ރަޝިޔާ އަށް އެމެރިކާގެ އިންޒާރާ އެކު ސަލާމަތީ މިޖިލިސް ބައްދަލު ކުރަނީ
ރަޝިޔާ އަށް އެމެރިކާގެ އިންޒާރާ އެކު ސަލާމަތީ މިޖިލިސް ބައްދަލު ކުރަނީ

ވޮޝިންޓަން (ޖެނުއަރީ 31) - ޔޫކްރޭނަށް ރަޝިޔާ އިން އަރައިގެންފި ނަމަ ނޭޓޯގެ ގައުމުތަކާ ގުޅިގެން މޮސްކޯއާ ދެކޮޅަށް ދަތިކުރާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފައި ވަނިކޮށް އދ.ގެ ސަލާމަތީ މަޖިލިސް ބައްދަލުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ޔުކްރޭނުގެ ބޯޑަރަށް ރަޝިޔާ ސިފައިން ޖަމާކުރަމުން ދިއުމާ އެކު އެ ގައުމުން ޔުކްރޭނަށް އަރައިގެންފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ރަޝިޔާ އިން ބުނެފައި ވަނީ އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން ގުޅިގެން ދަނީ ރަޝިޔާ އިން ޔުކްރޭނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް ނާޅާނެ ގޮތަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތް ކުރަމުންނެވެ. އެ ބޭނުމުގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާ އިން ވަނީ ހުށަހަޅައިފަ އެވެ.

އެމެރިކާގެ އަންޑަސެކްރެޓަރީ އޮފް ސްޓޭޓް ވިކްޓޯރިއާ ނުލާންޑް ވިދާޅުވީ އެމެރިކާ އާއި ނޭޓޯ ގުޅިގެން ރަޝިޔާ އަށް ވަނީ ސަލާމަތީ ހުށަހެޅުމެއް ހުށަހަޅާފައި ކަމަށެވެ. ހުށަހެޅުމުގައި ވަނީ އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުންގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވެސް ހިމަނައިފަ އެވެ.

ރަޝިޔާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ޔުކްރޭނަށް އަރައިގަންނަން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ނޭޓޯގައި ޔުކްރޭން ބައިވެރި ނުކުރުމަށް ރަޝިޔާ އިން ދަނީ އެދެމުންނެވެ.

ފިނި ހަނގުރާމަ އަށް ފަހު ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކުގެ ގުޅުން މިހާބޮޑަށް ދަށަށް ދިޔަ ދުވަސްވަރެއް ނުދެ އެވެ.