31 ޖެނުއަރީ 2022 - 06:29

ޑިޒްނީގެ ޝޯތަކުން މަގުބޫލުކަން ހޯދި އަދި ކުރިއަށް އޮތް އެ ސްޓޫޑިއޯގެ ލައިވް އެކްޝަން ފިލްމު "ލިޓްލް މާމެއިޑް"ގައި ލީޑު ރޯލު ކުޅޭ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ހެލީ ބެއިލީ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ބެއިލީ ރާއްޖެ އައީ މީގެ ދުވަސް ކުރީންނެވެ. އެކަމަކު އޭނާ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.
އެކަމަކު، އޭނާގެ ދަތުރުގެ ވާހަކަތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ. ބެއިލީ ބުނާ ގޮތުގައި، ރާއްޖޭގެ ރީތިކަން ފެނި، އޭނާ ހުރީ ގަބޫލުކުރަން ދަތިވެފަ އެވެ.
އޭނާ އަށް އެންމެ ކަމުދިޔައީ ޑައިވިނަށް ދިޔުމެވެ. ރާއްޖޭގެ ކަނޑުއަޑިން ފެންނަ ރީތި މަންޒަރުތަކުގެ ވާހަކަ އޭނާ ދައްކަ އެވެ. މިއީ އޭނާ ރާއްޖެ އައި ވެސް ފުރަތަމަ ފަހަރެވެ.
ބެއިލީ އަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ އޭނާގެ ދައްތައާ އެކު އުފެއްދި ޑުއޯއިން މިއުޒިކް އުފައްދަން ފެށުމުންނެވެ. ކްލޯއީ އެންޑް ހޭލީ ނަމަކަށް ކިޔާ އެ ޑުއޯ އުފެއްދި ފަހުން ދެބެން ވަނީ ހޮލީވުޑްގެ ބޮޑެތި އާޓިސްޓުންނާ އެކު ވެސް މަސައްކަތް ކޮށްފަ އެވެ.