މިސައިލުން ނެގި ޖައްވީ ފޮޓޯތައް ނޯތު ކޮރެއާ އިން އާއްމުކޮށްފި
މިސައިލުން ނެގި ޖައްވީ ފޮޓޯތައް ނޯތު ކޮރެއާ އިން އާއްމުކޮށްފި

ޕިއޮންޔަން (ޖެނުއަރީ 31) - ވޭތުވެދިޔަ ފަސް އަހަރު ދުވަހު ތެރޭ ނޯތު ކޮރެއާ އިން ފޮނުވާލި އެންމެ ބާރުގަދަ މިސައިލުގެ އެހީގައި ނަގާފައިވާ ޖައްވީ ފޮޓޯތަކެއް އެ ގައުމުން މިއަދު އާއްމުކޮށްފި އެވެ.

މިސައިލުން ނެގި ޖައްވީ ފޮޓޯތައް ނޯތު ކޮރެއާ އިން އާއްމުކޮށްފި
މިސައިލުން ނެގި ޖައްވީ ފޮޓޯތައް ނޯތު ކޮރެއާ އިން އާއްމުކޮށްފި

މިސައިލުން ނެގި އާދަޔާޚިލާފު ފޮޓޯތަކުން ވަނީ ކޮރެއަން ޕެނިންސުލާ އާއި ވަށައިގެންވާ ސަރަހައްދުތައް ދައްކާލައިފަ އެވެ.

ނޯތު ކޮރެއާ އިން ޓެސްޓްކޮށްފައި ވަނީ ހުވަސޮންގް-12 އިންޓަމީޑިއޭޓް ރޭންޖުގެ ބެލިސްޓިކް މިސައިލެއް ކަމަށް ޕިއޮންޔަންގް އިން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. މި މިސައިލުގެ ފުލް ޕަވަރުގައި ނަމަ އެއީ އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމު ފަދަ ތަންތަނަށް ހަމަލާދެވޭ ވަރުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.

ނޯތު ކޮރެއާ އިން އެންމެ ފަހުން ކުރި ޓެސްޓާ ގުޅިގެން ވަނީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުންތައް ފާޅު ކުރަން ފަށައިފަ އެވެ. ޖެނުއަރީ މަހު އެކަނި ވެސް ނޯތު ކޮރެއާ އިން ވަނީ ރެކޯޑް އަދަދަކަށް މިސައިލް ޓެސްޓްކޮށްފަ އެވެ. ނޯތު ކޮރެއާގެ މިސައިލް ޓެސްޓްކުރުން އެންމެ ބޮޑަށް ކުށްވެރިކޮށްފައި ވަނީ ސައުތު ކޮރެއާ، ޖަޕާން އަދި އެމެރިކާ އިންނެވެ.

ނޯތު ކޮރެއާ އިން ބެލިސްޓިކް އަދި ނިއުކްލިއާ ހަތިޔާރު ޓެސްޓްކުރުން އދ. އިން ވަނީ މަނާކޮށްފަ އެވެ. އަދި އެ ގައުމާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު ވެސް އަޅައިފަ އެވެ. އެކަމަކު އިރުމަތީ އޭޝިއާގެ ގައުމުން ތަކުރާރުކޮށް ދަނީ އދ.ގެ އެންގުމާ ޚިލާފުވަމުންނެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަނީ އެ ގައުމުގެ ދިފާއު ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނޯތު ކޮރެއާގެ އެންމެ ފަހުގެ މިސައިލް ޓެސްޓް އެންމެ ފުރަތަމަ ރިޕޯޓްކުރީ ސައުތު ކޮރެއާ އާއި ޖަޕާނުންނެވެ. އެ ދެ ގައުމުން ބުނެފައިވާ ގޮތުގައި ފުލް ސްޕީޑުގައި ނަމަ އެ މިސައިލް 4،000 ކިލޯ މީޓަރަށް ދަތުރުކުރާނެ އެވެ.

ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ މިސައިލް ޓެސްޓްކޮށްފައި ވަނީ އޭގެ މިސްރާބު ބަރާބަރުކަން ޔަގީން ކުރުމަށްޓަކައި ކަމަށެވެ. ރަސްމީ މީޑިއާ އިން ވަނީ މިސައިލްގެ ވޯހެޑްގައި ހަރުކޮށްފައިވާ ކެމެރާއަކުން ނަގާފައިވާ ފޮޓޯތަކެއް ވެސް އާއްމުކޮށްފަ އެވެ.

އެއް ފޮޓޯއެއް ފެންނަނީ މިސައިލް އުދުއްސާލާ މަންޒަރެވެ. އަދި މިސައިލް ޖައްވުގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް ވެސް ފޮޓޯ ނަގާފައިވެ އެވެ.