17 ޑިސެމްބަރ 2016 - 06:23

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނަކީ ފަހަކަށް އައިސް ފެނިގެން ދިޔަ އެންމެ ވާދަވެރި ސީޒަނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު އެފްއޭ ކަޕް ކާމިޔާބުކުރީ ކްލަބް ވެލެންސިއާ އެވެ. ޕްރެޒިޑެންޓްސް ކަޕް ކްލަބް އީގަލްސް އިން އުފުލާލިއިރު މިއީ ތިން ޗެމްޕިއަނެއް ފަހަކަށް އައިސް ފެނުނު ފުރަތަމަ ފަހަރެވެ. ތިން މުބާރާތުގެ ވެސް ދެ ވަނަ ހޯދީ ޓީސީ ސްޕޯޓްސް ކްލަބެވެ. މިދިޔަ ހަޔެއްކަ އަހަރަށް ބަލާއިރު އެއް ޓީމެއް ނުވަތަ ދެ ޓީމެއްގެ ނުފޫޒު ގަދަ ނަމަވެސް މި ފަހަރު ދިޔައީ ވަރަށް ވާންކޮށެވެ.

އާ ސީޒަނަށް ތައްޔާރުވާން ކްލަބްތަކުން މަސައްކަތް ފަށާފައިވާއިރު ޓްރާންސްފާ ބާޒާރު ވެސް ވަނީ ހުޅުވިފަ އެވެ. ކްލަބްތަކުގެ އޮފިޝަލުން ކުޅުންތެރިންނާ ވާހަކަދައްކަމުން އަންނައިރު ކުޅުންތެރިން އަންނަނީ ހަދާނެ ގޮތަކާ މެދު ވިސްނަމުންނެވެ. ސަޕޯޓަރުން ވެސް އަންނަނީ ކްލަބާއި ކުޅުންތެރިންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ.

ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު ނިމިގެން ދިޔަ ސީޒަނަށް ވުރެ އަންނަ ސީޒަން މާބޮޑަށް ވެސް ފޯރިގަދަ އަދި ވާދަވެރިވާނެ އެވެ. މި އަހަރު ބަލިކަށިކޮށް ފެނުނު ނިއު ރޭޑިއަންޓާއި ވިކްޓަރީ ގަދަކުރަމުން އަންނައިރު އޭއެފްސީ ކަޕުން ފުރުސަތު ލިބިފައިވާތީ ކްލަބް ވެލެންސިއާ ވެސް ކުރިއަށް ވުރެ ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ. މާޒިޔާގައި މި އަހަރު ވެސް އޮތް ވަރުގެ ސްކޮޑެއް އޮންނާނެކަން ޔަގީންވެފައިވާއިރު ފުރަތަމަ ޑިވިޝަނުން އަލަށް ޖާގަ ހޯދި ގްރީން ސްޓްރީޓުން ވެސް ދުލެއް ދޭނެ ކަމަށް ލަފާނުކުރެވެ އެވެ.

މިދިޔަ ތިން ސީޒަނުގައި ގަދަބާރެއްގެ ގޮތުގައި އޮތް މާޒިޔާ ނިމިގެން ދިޔަ ސީޒަނަކަށް ނުކުތީ ބޮޑު ހަރަދެއްކޮށްގެންނެވެ. އަދި އެ ކްލަބުގެ އެންމެ ބޮޑު އެއް އަމާޒުކަމަށްވާ ލީގު ކާމިޔާބުކުރެވުމާ އެކު މާޒިޔާ އިން އަންނަ ސީޒަނަށް އެވަރުގެ ހަރަދެއް ނުކުރާނެ ކަމަށް އެއް ބަޔަކު އައީ ބުނަމުންނެވެ.

