01 ފެބުރުއަރީ 2022 - 12:41

ރ. އުނގޫފާރު ބިން ހިއްކުމަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުން، އަތޮޅު ކައުންސިލްގެ ހުއްދައަކާ ނުލައި މަތި ކޮމަންޑޫ މަޝްރޫއުގެ ބިން ހިއްކުމަށް ވެލި ނަގާތީ އެކަން ހުއްޓުވަން އެ ކައުންސިލުން ސަރުކާރުގައި އެދިއްޖެ އެވެ.
ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް "މިހާރު" އަށް މިއަދު ވިދާޅުވީ ދުވާފަރުގެ ބޭރުގައި އޮތް ސަރަހައްދުން 410،000 ކޮޑިމީޓަރުގެ ވެލި ނަގައިގެން އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަން އީއައިއޭ ރިޕޯޓު ހަދައި މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައި ވަނިކޮށް، ބަޖެޓްގައި ނެތް މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫއަށް އެ ތަނުން ވެލި ނަގަން ފަށާފައިވާ ކަމަށެވެ.
ޕީޕީއެމްގައި އިސްކޮށް ކުރިން ހަރަކާތްތެރިވެ ވަޑައިގަތް ނާސިފް ވިދާޅުވިގޮތުގައި، މަތިކޮމަންޑޫ ހިއްކަން ރ. އަތޮޅުން 580،000 ކޮޑިމީޓަރުގެ ވެލި ނެގޭނީ އަލުން އީއައިއޭ ރިޕޯޓެއް ހަދައިގެންނެވެ. އެކަމަކު، އެ ރިޕޯޓް ވެސް ނުހަދައި ވެލި ނަގަން ފެށުމުން އެކަން ހުއްޓުވައި ދިނުމަށް އެދި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުނގޫފާރުގެ ބިން ހިއްކަން ހެދި އީއައިއޭގައި އޮންނާނީ ހަތަރު ލައްކަ ކޮޑިމީޓަރުގެ ވެލި ނަގަން. އެ އަށް ވުރެ އިތުރަށް ވެލި ނަގަން މި އުޅެނީ. އެހެންވެ އަލުން އީއައިއޭ ހަދަން ޖެހޭނެ. އެއް މަޝްރޫއެއް ނޫން މިއީ މުޅިން އެހެން މަޝްރޫއެއް،" ނާސިފް ވިދާޅުވި އެވެ.
އެ ތަނުން ވެލި ނެގުމުގެ ހުއްދައަކަށް ޕްލޭނިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އަތޮޅު ކައުންސިލްގައި އެދިފައިވާ ކަމަށް ނާސިފް ވިދާޅުވި އެވެ. ނަމަވެސް ހުރިހާ ކައުންސިލެއްގެ ރައީސުންނާ މަޝްވަރާ ކުރުމަށް ފަހު، މިދިޔަ އާދީއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީ އަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، އާދީއްތަ ދުވަހުގެ މެންދުރު ފަހު، އެ ބައްދަލުވުން ބޭއްވުމުގެ ކުރިން މަހާޖައްރާފް އެ ސަރަހައްދަށް ކައިރިކޮށް، ވެލި ނަގަން ފަށާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ފުލުހުން ކައިރީގައި ވެސް އެދުނު ކަމަށް ނާސިފް ވިދާޅުވި އެވެ.
"އެ ދުވަހު 10 ޖެހިއިރު ދުވާފަރު ކައުންސިލުން ޚަބަރު ދެނީ މަހާޖައްރާފު ވެލި ނަގަން ފަށައިފި ކަމަށް. ޕްލޭނިން މިނިސްޓްރީ އަށް ގުޅީމާ ބުނީ ވެލި ނެގޭތޯ ބަލަން ޓެސްޓް ކޮށްލަނީއޭ. އެކަމަކު ގޮތެއް ނިންމަން ބާއްވާ ބައްދަލުވުން ފެށެންވާއިރަށް މަހާޖައްރާފު ވެލި ބަރުކޮށްފި،" އޭނާ ވިދާޅުވި އެވެ.
"މައްސަލައެއް ނެތް ވެލި ނެގިޔަސް. ނަމަވެސް ކުރިން ބަޖެޓްކޮށް، އީއައިއޭ ހެދި މަޝްރޫއު ބާއްވާފައި ބަޖެޓުގައި ވެސް ނެތް މަޝްރޫއެއް ހިންގަން ސިޔާސީ މަންފާއެއް ހާސިލް ކުރަން ކުއްލިއަކަށް މިކަން ކުރާތީ މައްސަލައަކީ."
އެ މައްސަލައިގައި "މިހާރު" އިން ސުވާލު ކުރުމުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް "މިހާރު" އަށް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ވެލި ނެގުމުގެ ކަންކަން ކުރިއަށް ދަނީ ލާމަރުކަޒީ ގާނޫނާއި ތިމާވެއްޓާ ބެހޭ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށް ނައީމް ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ ސަރުކާރުގެ އެއްވެސް މަޝްރޫއެއްގެ އެއްވެސް ކަމެއް ހުއްދަ ނުނަގައި ނުހިންގާނެ ކަމަށެވެ. އަދި މަތިކޮމަންޑޫ މަޝްރޫއުގައި ހިމެނޭ ވެލި ނެގުމުގެ މަސައްކަތް ކުރުމަށް އީޕީއޭ އިން ހުއްދަ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުރެވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އެ ނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެއް ކަމަށް އެ ގާނޫނުގައި ބުނެ އެވެ.
އަދި ގައުމީ ތަރައްގީ އާ ގުޅުން ހުރި ކަމަކާ ގުޅޭ މަޝްރޫއެއް ކުރިޔަށް ގެންދަން ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ދައުލަތުން ބޭނުންވެއްޖެ ނަމަ އެ މަޝްރޫއެއް ހިންގަން ކައުންސިލުން ދައުލަތަށް ހުއްދަ ދޭން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.