ގެވެށި އަނިޔާގެ ތުހުމަތާ އެކު ގްރީންވުޑް ހައްޔަރުކޮށްފި
ގެވެށި އަނިޔާގެ ތުހުމަތާ އެކު ގްރީންވުޑް ހައްޔަރުކޮށްފި

މެންޗެސްޓާ (ޖެނުއަރީ 31) - ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް މޭސަން ގްރީންވުޑް ހައްޔަރު ކޮށްފި އެވެ.

ގްރީންވުޑްގެ ލޯބިވެރިޔާ ހެރިއެޓް ރޮބްސަން ވަނީ އިއްޔެގެ ވަގުތެއްގައި، ގްރީންވުޑް، 20، އޭނާ އަށް އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި ވޮއިސް ކްލިޕެއް އިންސްޓަގްރާމްގައި އާއްމުކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން މެންޗެސްޓާގެ ފުލުހުން ވަނީ ރޭ ގްރީންވުޑް ހައްޔަރު ކޮށްފަ އެވެ.

ފޮޓޯތަކުގެ މަންޒަރުން ފެންނަ ގޮތުގައި ހެރިއެޓްގެ އަނގަމަތި ފަޅައިގެން ގޮސް ވަރަށް ބައިވަރު ލޭ ހުއްޓެވެ. އަދި މޫނާއި ހަތަރެސްފައިގެ އެކި ތަންތަން ނޫފައިގެންފައި ހުރި އިރު، ވޮއިސް ކްލިޕުން އަޑު އިވޭގޮތުގައި އޭނާގެ ނުރުހުމުގައި ގްރީންވުޑް ކަންތައްތަކެއް ކުރަން އުޅެ އެވެ.

މި މައްސަލައާ ގުޅިގެން ގްރީންވުޑް ހައްޔަރުކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ އޭނާ މުއްދަތެއް ނެތް ގޮތަށް ކުލަބުގެ ހަރަކާތްތަކުން ސަސްޕެންޑް ކުރި ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި، ނަމަވެސް ގްރީންވުޑާ މެދު ގޮތެއް ނިންމާނީ މައްސަލައިގެ ތަހުގީގު ނުމުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އުމުރުން އެންމެ ހަ އަހަރުގައި މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއާ ގުޅި، ސީނިއާ ޓީމަށް ގްރީންވުޑް ކުޅެން ފެށީ 2019 ވަނަ އަހަރެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް އެއް މެޗު ކުޅެފައިވާ ގްރީންވުޑް ވަނީ އޭނާ ގައުމީ ޓީމަށް ފުރަތަމަ ނެގި ފަހަރު އަންހެން ކުދިންތަކެއްގެ މައްސަލައިގައި ފިޔަވަޅު އަޅައިފަ އެވެ. އިންގްލެންޑުން އައިސްލޭންޑުގައި ކޭމްޕްކުރި ހޮޓަލަށް، ކޮވިޑުގެ ގައިޑްލައިންތަކާ ހިލާފުވެ، އެ ގައުމުގެ ދެ އަންހެން ކުދިން ހޮޓަލަށް ވެއްދި މައްސަލައިގައި އޭނާއާ އެކު ބައިވެރިވި ފިލް ފޮޑެން ވަނީ ޓީމުން ބާކީކޮށް އެ އަހަރު އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.