31 ޖެނުއަރީ 2022 - 15:38

ސްރީ ލަންކާގެ ހިއްކަޑުވާގައި އިއްޔެ ނިމުނު ރެޑްބުލް ރައިޑް މައި ވޭވް ސާފިން މުބާރާތުގައި ރާއްޖޭން ބައިވެރިވި އެތުލީޓުންނަށް ރަނގަޅު ތަޖުރިބާއެއް ކުރެވިއްޖެ ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ރާޅާއެޅުމުގެ ގައުމީ މުބާރާތަށް ފަހު މި އަަހަރަށް ނެގި ރާއްޖޭގެ ގައުމީ ސާފިން ޓީމުގެ ހަތަރު އެތުލީޓުންގެ އިތުރުން ފަސް ސާފަރުން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ ދެ ބައިވެރިޔަކު ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.
އަންހެން 23 އެތުލީޓުންނާއި 89 ފިރިހެން އެތުލީޓުން ވާދަކުރި މި މުބާރާތުގެ އަންހެން އިވެންޓުގައި ރާއްޖޭން ވާދަކުރި ހަމައެކަނި އަންހެން އެތުލީޓް އާޔާ ނަސީމް ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އަދި ރާއްޖޭގެ އެންމެ ކާމިޔާބު ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) ވެސް ވަނީ ފިރިހެން ބައިގެ ސެމީ ފައިނަލާހަމައަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް ސެމީން ބަލިވެގެން ދެ އެތުލީޓުންނަށް ވެސް ފައިނަލުގެ ޖާގަ ގެއްލުނީ އެވެ.
ފިރިހެން އެތުލީޓުންގެ ތެރެއިން އިބޫގެ އިތުރުން ރާއްޖޭގެ ފުރަތަމަ ލޯންގްބޯޑް ޗެމްޕިއަން އިސްމާއިލް މިގްލާލް (ކުޑައިއްސެ) އާއި، ގައުމީ ޓީމުގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) އަދި ނަޖާހް އަހުމަދު (ކަބޯ) ކެޓީ ކުއާޓާ ފައިނަލުންނެވެ. ކަބޯ އަކީ މިއަހަރު މުޅިން އަލަށް ގައުމީ ޓީމުގައި ހިމެނުނު އެތުލީޓެކެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ ބެޖް ހާސިލް ކޮށްފައިވާ ރާއްޖޭގެ ތަޖުރިބާކާރު ޖަޖް ނަހްޝަލް ނާސިރު (ނަހޫ) ވަނީ މުބާރާތުގެ ޖަޖިން ޕެނަލްގައި ހިމެނިގެން ފަނޑިޔާރުކަން ކޮށްފަ އެވެ.
އެމްއެސްއޭ އިން ވަނީ، ސާފިންގައި މިއަހަރު ރާއްޖޭން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ފެށުމުގެ ކުރިން އެތުލީޓުންނަށް މި މުބާރާތުގެ ތަޖުރިބާ މުހިއްމު ވާނެ ކަމަށް ކުރިން ބުނެފަ އެވެ. ރާއްޖެ އާއި ލަންކާގެ އިތުރުން ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ، އިންގްލެންޑާއި ފްރާންސް އަދި މިނޫން ވެސް ގައުމުތަކުގެ ސާފަރުން މުބާރާތުގައި ވާދަކޮށްފައިވެ އެވެ.
މުޅިން އަލަށް މި އަހަރަށް ރާއްޖޭގެ ޖޫނިއާ ސާފިން ގައުމީ ޓީމެއް ވެސް އެކުލަވާލާފައިވާއިރު، ޖޫނިއާ ޓީމުގައި ހިމެނޭ 11 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ މި މަހު ކުރީކޮޅު ލަންކާގެ ހިއްކަޑުވާގައި ބޭއްވި ޖޫނިއާ ޕްރޯ މުބާރާތުގައި ވާދަކޮށް ފައިނަލަށް ދަތުރު ކޮށްފަ އެވެ. ފައިނަލުގައި ކަޔާން ނިންމީ ހަތަރުވަނައިގަ އެވެ.