އެ ކްލަބުން އާ ކުޅުންތެރިޔަކު ގަތުމުގެ ބަދަލުގައި ފުރަތަމަ މަސައްކަތްކުރަނީ މިހާރު ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމަށެވެ. އެގޮތުން ނުވަ ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް މިހާރު ވެސް ވަނީ އާކޮށްފަ އެވެ. އޭގެ ތެރޭގައި އަސަދުﷲ އަބްދުﷲ އާއި އަސްހަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު އުމެއިރާއި މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ އަލީ ސަމޫހު (ސަމުއްޓެ) އަދި އަމްދާން އަލީ (އެންޑީ) ހިމެނެ އެވެ. އެ ކްލަބް ދޫކޮށްލާފައިވަނީ އީގަލްސް އަށް ބަދަލުވި އަހުމަދު ނާޝިދު (ނައްޓޭ) އެވެ. ގޮތެއް ނުނިންމައި ތިބީ ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި އިސްމާއިލް އީސާ އެވެ. މީގެ ތެރެއިން އިމްރާން ގެންދަން ނިއު ރޭޑިއަންޓުން މަސައްކަތްކުރަމުން އަންނައިރު އީސަ އަށް ޓީސީން ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ. މާޒިޔާގެ ސްކޮޑުގެ މެޖޯރިޓީ އަންނަ ސީޒަނުގައި އޮންނާނެ އެވެ. އެކަމަކު މުހިއްމު ދެ ކުޅުންތެރިޔަކު ވަރު ކްލަބް ދޫކޮށްލުން ގާތެވެ.

މާޒިޔާ އިން އަންނަ ސީޒަނުގައި ފެންނާނެ އެންމެ ބޮޑު ބަދަލަކީ ކޯޗު ބަދަލުވުމެވެ. އެ ކްލަބް ފުރަތަމަ ޑިވިޝަނުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ބެންޗުން ފެނިފައިވަނީ އެންމެ ދެ ކޯޗުންނެވެ. އެއީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭނެވެ. އަންނަ ސީޒަނުގައި އެ ޓީމުގެ ބެންޗުން ފެންނާނެ ކަމަށް ބެލެވެނީ ބިދޭސީ ކޯޗެކެވެ.
މި އަހަރު ވެލެންސިއާ ފެނުނީ ކުޅުންތެރިންގެ ގޮތުން ވަރަށް ވަރުގަދަކޮށެވެ. އެކަމަކު އެފްއޭ ކަޕުގެ ތަށި ހޯދުން ފިޔަވައި މާބޮޑު ކަމެއް ނުކުރެވުނެވެ. އަހަރުތަކަށް ފަހު އޭއެފްސީ ކަޕުން ފުރުސަތު ލިބިފައިވާތީ އެ ޓީމު އިތުރަށް ވަރުގަދަކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އާ ކުޅުންތެރިން ހޯދުމަށް ވުރެ ވެލެންސިއާ މިވަގުތު އިސްކަންދެނީ ނިމިގެން ދިޔަ ސީޒަނުގެ ބައެއް ކަންކަން ނިންމާލުމަށެވެ.
ވެލެންސިއާގެ ކުޅުންތެރިންގެ ތެރެއިން މުހައްމަދު އާރިފް (ބަކާ) އަށް ބައެއް ކްލަބްތަކުން އަންނަނީ ލޯ އަޅަމުންނެވެ. އެ ޓީމުގެ ޒުވާން ބައެއް ކުޅުންތެރިން އެހެން ކްލަބްތަކަށް ދިއުމުގެ ވިސްނުން އެބަހުއްޓެވެ. އެކަމަކު ދިވެހި ތިން ކުޅުންތެރިޔަކު ވަރު އެ ކްލަބް ދޫކޮށްލި ނަމަވެސް ބިދޭސީ ކުޅުންތެރިންނާ އެކު ވެލެންސިއާ އަންނަ ސީޒަނުގައި މި އަހަރަށް ވުރެ ވަރުގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަކީ ވެލެންސިއާ އިން އަންނަ ސީޒަނުގައި ބިދޭސީ ކޯޗެއް ފެންނާނެ ކަމެވެ.
