01 ފެބުރުއަރީ 2022 - 06:16

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާ ލޯބިވެރިއެއް ގެންގުޅޭ ކަމުގެ އަޑުގަދަ ވެއްޖެ އެވެ.
މި އަޑުގަދަވީ މިދިޔަ ހަފުތާ ބަންދުގައި ރިތިކް އާއި އަންހެން ކުއްޖަކު އަތުގައި ހިފައިގެން ރެސްޓޯރަންޓަކުން ނިކުންނަ މަންޒަރު ޕަޕަރާޒީންނަށް ފެނުމުންނެވެ.
އަންހެން ކުއްޖާ އާއި ރިތިކް ވެސް މާސްކް އަޅައިގެން ތިބިއިރު، ޕަޕަރާޒީން އެ ދެމީހުންގެ ފޮޓޯ އާއި ވީޑިއޯ ނަގަން ފެށުމުން ވެސް އަތުން ދުލެއް ނުކުރެ އެވެ. އެހެންވެ، އެ ގުޅުން ރިތިކް އާންމުކުރީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ގިނަ އަންހެން ކުދިންތަކެއްގެ ހިތްތައް ވެސް ފަތަހަކުރަމުން އަންނަ ރިތިކްގެ އަތުގައި ހިފައިގެން ހުރީ ސަބާ އަޒަދު އެވެ. އުމުރުން 32 އަހަރުގެ ސަބާ އަކީ ބައެއް ފިލްމުތަކުގައި އެކްޓްކޮށްފައިވާ ފަންނާނެކެވެ. އަދި މިއުޒިޝަނެއް ވެސް މެ އެވެ.
އުމުރުން 48 އަހަރުގެ ރިތިކް ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފަ އެވެ. ގާތްގަނޑަކަށް 14 އަހަރު ފަހުން އެ ކައިވެނި ރޫޅުނީ 2014 ގަ އެވެ.
އެ ކައިވެންނަށް ދެ ދަރިން ވެސް ލިބިފައިވާއިރު ރިތިކް އާއި އޭނާގެ ކުރީގެ އަންހެނުން ސުޒޭން ހާން ފާހަގަވީ ދަރިންގެ ކަންކަން ވެސް އެކީގައި ވަރަށް ރަނގަޅަށް ބަލަހައްޓާ ދެމަފިރިންގެ ގޮތުގަ އެވެ. އަދި ވަރީގެ ފަހުން ވެސް ދަރިންގެ ކަންކަމުގައި އެ ދެ މީހުން އެކީގައި އުޅޭތީ އަލުން ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ވެސް ކުރިން އިވުނެވެ.
އެކަމަކު ސުޒޭން ވެސް މިހާރު އެހެން މީހަކާ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.