31 ޖެނުއަރީ 2022 - 11:24

ޓީމު ކުޅިވަރުތަކުން ވެސް ބޭރުގެ ޓްރޭނިން ސްކޮލާޝިޕް ހޯދަން މަސައްކަތްކުރަމުންދާ ކަމަށް، އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.
މިހާތަނަށް އޮލިމްޕިކް ކޮމިޓީން ސްކޮލާޝިޕްގެ ފުރުސަތު ދީފައި ވަނީ އިންޑިވިޖުއަލް ކުޅިވަރުތަކުން ވަކިވަކި އެތުލީޓުންނަށެވެ.
"މިހާރު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ތަމޫ ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ވިސްނުމަކީ ޓީމް ސްޕޯޓްސްތަކުން ވެސް ޓްރޭނިން ސްކޮލާޝިޕް ހޯދުން ކަމަށެވެ.
"އިންޓަނޭޝަނަލް ބައެއް ފެޑެރޭޝަންތަކާ ވެސް ވާހަކަ ދައްކާފައި މިހާރު ވެސް ވަނީ. ވަރަށް ޕޮޒިޓިވްކޮށް ވާހަކަތައް ދިޔައީ. އޮލިމްޕިކް ކުޅިވަރުތަކުގެ މައިގަނޑު ހުރިހާ ޓީމް ސްޕޯޓްސްއަކުން ވެސް ޓްރޭނިން ސްކޮލާޝިޕް ހޯދުމަށް ވާހަކަ ދައްކަމުންދަނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު ވެސް ފޯރުކޮށްދެމުންދާ އިންޑިވިޖުއަލް ސްޕޯޓްސްތަކުގެ ސްކޮލާޝިޕް ޕްރޮގްރާމް ވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އޮލިމްޕިކް ކޮމިޓީން ފޯރުކޮށްދިން ބޭރުގެ ޓްރޭނިން ސްކޮލާޝިޕްތަކުން އެންމެ ފާހަގަ ކުރެވޭ އެތުލީޓުންގެ ގޮތުގައި ތަމޫ ފާހަގަ ކުރެއްވީ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ގޯލްޑް މެޑަލިސްޓް ހަސަން ސާއިދު އާއި ސައުތު އޭޝިއަން ގޭމްސްގެ މެޑަލިސްޓް އާމިނަތު ޝަޖަން އެވެ.
"އޮލިމްޕިކް ކޮމިޓީ އަށް މި އަންނަ ސްކޮލާޝިޕްތަކަކީ ވަރަށް ބޮޑަށް އިންޑިވިޖުއަލް ބޭސްޑް ސްޕޯޓްސް އަށް އަންނަ ސްކޮލާޝިޕްތަކެއް. އެހެންވީމަ އެކަން ބަދަލުކޮށް ޓީމު ސްޕޯޓްސްތަކުން ވެސް ސްކޮލާޝިޕް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި،" ތަމޫ ވިދާޅުވި އެވެ.
"ދެން އޮލިމްޕިކް ކޮމިޓީން ކުރަންޖެހޭ ކަމެއް އައުޓް ރީޗް ޕްރޮގްރާމެއް ހިންގުން. މިހާރު މި އޮންނަނީ ވަރަށް ބޮޑަށް މާލެ އަށް ބޭސްވެފައި. އޮލިމްޕިކް ކޮމިޓީން ބޭނުންވޭ ރަށްރަށުގައި ތިބި އެތުލީޓުން ދެނެގަނެ އެކުދިންނަށް ވެސް ފުރުސަތު ހޯދައިދޭން. ކޮންމެހެން އެ ކުއްޖަކީ ނެޝަނަލް ޓީމުގައި ކިހާ ވަރަކަށް އުޅޭ ކުއްޖަކަށް ނުބަލައި އެހެން ތިބި ކުދިންނަށް ވެސް ފުރުސަތު ހޯދައިދޭން ޖެހޭ."
ތަމޫ ވިދާޅުވީ މީގެ ކުރިން އޮލިމްޕިކް ކޮމިޓީން ސްކޮލާޝިޕް ދީފައި ހުރީ އެމްއޯސީގެ އެކްސްކޯއިން ކަނޑައަޅާ އެތުލީޓުންނަށް ކަމަށެވެ. ނަމަވެސް ޓްރޭނިން ސްކޮލާޝިޕް އާންމުކޮށް ހުޅުވާލައިގެން ވީހާވެސް ގިނަ އެތުލީޓުންގެ ތެރެއިން ފުރާނާލައިގެން އެތުލީޓުން އިހްތިޔާރު ކުރުމުގެ މަރުހަލާގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް ތަމޫ ވިދާޅުވި އެވެ.
"އެންމެ ބޮޑު ފޯކަސްއަކީ މި ލިބޭ ހުރިހާ އެއްޗެއް ވަރަށް އޯޕަންކޮށް ހުރިހާ އެތުލީޓުންނަށް ލިބޭނެ މަގެއް ފަހިކޮށްދިނުން،" ތަމޫ ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ މިހާރުގެ އެކްސްކޯ އިންތިހާބުވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ކުރިން އޮންނަ ގޮތުން ޖެނެރަލް ސެކްރެޓަރީ އަކީ އިންތިހާބީ މަގާމެކެވެ. ނަމަވެސް އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު ހަޒާންދާރުގެ މަގާމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމަކީ އެކްސްކޯއިން އައްޔަން ކުރާ މަގާމެއް ކަމުގައި ހަމަޖެއްސި އެވެ. ޖެނެރަލް ސެކްރެޓަރީ ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ތަމޫ ގެންދެވީ އޮލިމްޕިކް ކޮމިޓީގައި މަސައްކަތް ކުރައްވަމުންނެވެ.