18 ޑިސެމްބަރ 2016 - 08:40

ކޮންމެ ހުކުރު ދުވަހަކު ވެސް އާ ފިލްމުތައް ރިލީޒް ކުރިޔަސް އިންޑިއާގެ ގިނަ ބަޔަކަށް މިހާރު ކުރިމަތިވެފައިވާ ފައިސާ ނެގުމާއި މާރުކުރުމުގައި ހުރި ދަތިތަކުގެ އަސަރު ހުރިހާ ފިލްމުތަކަށް ވެސް ދަނީ ކުރަމުންނެވެ.
ކުއްލިއަކަށް ބޮޑެތި ނޫޓުތައް ބޭނުންކުރުން އިންޑިއާގައި ހުއްޓާލި ދުވަސްކަމަށް ވާ ނޮވެމްބަރު 8 އިން ފެށިގެން މިހާތަނަށް ރިލީޒްކުރި އެއްވެސް ފިލްމަކަށް އެކަށީގެންވާ ވިޔަފާރި ވެފައެއް ނުވެ އެވެ. ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އާއި ރަންވީރު ސިންގް ގެ "ބޭފިކްރޭ" ފިޔަވަ އެވެ. މި ދެ ފިލްމު ވެސް ހިނގަންވާ ވަރާ ގާތަށް ވެސް ނުހިނގަ އެވެ. ނަމަވެސް ޚަރަދު ބަޗާ ފައިދާވި އެވެ.
ޓީވީ އެކްޓަރު ގުރްމީތު ޗައުދަރީ އާއި ސަނާ ޚާންގެ "ވަޖާ ތުމް ހޯ" ވެސް ރިލީޒްކުރަން އޮތީ ނޮވެމްބަރު މަހު އެވެ. ނަމަވެސް ވަގުތާއި ހާލަތަށް ބަލާފައި ފިލްމު ރިލީޒްކުރުން ފަސްކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހު ވަނީ އަޅުވާފަ އެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ޝޯތަކުގެ އޮކިއުޕަންސީ އުޅެނީ 15-20 ޕަސެންޓްގަ އެވެ. މިއީ ކުޑަ ބަޖެޓް ފިލްމަކާ ބަލާފައި އެވްރެޖް ވަރެއް ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެ އެވެ.
ނަމަވެސް ފާޑުކިޔުންތެރިން ބުނަނީ މިއީ އެއްގޮތަކަށް ވެސް ބަލާލަން ކަމުދާ ކަހަލަ ފިލްމެއް ނޫން ކަމަށެވެ. ފިލްމާ ދޭތެރޭ ކްރިޓިކްސް ދައްކާނެ އެއްވެސް ރަނގަޅު ވާހަކައެއް ނެތެވެ. މިފަދަ އެރޯޓިކް ތުރިލާއަކަށް މީގެ ކުރިން ނުކުތީ ހަމަ މިފިލްމު ޕްރޮޑިއުސްކުރި ޓީ-ސީރީޒް އިން އުފެއްދި "ހޭޓް ލަވް ސްޓޯރީޒް 3" އެވެ. އެކަމަކު އެ ފިލްމު ހިނގި ވަރާ ގާތަށް ވެސް "ވަޖާ ތުމް ހޯ" ހިނގާނެ ކަމަކަށް މިހާރު ލަފައެއް ނުކުރެވެ އެވެ.