01 ފެބުރުއަރީ 2022 - 11:04

އެކި ސަބަބުތަކާ ހެދި، ސިއްހީ ދައިރާގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދެވޭ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގާނޫނުގައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެ އެވެ. އެކަމަކު އަދިވެސް ބައެއް ތަންތަނުގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތީ އެކަމާ ދަނީ ޝަކުވާ ކުރަމުންނެވެ.
މި މައްސަލައިގައި، ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމްއާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ މުސާރަތައް ލަސްވީ ބައެއް މުއައްސަސާތަކުން ފޮނުވަން ޖެހޭ މުސާރަ ޝީޓްތައް ނުފޮނުވައިގެން ކަމަށެވެ. މީގެ ތެރޭގައި ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް ވެސް ހިމެނެ އެވެ. ފިނޭންސް މިނިސްޓްރީން މުސާރަ ޖަމާކުރާނީ އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް، މުސާރަ ޝީޓުތައް ފޮނުވުމުންނެވެ.
"އައިޖީއެމްއެޗުން ވެސް [މުސާރަ ޝީޓް] ފޮނުވީ އިއްޔެ ވަރަށް ލަހުން. ހެލްތުގައި ވެސް މުވައްޒަފުންތަކެއް ބަލިވެ އުޅޭތީ ލަސްތަކެއް ވެގެން އުޅެނީ. މުސާރަ ޝީޓްތައް [މިހާތަނަށް] ފޮނުވި ތަންތަނަށް މުސާރަ ޖަމާވެފައި ހުރީ،" ލަމްއާން ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗުގެ މުވައްޒަފުންގެ އިތުރުން ފުލުހުންގެ މުސާރަ ވެސް މި މަހު ލަސްވި އެވެ. ނަމަވެސް ފުލުހުންގެ މުސާރަ އިއްޔެ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުގެ އިދާރާއެއްގެ އެޗްއާރުގެ މަގާމުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މައުލޫމާތު ހާމަ ނުކުރުމަށް އެދި "މިހާރު" އަށް ބުނީ މި މަހުގެ މުސާރަ ޝީޓްތައް ލަސްވީ މިނިމަމް ވޭޖާ ގުޅިގެން މުސާރަތަކަށް ބަދަލު ގެންނަން ޖެހުމުން ކަމަށެވެ.
އެކަމަކު، ފިނޭންސް މިނިސްޓްރީން އެ ވާހަކަ ދޮގުކުރެ އެވެ.