01 ފެބުރުއަރީ 2022 - 06:16

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އާއިލާއިން ވައިޓް ހައުސްގައި ބުޅަލެއް އޮޅުކޮށްގެން ގެންގުޅެން ފަށައިފި އެވެ.

ބައިޑެންގެ އަނބިކަނބަލުން އަދި އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑެން ވަނީ އެ އާއިލާއިން ހުދާއި އަޅި ކުލައިގެ އަންހެން ބުޅަލެއް އޮޅުކޮށްގެން ގެންގުޅުއްވާ ކަން އިއުލާންކުރައްވައިފަ އެވެ.

އެ ބުޅަލަށް ކިޔަނީ "ވިލޯ" އެވެ. ބުޅަލަށް މި ނަން ދީފައި ވަނީ ޖިލްގެ އުފަން ޓައުން، ޕެންސެލްވޭނިއާގެ ވިލޯ ގްރޯވް އަށް ނިސްބަތްކޮށް ކަމަށް އޭނާގެ ތަރުޖަމާން މައިކަލް ލަރޯސާ ވިދާޅުވި އެވެ.
ވިލޯ އަކީ 2020 ވަނަ އަހަރު، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިޑެން ވާދަކުރައްވަން ކެމްޕެއިން ކުރެއްވި ދުވަސްވަރު، ޕެންސެލްވޭނިއާގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޖިލް ވާހަކަދައްކަވަނިކޮށް، ސްޓޭޖު މައްޗަށް އެރި ފަހުން، އޭނާގެ ސަމާލުކަން ލިބުނު ބުޅަލެކެވެ.
އެއީ ޕެންސެލްވޭނިއާގެ ފާމެއްގައި ބަޔަކު ގެންގުޅުނު ބުޅަލެކެވެ.
ބައިޑެންގެ އާއިލާއިން ވައިޓް ހައުސްގައި ކުއްތާ ވެސް ގެންގުޅެ އެވެ. އެމީހުން ވަރަށް ލޯބިން ގެންގުޅު އެއް ކުއްތާއެއް މިދިޔަ އަހަރު މަރު ވެސް ވި އެވެ.