ޕްރެޒިޑެންޓްސް ކަޕް އުފުލާލި އީގަލްސް އަކީ ނައްޓޭގެ ސޮޔާ އެކު އަންނަ ސީޒަނަށް ޓްރާންސްފާ ބާޒާރު ހުޅުވައިދިން ކްލަބެވެ. މާޒިޔާގެ އީސައާ އެ ކްލަބާ ގުޅުވައިގެން ކޮންމެވެސް ވަރަކަށް އަޑުތަކެއް އެރި އެވެ. އެކަމަކު އެ ކްލަބުން މާގިނަ ނަން މަޝްހޫރު މޫނުތަކެއް ގެންނާނެ ކަމަށް ނުބެލެވެ އެވެ. އީގަލްސްގައި ޒުވާން ގިނަ ކުޅުންތެރިން ތިބުމާ އެކު އެ ކްލަބުން އިސްކަންދޭނީ އެ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުރިއަރުވަން ކަމަށް ލަފާކުރެވެ އެވެ. އީގަލްސްގައި ތިބި ގިނަ ކުޅުންތެރިން ހާއްސަކޮށް ހުރިހާ ޒުވާން ކުޅުންތެރިން މަޑުކުރާނެ ކަމަށް ވަނީ އެނގިފައިވެ އެވެ.
އީގަލްސް އަށް މިދިޔަ ފަސް ވަރަކަށް އަހަރު ކޯޗުކޮށްދިން އިހުސާން އަބްދުލްގަނީ (ސާންތީ) އެ ކްލަބް ދޫކޮށްލަފާނެ ކަމަށް ބެލެވެ އެވެ. ސާންތީ ވަނީ އީގަލްސް އަށް އިސްކަންދޭނެ ކަމަށާއި އެކަމަކު އެހެން މަންޒަރެއް ފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ސާންތީ އަށް ނިއު އިން ޝައުގުވެރިވާ ކަމުގެ ވާހަކަތައް ސީޒަން ނިމުމުގެ ކުރިން ވެސް ވަނީ އިވިފަ އެވެ.
ޓީސީން މި ސީޒަނާ ކުރިމަތިލީ އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން މަޝްހޫރު ކުޅުންތެރިންތަކެއް ގެނެސް ސީދާ ތަށްޓަށް އަމާޒުކޮށްގެންނެވެ. މުޅި ސީޒަނުގައި ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމުގެ ނަސީބު ވަރަށް ދެރަ އެވެ. ލީގުގެ ދެ ވަނަ ލިބުނުއިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ބަލިވީ އެވެ. އެ ކްލަބުން އަންނަ ސީޒަނަށް އަނެއްކާ ވެސް މަޝްހޫރު ކުޅުންތެރިންތަކެއް ގެނައުމުގެ ބަދަލުގައި ވިސްނަނީ ފެންވަރު ރަނގަޅު ހަތަރު ބިދޭސީ ކުޅުންތެރިޔަކު ގެނެސް ޒުވާން ކުޅުންތެރިންނާ އެކު ނުކުންނާށެވެ. ޓީސީން މިހާރު ވެސް އަންނަނީ ބިދޭސީ ކުޅުންތެރިން ހޯދަމުންނެވެ. އެ އުސޫލުން ނުކުމެ މި ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީގެ ތަޖުރިބާ ރަނގަޅެވެ. މޮޅު ހަތަރު ބިދޭސީ ކުޅުންތެރިންނާއި ތަޖުރިބާކާރު ބައެއް ދިވެހި ކުޅުންތެރިންނާ އެކު ނުކުމެ ޔުނައިޓެޑް ވިކްޓަރީން ގަދަ ހަތަރެއް ކަށަވަރުކުރި އެވެ.
މާޒިޔާގެ އީސަ ޓީސީއާ ގުޅުމުގެ ފުރުސަތު އޮތްއިރު އެ ޓީމަށް މި އަހަރު ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އިތުރު ސީޒަނެއްގައި މަޑުކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޓީސީގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ސެންޓޭ އާއި އަހުމަދު އަބްދުﷲ (ލިލީ) ގެންދަން ދެ ކްލަބަކުން ވަރަށް ސީރިއަސް އޮފާތަކެއްވަނީ ދީފަ އެވެ.
