30 ޖެނުއަރީ 2022 - 18:48

އައްޑޫގެ ކޮވިޑް ކޭސްތައް މިހާރު ވަރަށް ބޮޑަށް އިތުރުވެ، އެކަމާ ގުޅޭ ގޮތުން ކުރަން ޖެހިފައިވާ މަސައްކަތްތައް ވެސް އިތުރުވެފައިވާތީ ވޮލަންޓިއަރުން ހޯދަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއުލާންކޮށްފި އެވެ.
އެތަނުން މިއަދު ބުނީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާނެ 36 މީހަކު ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އޭއީއެޗުން މީގެ ކުރިން ވެސް ވޮލަންޓިއަރުން ހޯދަން އިއުލާންކޮށްފައިވާ އިރު ވޮލަންޓިއަރުން ބޭނުން ވަނީ ހޮސްޕިޓަލްގެ އިތުރުން އަވަށްތަކުގެ ސިއްހީ މަރުކަޒުތަކަށެވެ. އެތަންތަނުގެ ރެޕިޑް ރެސްޕޮންސް ޓީމަށާއި ކޮންޓްރެކްޓް ޓްރޭސިންގެ އިތުރުން ޓްރައޭޖާއި އެޓެންޑުންގެ އިތުރުން ވެކްސިނޭޝަން ކޯޑިނޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.
ކޯޑިނޭޓަރުންގެ ގޮތުގައި ނަގާ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށް އޭއީއެޗުން ބުންޏެވެ.