ރެކޯޑް ފީއަކަށް ބްރެޒިލްގެ މިޑްފީލްޑަރެއް ނިއުކާސަލް ޔުނަައިޓެޑަށް
ރެކޯޑް ފީއަކަށް ބްރެޒިލްގެ މިޑްފީލްޑަރެއް ނިއުކާސަލް ޔުނަައިޓެޑަށް

ނިއުކާސަލް (ޖެނުއަރީ 30) - އިނގިރޭސި ކްލަބް ނިއުކާސަލް ޔުނައިޓެޑުގެ ރެކޯޑް ޓްރާންސްފާ އަގަކަށް، ލިޔޯން އަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލަޑަރު ބްރޫނޯ ގިމަރޭސްގެ ސޮއި ހޯދައިފި އެވެ.

ރެކޯޑް ފީއަކަށް ބްރެޒިލްގެ މިޑްފީލްޑަރެއް ނިއުކާސަލް ޔުނަައިޓެޑަށް
ރެކޯޑް ފީއަކަށް ބްރެޒިލްގެ މިޑްފީލްޑަރެއް ނިއުކާސަލް ޔުނަައިޓެޑަށް

ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅޭ އުމުރުން 24 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރު ނިއުކާސަލް އަށް ބަދަލުވީ 50.1 މިލިއަން ޔޫރޯ އަށް، ހަތަރު އަހަރާ ބައިގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި މި ޓްރާންސްފާއާ އެކު އޭނާގެ ކުރީގެ ކުލަބް ބްރެޒިލްގެ އެތުލެޓިކޯ ޕަރަނޭންސޭ އަށް ޓްރާންސްފާ ފީގެ 20 ޕަސެންޓް ވެސް ލިބޭނެ އެވެ.

ރެކޯޑް ފީއަކަށް ބްރެޒިލްގެ މިޑްފީލްޑަރެއް ނިއުކާސަލް ޔުނަައިޓެޑަށް
ރެކޯޑް ފީއަކަށް ބްރެޒިލްގެ މިޑްފީލްޑަރެއް ނިއުކާސަލް ޔުނަައިޓެޑަށް

މިއީ މިދިޔަ އޮކްޓޯބަރު މަހު ސައުދީ އަރަބިޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އެ ކުލަބު ހިންގަން ހަވާލުވި ފަހުން އެ ޓީމަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ނިއުކާސަލް އިން ވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ކީރެން ޓްރިޕިއާ އާއި ބާންލީގެ ފޯވާޑް ކްރިސް ވުޑް ގެނެސްފަ އެވެ.

ގައުމީ ޓީމާ އެކު ބްރެޒިލްގައި ހުރެ ގިމަރޭސްގެ މެޑިކަލް ފުރިހަމަކުރީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އަދި މެޑިކަލް ކުރިޔަށް ގެންދިޔައީ ކުލަބުގެ ހެޑް އޮފް ރެކްރޫޓްމެންޓް ސްޓީވް ނިކޮލަސްގެ ހާޒިރުގަ އެވެ. އޭނާ ނިއުކާސަލް އަށް ސޮއިކުރި ނަމަވެސް ޓީމާ ގުޅޭނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުދަ ދުވަހު ބްރެޒިލް ކުޅޭ މެޗަށް ފަހު އެވެ.

ޖެނުއަރީ 2020 ގައި 20 މިލިއަން ޔޫރޯ އަށް ލިޔޯން އަށް ބަދަލުވެ، ގިމަރޭސް ވަނީ މިހާތަނަށް އެޓީމަށް 71 މެޗު ކުޅެދީފަ އެވެ. އަދި ބްރެޒިލްގެ އޮލިމްޕިކް ޓީމާ އެކު އޭނާ ވަނީ މިދިޔަ އަހަރުގެ އޮލިމްޕިކް ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ، ގިމަރޭސްއާ އެކު ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށާއި، ލިޔޯން އަދި ބްރެޒިލް ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ނިއުކާސަލްގެ ޖޯޒީގައި ކުޅޭތަން ބަލާލަން ޓީމުގެ ސަޕޯޓަރުން ވެސް ޝައުގުވެރިވާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

ސައުދީ އަރަބިޔާގައި ޓްރެއިނިން ކުރުމަށް ފަހު ނިއުކާސަލް ޔުނައިޓެޑް ޓީމު އެނބުރި އިންގްލެންޑަށް ދިޔައީ މި ހަފްތާގެ ބަންދުގަ އެވެ. އަދި އެންމެ އަވަހަށް އެޓީމު ކުޅެން އޮތީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށެވެ.

އެންމެ ފަހުން ލީގުގައި ނިއުކާސަލް ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ނަތީޖާ ރަނގަޅުކޮށް، ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު އާކޮށްފަ އެވެ. މި ވަގުތު 21 މެޗުން 15 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް އެންމެ ފަހުން ލީގުގައި ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު، އޭގެ ކުރިން ވަޓްފޯޑާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ ވަނީ އެއްވަރު ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނިއުކާސަލް އިން ވަނީ އެ ޓީމުގެ އެކަޑަމީގައި ފުޓުބޯޅަ ކުޅެން ފެށި، މިހާރު ބްރައިޓަން އަށް ކުޅޭ ހަ ފޫޓު ހަތް އިންޗި ހުންނަ ދިގު ޑިފެންޑަރު ޑޭން ބާން 16 މިލިއަން ޔޫރޯއަށް އެކުލަބަށް ގެންނަން ބްރައިޓަންއާ އެކު އެއްބަސްވެފަ އެވެ.