ފަހުގެ އަހަރުތަކުގެ ތެރެއިން ދިވެހި ފުޓްބޯޅަ 2012-2015 އަށް ޑޮމިނޭޓްކުރި ނިއު ނިމިގެން ދިޔަ ސީޒަނުގައި ފެނުނީ ވަރަށް އާދައިގެ ކޮށެވެ. އެކަމަކު އަންނަ ސީޒަނުގައި އެ ޓީމު މި ސީޒަނަށް ވުރެ މާބޮޑަށް ވެސް ވަރުގަދަވާނެ ކަމުގެ ކުލަތައް އަންނަނީ ފެންނަމުންނެވެ. ވިޔަފާރިވެރިންގެ ގްރޫޕަކުން ނިއުއާ ހަވާލުވާން މަސައްކަތްކުރާއިރު އެ ކްލަބުން އަންނަނީ ސީނިއާ ހަތަރު ކުޅުންތެރިޔަކާ ވާހަކަދައްކަމުންނެވެ. އޭގެ ތެރޭގައި އެ ޓީމުން 2013 ވަނަ އަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއް ހުރިހާ މެޗަކުން މޮޅުވެގެން ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ތިން ކުޅުންތެރިޔަކު ހިމެނެ އެވެެ.
ވިކްޓަރީން ވެސް ވަނީ މި އަހަރަށް ވުރެ ވަރުގަދަކުރުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ޓީމުން ގެނައި ފުރަތަމަ ބަދަލަކީ ހަންގޭރީގެ ކޯޗު ލާސްލޯ ކިސް ނުގެންނަން ނިންމުމެވެ. މިދިޔަ ސީޒަނުގައި ރެލިގޭޓްވި ބީޖީގެ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ ހަމަޖައްސަން ވިކްޓަރީން ވާހަކަދައްކަމުން އަންނައިރު އެ ކްލަބުން އަންނަނީ ބީޖީގައި މޮޅު ކުޅުމެއް ދެއްކި ބައެއް ކުޅުންތެރިން ގެންނަން ވެސް މަސައްކަތްކުރަމުންނެވެ. ބީޖީގައި ތަފާތު ދެއްކި ބައެއް ކުޅުންތެރިންނާއި ވިކްޓަރީގައި މިހާރު ވެސް ތިބި ކުޅުންތެރިން އެކުވެ، އެ ޓީމު ކުރިއަށް ވުރެ މާބޮޑަށް ވެސް ވަރުގަދަވާނެ އެވެ.
ފުރަތަމަ ޑިވިޝަނުން އަލަށް ޖާގަ ހޯދި ގްރީންސްޓްރީޓުން ވެސް ޔޫރަޕުގެ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ގެންނަން އުޅޭ ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ. މި އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ތަޖުރިބާކާރު ބައެއް ކުޅުންތެރިން އެ ޓީމާ މިހާރު ވެސް ވަނީ ގުޅިފަ އެވެ. ކުރީގެ އެއް ވަނަ ޑިފެންޑަރު ސޮބާހް މުހައްމަދުގެ ކޯޗުކަމުގެ ދަށުން ނުކުންނަ ގްރީންސްޓްރީޓަކީ އަންނަ ސީޒަނުގައި ބޮޑެތި ޓީމުތަކަށް ރަނގަޅު ފައިޓެއް ދީފާނެ ކްލަބެކެވެ. ޔަގީނުން ވެސް އެ ކްލަބުގެ މެނޭޖްމަންޓް އޮތީ ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަދެފަ އެވެ.
ކްލަބްތަކުން މިވަގުތު ކުޅުންތެރިންނާ ވާހަކަދައްކަމުން އައި ނަމަވެސް އަންނަ އަހަރުގެ ސީޒަން އަވަހަށް ފަށާތީއާ އެކު ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ޓްރާންސްފާގެ ހުރިހާ ކަމެއް ނިމޭނެ ކަމަށް ޔަގީންކުރެވެ އެވެ. މިހާތަނަށް ފެނިފައިވާ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު އަންނަ ސީޒަނުގައި ޓީމުތަކުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓި ވާދަވެރި ސީޒަނެއް ފެނިގެންދާނެ އެވެ.