06 ޖޫން 2016 - 15:48

ނިއު ދިއްލީ (ޖޫން 6) - އިންޑިއާގެ އެންމެ މަޝްހޫރު ބޮޑީބިލްޑަރު މަނޯހަރު އައިޗް އުމުރުން 104 އަހަރުގައި ކަލްކަތާގައި އިއްޔެ މަރުވެއްޖެ އެވެ.

މަނޯހަރުގެ އާއިލާ އިން ބުނީ އޭނާ މަރުވީ މުސްކުޅި ބަލީގައި ކަމަށެވެ. އޭނާ އަށް ވަނީ ހަތަރު ކުދިން ލިބިފަ އެވެ.
މަނޯހަރަކީ އިންޑިއާގެ ފުރަތަމަ މިސްޓަ ޔުނިވާސް އެވެ. އޭނާ 1952 ވަނަ އަހަރު އެ މަގާމު ހޯދި އިރު އިންޑިއާ އަށް މިނިވަންކަން ލިބުނުތާވީ ފަސް އަހަރެވެ. އިސްކޮޅުގައި ހަތަރު ފޫޓު 10 އިންޗި ހުންނަ ބޮޑީބިލްޑަރު މަޝްހޫރުވެފައި ވަނީ "ޕޮކެޓް ހާކިއުލްސް"ގެ ނަމުންނެވެ.
މަނޯހަރުގެ ކެރިއަރު ފެށީ ސްޓަންޓް ހަދާ މީހެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާގެ ޖާދޫގެ ހަރަކާތްތަކުން ގިނަ ބަޔަކު ކޮސް ކޮށްލި އެވެ. މި ގޮތުން ދަތުން ދަގަނޑު ލެނބުމާއި ކަނޑީގެ މިޔަމަތީގައި މަޑު ޖައްސައިގެން އޮތުން ހިމެނެ އެވެ. މަނޯހަރު އެންމެ ފަހުން ޕާފޯމްކޮށްފައި ވަނީ އޭނާގެ އުމުރުން 89 އަހަރުގަ އެވެ.
ބްރިޓިޝް އިންޑިއާގެ ރޯޔަލް އެއާފޯސްގެ ފިޒިކަލް އިންސްޓްރަކްޓަރުގެ މަގާމު 1942 ވަނަ އަހަރު ލިބުމާ އެކު އޭނާ ވެސް ވަނީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ. އިނގިރޭސި އޮފިސަރުންތަކަކާ އެކު ހިންގި ޒުވާބަކަށް ފަހު، އޮފިސަރެއްގެ ގައިގައި ޖެހުމުން މަނޯހަރު ވަނީ ކަލްކަތާގައި ޖަލުގައި ބަންދުކޮށްފަ އެވެ. ޖަލުގައި ކުރާނެ އިތުރު ކަމެއް ނެތުމުން އޭނާ ވަނީ ދަތުން ދަގަނޑު ލަނބަން ފަރިތަކޮށްފަ އެވެ. މަނޯހަރު ޖަލަށްލީތާ އެއް އަހަރު ފަހުން، 1947 ވަނަ އަހަރު އިންޑިއާ އަށް މިނިވަންކަން ލިބުނެވެ.
މަނޯހަރު ވާދަކޮށްފައި ވަނީ ލަންޑަނުގައި 1952 ވަނަ އަހަރު ބޭއްވި މިސްޓަ ޔުނިވާސް މުބާރާތުގަ އެވެ. އެ މުބާރާތުގައި އޭނާގެ ހަށިގަނޑުގެ ހިސާބުތައް ވެސް ހައިރާންވާ ވަރަށް ތަފާތެވެ. ބައިސެޕްގެ ވަށަމިނުގައި 46 ސެންޓިމީޓަރު ހުރި އިރު މޭ ފުއްޕާފައި ހުންނަ އިރު 1.2 މީޓަރު ހުއްޓެވެ. އަދި މުލައްދަނޑީގައި 36 ސެންޓި މީޓަރު އަދި އަތުކުރީގައި 16.5 ސެންޓި މީޓަރު ހުއްޓެވެ. މަނޯހަރުގެ ކިބައިން ހިތްވަރު ހޯދައިގެން އިންޑިއާގައި އެތައް ބަޔަކު ވަނީ ފިޓްނަސް އަށް ސަމާލުކަންދީފަ އެވެ. އެއް ފަހަރަކު އިންތިޚާބެއްގައި މަނޯހަރު ވާދަކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.