ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކަކަށް ދިރާގު
ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކަކަށް ދިރާގު

ރާއްޖޭގައި އެންމެ ހަލުވި މޯބައިލް ނެޓްވޯކް ކުންފުންޏަކަށް ދިރާގު ހޮވިއްޖެ އެވެ.

އެ ކުންފުންޏަށް މި އެވޯޑު ދީފައިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓް ހަދާ ކުންފުނި ކަމަށްވާ އޫކްލާ އިންނެވެ. އެ ކުންފުނީގެ ޓެސްޓުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މޯބައިލް ނެޓްވޯކް ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް އެންމެ ހަލުވި ކުންފުންޏަކީ ދިރާގެވެ.

ދިރާގުން ބުނީ މި އެވޯޑަކީ އެ ކުންފުނިން ރާއްޖޭގެ ރައްޔިތުންނަށް ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކޮށް، "ޑިޖިޓަލް ރާއްޖެ" އަކަށް ހެދުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓަލްސް ވިދާޅުވި ގޮތުގައި ދިރާގުން ވަނީ މިދިޔަ އަހަރުގެ ތިންވަނަ އަދި ހަތަރު ވަނަ ކުއާޓާގެ ޓެސްޓުތަކުގައި ވަރުގަދަ ޕަފޯމެންސެއް ދައްކާފަ އެވެ. މި އެވޯޑު ލިބޭ ކުންފުނިތަކަކީ ނެޓްވޯކް އޮޕަރޭޓަރުންގެ ތެރެއިން މާކެޓުގައި ލީޑު ކުރާ ކުންފުނިތައް ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ މި އެވޯޑު ކާމިޔާބު ކުރުމުގައި އެ ކުންފުނީގެ މުވައްޒަފުން ކޮށްދިން މަސައްކަތައް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މިއީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ކުރިއަށް އޮތްތަނުގައި މުޖުތަމައު ބާރުވެރި ކުރުވައި، ޑިޖިޓަލް ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.