01 ފެބުރުއަރީ 2022 - 06:12

ސްޓާ ޕްލަސް އިން ދައްކާ "އަނުޕަމާ" އަކީ މިވަގުތު އެންމެ ގިނަ ބަޔަކު ބަލާ ޑްރާމާ ސިލްސިލާ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޝޯ އަށް އޮތް ތަރުހީބު ބޮޑުވެ، އަނުޕަމާގެ ރޯލު ކުޅޭ އެކްޓްރެސް ރުޕާލީ ގަންގުލީގެ މަގުބޫލުކަން ވެސް ވަނީ ބޮޑުވެފަ އެވެ.
ކުރިން ވެސް ބައެއް ޑްރާމާތަކާއި ފިލްްމުތަކުން ވެސް ފެނިފައިވާ 44 އަހަރުގެ ރުޕާލީގެ މަޝްހޫރުވެ އޭނާ އަށް މިވަނީ މިވަގުތު އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ އަގުބޮޑު ތަރީގެ ލަގަބު ވެސް ލިބިފަ އެވެ. މަޝްހޫރު އެތައް ފަންނާނުން ފަހަތަށް ޖައްސާލާއި، މި ޖާގަ ރުޕާލީ އަށް ކަށަވަރުވީ އެ ޑްރާމާ މަގުބޫލުވެ، އޭނާ އަށް ލިބޭ އާމްދަނީ ބޮޑުވުމުންނެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި ރުޕާލީ، އަނުޕަމާގެ ރޯލު ފެށީ ދުވާލަކަށް 1.5 ލައްކަ ރުޕީސް ލިބޭ ގޮތަށެވެ. އެކަމަކު މި ޑްރާމާ މާ މަޝްހޫރުވުމުން، އޭނާގެ އަގު ދެގުނަ އިތުރަށް އުފުލުނީ އެވެ.
މިހާރު ދުވާލެއްގެ މައްޗަށް އޭނާ އަށް ތިން ލައްކަ ރުޕީސް ލިބެ އެވެ. މިއީ އެންމެ މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ ރާމް ކަޕޫރާއި ރޯނިތު ބޯސް ރޯއީމެންނަށް ވެސް ނުލިބޭ ވަރުގެ ބޮޑު އަދަދެކެވެ.
ދިވެހިން މެދުގައި ވެސް މިހާރު ވަރަށް މަގުބޫލު ޑްރާމާއެއް ކަމަށްވާ އަނުޕަމާ ދައްކަނީ އާއިލީއެއްގެ ތެރޭގައި ޖެހޭ މައްސަލަތަކެކެވެ. އެކަމަކު އެ މައްސަލަތައް ހައްލުކުރުމަށް، ހިތްހެޔޮ ކަމާ އެކު އަނުޕަމާ ކުރާ ކަން ކަމުން، އެ އާއިލާގެ ލޯބި އޭނާ އަށް ލިބެ އެވެ.