ލަންކާގެ ސާފިން މުބާރާތުގެ ސެމީ ފައިނަލަށް އާޔާ ދަތުރުކޮށްފި
ލަންކާގެ ސާފިން މުބާރާތުގެ ސެމީ ފައިނަލަށް އާޔާ ދަތުރުކޮށްފި

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ، "ރެޑްބުލް ރައިޑް މައި ވޭވް" ސާފިން މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖޭގެ ގައުމީ ޗެމްޕިއަން އާޔާ ނަސީމް ދަތުރުކޮށްފި އެވެ.

ލަންކާގެ ހިއްކަޑުވާ އޭ-ފްރޭމް ސާފިން ޕޮއިންޓުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން ވާދަކުރި ހަމައެކަނި އަންހެން އެތުލީޓަކީ އާޔާ އެވެ.

ލަންކާގެ އިތުރުން ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ، އިންގްލެންޑާއި ފްރާންސް އަދި މިނޫންވެސް ގައުމުތަކުން 120 އަށް ވުރެ ގިނަ ރާޅާއެޅުންތެރިންނާ އެކު ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ފިރިހެން އެތުލީޓުންގެ ތެރެއިން ރާއްޖޭގެ ހުސެއިން އަރީފް (އިބޫ)، އަހުމަދު އާގިލް (އަންމަޑޭ)، އިސްމާއިލް މިގްލާލް (ކުޑައިއްސެ) އަދި ނަޖާހް އަހުމަދު (ކަބޯ) ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ކުއާޓާގައި ހުސައިން އަރީފް ވާދަކުރާނީ ހީޓް 1 ގަ އެވެ. އަންމަޑޭ އާއި ކުޑަ އިއްސެ ވާދަކުރާނީ ހީޓް 2 ގަ އެވެ. ކަބޯ ވާދަކުރާނީ ހީޓް 3 ގަ އެވެ.

މުބާރާތުގެ ޖަޖިން ޕެނަލްގައި އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ ބެޖް ހާސިލުކޮށްފައިވާ ރާއްޖޭގެ ނަހްޝަލް ނާސިރު (ނަހޫ) ވެސް ހިމެނެ އެވެ.

މި މަހުގެ ކުރީކޮޅު ލަންކާގެ މަމްބޯސް ހިއްކަޑުވާ ސާފް ކްލަބުން ބޭއްވި މި އަހަރުގެ ޖޫނިއާ ޕްރޯ ސާފިން މުބާރާތުގައި ވެސް ރާއްޖޭގެ ރާޅާއެޅުންތެރިއެއް ވަނީ ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. ރާއްޖޭގެ 11 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ ޖޫނިއާ ޕްރޯ މުބާރާތުގައި ވާދަކޮށް ފައިނަލް ހީޓުގައި ވެސް ރަނގަޅު ވާދައެއް ކޮށްފަ އެވެ.

އުމުރުން 14 އަހަރުން ދަށުގެ ސާފަރުން ވާދަކުރި މަމްބޯސް ޖޫނިއާ ޕްރޯ މުބާރާތުގެ ފައިނަލަށް ކަޔާން ދަތުރުކުރީ އޭނާ ވާދަކުރި ހުރިހާ ހީޓަކުން ވެސް އެއްވަނަ ހޯދައިގެންނެވެ. ނަމަވެސް ފައިނަލް ހީޓުގައި ކަޔާން ނިންމީ ހަތަރު ވަނައިގަ އެވެ.

ކަޔާން އަކީ ރާއްޖޭގެ ސާފިން ޖޫނިއާ ގައުމީ ޓީމުގެ ވެސް އެތުލީޓެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ރާއްޖޭގެ ގައުމީ ރާޅާއެޅުމުގެ މުބާރާތް، ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓުގައި ވާދަކޮށްފަ އެވެ. ފިރިހެން އޯޕަން ކެޓެގަރީން ކަޔާން ކެޓީ ފަސްވަނަ ބުރުންނެވެ.