31 ޖެނުއަރީ 2022 - 12:38

މިދިޔަ ހަފުތާގައި ނިޔާވި އެލައިޑްގެ ކުރީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ނަމަށް އެ ކުންފުނީގެ އިމާރާތުގެ ފްލޯއެއް ހާއްސަކޮށްފި އެވެ.
އިއްޔެ ފާހަގަކުރި އެލައިޑްގެ 37 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ޑާޑިގެ ހަނދާނުގައި އެ އިމާރާތުގެ ހަތަރު ވަނަ ފްލޯ އަށް ވަނީ "ޑާޑި ފްލޯ" ގެ ނަން ދީފަ އެވެ. އެއީ ޗާނދަނީ މަގުގައި ހުންނަ އެލައިޑްގެ މާކެޓިން ޑިޕާޓްމަންޓް ހުންނަ ފްލޯ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑްގައި ޑާޑި މަސައްކަތްކުރަން ފެށީ 2004 ގަ އެވެ. އެ ކުންފުނީގައި 11 އަހަރު އޭނާ މަސައްކަތް ކުރި އެވެ.
އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުރެ ޑާޑި ކުރި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" އޭނާގެ ބެލުމުގެ ދަށުން ތައާރަފުކުރުމެވެ.
"އެއްވެސް ޝައްކެތް ނެތް، އަހަރެން މިއަދު މިހުރި ހިސާބަށް އާދެވުނީ އެލައިޑްގެ އެހީއާ އެކު. އެ ކުންފުނިން އަހަންނަށް ދިން ފުރުސަތުތަކާއި ކުންފުނީގެ މެނޭޖުމަންޓުން ބެހެއްޓި ގާތްކަމާއި އަދި ތަފާތު ކަންކަން ތަޖުރިބާ ކުރަން ދިން ހިތްވަރާއި ކުރި އިތުބާރަކީ އެ ވަޒީފާ ފުރިހަމަ އަށް އަދާކުރެވުނު އެންމެ ބޮޑު ސަބަބު،" އެލައިޑުން ވަކިވުމަށް ފަހު ޑާޑި އޭނާގެ އަމިއްލަ ބްލޮގްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މެލޭޝިއާގައި ދިރިއުޅުނު އުމުރުން 38 އަހަރުގެ ޑާޑި ނިޔާވީ، މި މަހު 24 ވަނަ ދުވަހު ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއެމްޑީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު) އެންމެ ދޮށީ ދަރިފުޅު ކަމަށްވާ ޑާޑި ނިއާވި އިރު، އޭނާ އަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި އަދި މިހާރު ދުނިޔޭގެ މަޝްހޫރު ކަން ވެސް ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް ލީޑް އެވެ.
މެލޭޝިއާގައި ޑާޑިގެ ޖަނާޒާ ބޭއްވީ މިދިޔަ ބުދަ ދުވަހު އެވެ. މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ވެސް އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރި އެވެ.