ޓައިގާ ކިންގަށް 21 އަހަރުގެ ޖަލު ހުކުމެއް
ޓައިގާ ކިންގަށް 21 އަހަރުގެ ޖަލު ހުކުމެއް

"ޓައިގާ ކިންގް"ގެ ނަމުން މަޝްހޫރު ވެފައިވާ އެމެރިކާގެ ޒޫކީޕާ ޖޯ އެގްޒޮޓިކް އަނެއްކާ ވެސް 21 އަހަރަށް ޖަލަށް ލާން އެމެރިކާގެ ފެޑެރަލް ކޯޓަކުން ހުކުމް ކޮށްފި އެވެ.

ނެޓްފްލިކްސް އިން ގެނެސްދިން ޑޮކިއުމެންޓްރީއަކާ އެކު ގިނަ ބައެއްގެ ސަމާލުކަމަށް އައި ޖޯ އެގްޒޮޓިކް ޖަލަށް ލާފައި ވަނީ ޖަނަވާރުންނަށް އަނިޔާކޮށް، އެ އެއްޗެހީގެ ފުރާނަ އަށް ގެއްލުން ދޭން އުޅޭކަން އެނގިގެންނެވެ. ނެޓްފްލިކްސް ޝޯގައި ވެސް އެ ކަންތައްތަކަށް އަލިއަޅުވާލަ އެވެ.

މީގެ ކުރިން ވެސް ޖޯ ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރަން ވެސް ހުށަހެޅި އެވެ. އެ ހުކުމް އިންތިއުފާނު ކުރަން ޖޯގެ ފަރާތުން ހުށަހެޅީ އޭނާ އަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށްދިނުމަށެވެ.

އެ މައްސަލަ ކުރިއަށް ދިޔައިރު، އޭނާ ބަލި ކަމަށް ބުނުމާ ގުޅިގެން ޖޯގެ ޖަލު ހުކުމުން އެއް އަހަރު އުނިކުރާނެ ފަދަ ގޮތަކަށް ވާހަކަ ދެކެވުނެވެ. ނަމަވެސް، ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި އެންމެ ފަހުން ކޯޓުން ހުކުމް ކުރީ 21 އަހަރަށް އޭނާ ޖަލަށް ލުމަށެވެ.

ޖޯގެ މައްޗަށް އެހާ ބޮޑު ޖަލު ހުކުމެއް އައިސްފައި ވަނީ ނެތިގެން ގޮސްދާނެ ކަމުގެ ބިރު އުފެދިފައިވާ ޖަނަވާރުތަކެއް މެރުމާ ގުޅިގެންނެވެ. އެއީ އޭނާ ޒޫކީޕަރެއްގެ ގޮތުގައި އުޅުނުއިރު، ފަސް މިނިކާވަގު މަރާލާފައި ވުމުންނެވެ.