ކާބޯތަކެއްޗަށް ޖެހިފައިވާ ލަންކާ އަށް ވަގަށް އެތެރެކުރި 16 ޓަނުގެ ބީޓްރޫޓް ހިފަހައްޓައިފި
ކާބޯތަކެއްޗަށް ޖެހިފައިވާ ލަންކާ އަށް ވަގަށް އެތެރެކުރި 16 ޓަނުގެ ބީޓްރޫޓް ހިފަހައްޓައިފި

ކޮލަމްބޯ (ޖެނުއަރީ 30) - ކާބޯތަކެއްޗަށް ޖެހިފައިވާ ސްރީ ލަންކާ އަށް ބަޔަކު ވަގަށް އެތެރެކުރި 16 ޓަނުގެ ބީޓްރޫޓް ޝިޕްމަންޓެއް ކަސްޓަމަސް އިން އަތުލައިގެންފި އެވެ.

ލަންކާ އަށް މިދުވަސްވަރު މުދާ އެތެރެކުރުމުގައި ވަނީ ހަރުކަށި އުސޫލެއް ތައާރަފްކޮށްފަ އެވެ. ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ އިމްޕޯޓް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ކަސްޓަމްސްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެތެރެކުރުން މަނާ ތަރުކާރީ ހިމެނޭ ކޮންޓެއިނާ އެތެރެކޮށްފައި ވަނީ އަލުވި ކޮންޓެއިނާއެއްގެ ނަމުގައި އޮޅުވާލައިގެން ކަމަށެވެ. ލަންކާ އަށް އަލުވި އެތެރެ ކުރުމުގެ ހުއްދަ އޮވެ އެވެ. ވަގަށް އެތެރެކުރި ބީޓްރޫޓުގެ އަގު ތިން މިލިއަން ރުޕީސް އަށް އަރަ އެވެ.

"ބީޓްރޫޓަކީ އެތެރެކުރުން ހުއްދަ ބާވަތެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ހިފަހައްޓާފައި ވަނީ ޕާކިސްތާނުން ގެނައި ޝިޕްމަންޓެއް. އެ ތަކެތި އެތެރެކުރި ފަރާތާ ދެކޮޅަށް ފިޔަވަޅު އަޅާނަން."

ބޭރު ފައިސާގެ ދަތިކަން ކުރިމަތިވުމުން ލަންކާ އިން އިމްޕޯޓް ކޮންޓްރޯލްކުރީ 2020 ވަނަ އަހަރު އެވެ. ބޭރު ފައިސާ ލިބުން ދަތިވުމުން ތެޔޮ ގަންނަން ވެސް ދަތިވެ، ލަންކާ އިން މިހާރު ދަނީ އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުންނެވެ. ސުޕަމާކެޓްތަކުން ވަނީ ހަނޑުލާއި އެނޫން ބާވަތްތައް ވެސް ކޮންޓްރޯލް ކޮންގެން ވިއްކަން ފަށައިފަ އެވެ.

އެގްރިކަލްޗަރަލް ކެމިކަލް އެތެރެކުރުން ވެސް ލަންކާ އިން މިދިޔަ އަހަރު މަނާކުރި އެވެ. ނަމަވެސް އެ ގައުމުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ދަށްވުމުން އަލުން ވަނީ ފާޓިލައިޒާ ފަދަ ބާވަތްތައް އިމްޕޯޓް ކުރަން ހުއްދަ ދީފަ އެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން ލަންކާގައި މިދިޔަ މަހު ކާބޯތަކެތީގެ އަގު ވަނީ 21.5 ޕަސެންޓް ބޮޑުވެފަ އެވެ.