އެންމެން ރޮއްވާލީ ސަނާ ސިދާތަށް ދިން ޓްރިބިއުޓުން
އެންމެން ރޮއްވާލީ ސަނާ ސިދާތަށް ދިން ޓްރިބިއުޓުން

ސަލްމާން ހާން ހުށަހަޅާ، "ބިގްބޮސް" ގެ 15 ވަނަ ސީޒަން ރޭ ނިމިފައިވާއިރު، ގްރޭންޑް ފިނާލޭގައި އެންމެ ގިނަ ބަޔަކު ރޮއްވާލީ ބިގްބޮސް 13 އިން މަޝްހޫރު ކަން ހޯދި ޝެހެނާޒް ގިލް (ސަނާ) އޭނާގެ މަރުވެފައިވާ ލޯބިވެރިޔާ ސިދާތު ޝުކްލާގެ ހަނދާން އާކުރަމުން ދިން ޓްރިބިއުޓް ޕާފޯމަންސެވެ.

"ބިގްބޮސް" ގެ 13 ވަނަ ސީޒަން ކާމިޔާބުކުރި ސިދާތާއި ސަނާގެ ލޯބީގެ ގުޅުން ފެށުނީ އެ ޝޯގެ ތެރެއިންނެވެ.

ސަނާ، ސިދާތަށް ހާއްސަކުރި ޓްރިބިއުޓް ނިމުނުއިރު ލޮލުން ކަރުނަ ނާންނަ މީހަކު ނެތެވެ.

ސިދާތުގެ ހަނދާންތައް އާކުރި ގޮތުން ޝޯ ހުށަހަޅަން ހުރި ސަލްމާނަށް ވެސް ރޮވުނެވެ. އަދި ސަނާގެ ގައިގައި ބައްދާލުމާ އެކު ހިނިތުންވުމަކުން، މާޔޫސްކަން ފޮރުވައިގެން ހުރި ސަނާގެ ލޮލުން ވެސް ކަރުތައް ބަންޑުންވި އެވެ. އެކަމަކު ހިނިތުންވުމުން ދެރަވެފައި ހުރިކަން ފޮރުވަން މަސައްކަތް ވެސް ކުރި އެވެ.

މި ޕާފޯމަންސް އިން އެންމެން ރޮއްވާލިއިރު ގިނަ ބަޔަކު ވަނީ ސަނާގެ ހިތްވަރަށް ވެސް ތައުރީފުކޮށްފަ އެވެ.

ސަލްމާން ބުނީ މިވަގުތު ސަނާ ވަރަށް ހިތްވަރުކުރަން ވާނެ ކަމަށާއި އެއީ އޭނާ ސިދާތުގެ މަންމަ އާއި އޭނާގެ އަމިއްލަ ނަފްސަށްޓަކާ ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ސަނާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް ބުންޏެވެ.

ބިގްބޮސް 13 ގައި ސަނާ ފެނުނީ ޝޯގެ ތެރެއިން ވެސް ސިދާތަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކުރި ތަރިއެއްގެ ގޮތުގަ އެވެ. އަދި ނުބުންޏަސް ސިދާތުގެ އުޅުމުން ވެސް އޭނާގެ ހިތުގައި ސަނާ އަށް އޮތް ލޯބި އެނގެ އެވެ.

އެ ޝޯއަށް ފަހު ވެސް އެ ފެނިގެންދިޔައީ އެ ގޅުން ބަދަހިކުރުމަށް މަސައްކަތްކުރި ތަނެވެ.

ދެ ތަރިންގެ އާއިލާއާ ވެސް ގާތް ގުޅުމެއް އުފެދި ކައިވެނީގެ އަޑު ވެސް ގަދަވެފައި ވަނިކޮށް ސިދާތު މަރުވީ ހާޓްއެޓޭކެއް ޖެހިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. އޭނާ މަރުވިއިރު އައީ ސަނާ އާއެކު ވީޑިއޯ ލަވައެއްގެ ޝޫޓިންގައި ވެސް ބައިވެރިވަމުންނެވެ. އެކަމަކު ލަވައިގެ ޝޫޓިން އެކީގައި ނިމިފައި ނުވާތީ އެންމެ ފަހުން ޖެހުނީ އެހެން ގޮތަކަށް ލަވަ ބެލުންތެރިންނަށް ގެނެސްދޭށެވެ.

އެއާ އެކު ސަނާގެ ހިތްކުދިކުދިވެ، ދުވަސްކޮޅަކަށް "ގެއްލުނު" ނަމަވެސް އޭނާ އެނބުރި އަޔަސް މުޅިން އަދިވެސް އޭނާ ރަނގަޅު ނޫންކަން އެނގެ އެވެ.