މުސްލިމުންނަށް އަނިޔާ ދޭތީ އދ. އިން މިއަންމާ ކުށްވެރިކޮށްފި
މުސްލިމުންނަށް އަނިޔާ ދޭތީ އދ. އިން މިއަންމާ ކުށްވެރިކޮށްފި

ޖެނީވާ (ޑިސެމްބަރު 17) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކުގެ މައްސަލާގައި މިއަންމާ ސަރުކާރު އދ. އިން ކުށްވެރިކޮށްފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ރިޕޯޓް ކޮންމެ ދުވަހަކު ވެސް ލިބެމުންދާ ކަމަށެވެ. މުސްލިމުންނަށް މިއަންމާ ސިފައިންދޭ އަނިޔާތަކުގެ ތެރޭގައި ރޭޕްކުރުމާއި ގެދޮރުގައި އަލިފާން ޖެހުމާއި މީހުން މެރުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަންމާ ސިފައިން އޮކްޓޯބަރު މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅުގެ 86 މުސްލިމަކު މަރާފައިވާ އިރު 27،000 މީހުން ވަނީ ސްޓޭޓް ދޫކޮށްދާން މަޖްބޫރުވެފަ އެވެ. ރަކިނީ ދޫކޮށްދާ ގިނަ މީހުން ޖަމާވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.

ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރަމުންދާ އިރު މިއަންމާ ސަރުކާރު ހިންގުމުގެ އެންމެ އިސް ސަފުގައި މިހާރު ހުންނެވި ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.