދަ ދެނީ 800 ކޮޓަރިއަށެވެ.
ބެލިސްގެ އެ ތަޖްރިބާ އޭނާ ވަނީ ތާލިބާނުން އޭނާއާ މެދު ކަންތައް ކުރިގޮތާ އެއްހަމަކޮށްފަ އެވެ. ނިއު ޒީލެންޑަށް އެތެރެނުވެވުމުން ބެލިސް ވަނީ، ކައިވެނިން ބޭރުން މާބަނޑުވެފައިވާ އަންހެނަކަށް އަފްޣާނިސްތާނުން މަރުހަބާ ކިޔާނެތޯ ތާލިބާނުންގެ ކިބައިން އެދިފަ އެވެ. ބެލިސް އާއި އޭނާގެ ޕާޓްނަރު، ބެލްޖިއަމްގެ ފޮޓޯ ޖާނަލިސްޓް މިދިޔަ އަހަރު މަސައްކަތް ކުރީ އަފްޣާނިސްތާނުގަ އެވެ. އެ ދެ މީހުން ދިޔައީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުން ކަވަރު ކުރަމުންނެވެ. ބެލިސް އާއި އޭނާގެ ޕާޓްނަރަށް ވިސާ އޮތް ހަމައެކަނި ގައުމަކީ އަފްޣާނިސްތާނެވެ. ކާބުލްގައި ބެލިސް މަސައްކަތް ކުރީ އަލް ޖަޒީރާގެ ރިޕޯޓަރެއްގެ ގޮތުގަ އެވެ.
އުމުރުން 35 އަހަރުގެ ބެލިސް އަށް މާބަނޑުކަން އެނގުނީ ގަތަރުގެ ދޯހާގައި ހުންނަ އަލް ޖަޒީރާގެ ހެޑްކުއާޓަރުގައި މަސައްކަތް ކުރަނިކޮށެވެ. ކައިވެނިން ބޭރުން ކުދިން ހޯދުމަކީ ގަތަރުގައި މަނާ ކަމަކަށްވާތީ ބެލިސް ވަނީ އޭނާ މާބަނޑުކަން ސިއްރުކޮށް ވިހަން ނިއު ޒީލެންޑަށް ދާން ނިންމައިފަ އެވެ. އެކަމަކު ނިއު ޒީލެންޑަށް އެތެރެ ނުވެވުމުން އޭނާ ވަނީ ތާލިބާނުންގެ އެހީއަށް އެދިފަ އެވެ.
"އަފްޣާނިސްތާނަށް އާދޭ. އެއްވެސް މައްސަލައެއް ދިމަލެއް ނުވާނެ. މީހުން ގާތު ބުނޭ ކައިވެނިކޮށްގެންނޭ އުޅެނީ. އެކަމަކު މައްސަލަ ބޮޑުވެއްޖެ ނަމަ އަހަރެމެންނަށް ގުޅާ،" ތާލިބާނުންގެ އެހީ އަށް އެދުމުން އެ މީހުން ދިން ޖަވާބު ބެލިސް ހިއްސާކޮށްފައިވެ އެވެ.
ބެލިސްގެ ކޮލަމަށް ފަހު ނިއު ޒީލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބެލިސް އަށް ގުޅައި އިމަޖެންސީ ކަރަންޓީން ލޮކޭޝަނެއް ހަމަޖައްސައިދީފަ އެވެ. އަދި އިމަޖެންސީ ކެޓަގަރީގެ ދަށުން ވިސާ އަށް އެދުމަށް ބެލިސް އަށް ވަނީ އަންގައިފަ އެވެ.