30 ޖެނުއަރީ 2022 - 06:37

ބުދަ ދުވަހާ ގުޅޭ
ދިމާވީ މުޅީން އެހެން މައްސަލައެކެވެ. ބައްޕައަށް ކައިރި ފެންނަލެއް ސާފެއް ނޫނެވެ. އެހެންކަމުން ފުރަތަމަ ޖެހޭނީ ބައްޕައަށް އައިނެއް ހައްދާށެވެ. އެ ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އައިނު ހައްދާކަށް ބައްޕައަކަށް ނުދެވޭނެއެވެ. ގޮންޖެހުމަކަށް ފަހު ގޮންޖެހުމެކެވެ. އުނދަގުލަކަށް ފަހު އުނދަގުލެކެވެ. އަހަރެންގެ ހިތްވަރެއް ނޭލެއެވެ. ޔަގީނުން ވެސް ދެ އުނދަގުލަށް ފަހު ދެން އޮންނާނީ ފަސޭހައެކެވެ.
ކަންކަމާ ހާސްވެ ގޮތް ހުސްވަނީ، އެ ކަން ހައްލުކުރަން ނޫޅެ ބޭކާރު ފިކުރުކުރަން ފެށީމައެވެ. އެއީ އަހަރެންގެ ތަޖުރިބާއެވެ. އަހަރެން އެކުވެރިންނާ މަޝްވަރާކުރީމެވެ. އެފްބީއާއި، ނޫސްތައް ބެލުމުގެ އިތުރަށް، އައިނު ހައްދާ ތަންތަނަށް ގޮސް އެ މީހުންނާ ވާހަކަދެއްކީމެވެ. ލިބުނީ އުފާވެރި ޚަބަރެކެވެ. ބަލިމީހުންގެ ގޭގެއަށް ގޮސް ނަންބަރުނަގައިދިނުމަކީ އޮންނަ ހިދުމަތެކެވެ. ވަރަށް ފަސޭހަކަމެކެވެ. އަހަރެން އެ ކަން ކުރީމެވެ. ބައްޕައަށް އައިނެއް ހެއްދީމެވެ.
"ބައްޕަ ކީއްކުރާ އައިނެއް ދަރިފުޅާ!" ބައްޕަ ސުވާލުކުރިއެވެ. "މިހާރު ވެސް ބައްޕައަށް އެއްޗެހި ލިޔެލާ ކަންތައްކުރެވެޔޭ!"
"އަހަރެން މި އުޅެނީ ބައްޕަ މުޅީން އެހެން އުސްމިނަކަށް ގެންދާށޭ ބައްޕާ!" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. "ބައްޕަ ދަންނަންތަ އައިޕެޑް؟"
"އައިބެޑޭ؟ އެއީ ކޮން ކަހަލަ ބެޑެއް؟" ހެމުންހެމުން ބައްޕަ ބުނެލިއެވެ. "އެ ބެޑުގަ އޮންނަން އައިނު ވެސް އަޅަންޖެހޭތަ؟ ހޭލާ އޮންނަ އިރު ހުވަފެން ފެންނަނީތާ؟"
އެއީ ބައްޕަ ކުރި ސަމާސާއެކެވެ. އައިޕެޑަކީ ކޯޗެއްކަން ބައްޕައަށް އެނގޭނެއެވެ. އެކަމަކު އަހަރުމެން ދެބަފައިން ވެސް ލައްކަ އިރު ހުނީމެވެ. ކުޑައިރުގެ ހަނދާންތައް އާކޮށް، އެ ޒަމާނާއި މި ޒަމާން އަޅައިކިޔައި ހެދީމެވެ. ކުޑައިރު އަހަރެން ބަލިވެ ހޮޑުލާން ފެށުމުން ބައްޕަގެ ކޮނޑުމަތީގައި އަހަރެން ސެންޓަރަށް ގެންދިޔަ ވާހަކައާއި، އަހަރެންގެ ސުވާލު ގިނަކަމުން މަންމަ ވަރުބަލިވާ އިރު ވެސް ބައްޕަ ޖަވާބު ހަދަހަދައިގެން ދޭ ވާހަކަ ވެސް ދެކެވުނެވެ. އަހަރުމެން ދެބަފައިންގެ ވާހަކަ ހުހެއްނުވެއެވެ. އެކަކު ވާހަކަދައްކައި ނިމެންދެން ވެސް އަނެކަކަށް މަޑުނުކުރެވެއެވެ.
އަހަރެން އައިޕެޑެއް ގަތީމެވެ. ޤުރުއާނާއި ޤުރުއާން ތަރުޖަމާއާއި ސިޔަރަތާއި މިއުރާޖު މައުލޫދު އެޅީމެވެ. ބައްޕަގެ އުމުރާ ގުޅޭ މުސްކުޅި ދިވެހި ލަވަ ވެސް އެޅީމެވެ. ބައްޕަ އެންމެ އަހާހިތްވަނީ ދިވެހިލަވައެވެ. ބައްޕައަށް ކުޅެވޭނެ ކަހަލަ ކުދިކުދި ގޭމު ވެސް އެޅީމެވެ. އެނދުގައި ސްޓޭންޑެއް ހަރުކޮށް އޭގައި އައިޕެޑް ހަރުކުރީމެވެ. އެއީ އެންމެ ފަސޭހަ ބަޔެވެ. އެއަށް ފަހު އައިޕެޑާ ކުޅެން ބައްޕައަށް ދަސްކޮށްދިނުމުގެ މަސައްކަތް ފެށީމެވެ. ކެތްތެރިކަމުގެ އެ ވަރުގެ އިމުތިހާނެއް ދުވަހަކު ވެސް އަހަންނަކާ ކުރިމައްޗެއް ނުވެއެވެ.
ބައްޕަގެ ބޯލާކޮޅުގައި އަހަރެން އިށީނދެފައި، އަހަރެންގެ މޭގައި ބައްޕަ ލައްކޮށްލީމެވެ. އަހަރުމެން ދެބަފައިންނަށް އައިޕެޑު ފެންނަ ގޮތަށެވެ. ދެން ބައްޕަގެ ކަނާއަތުން އައިޕެޑްގެ އިސްކިރީނުގައި ޖެއްސީމެވެ.
"ތީ ކޯޗެއް ދަރިފުޅާ؟" ބައްޕަ ސުވާލުކުރިއެވެ.
"ބައްޕާ މިއެއްނު އެއްޗަކީ،" އަހަރެން ބުނީމެވެ. "މިއަށް އޮންނާނެ ސިމެއް ވެސް ލައްވައިފަ. ދެން މި އޮތީނު އަހަރެންގެ ފޮޓޯ ފެންނަން. ބައްޕަ ހަމަ އެކަނި ޖެހޭނީ ފޮޓޯއަށް މިހެން ފިތާލަން. އޭރުން އަހަންނާ ވާހަކަދެއްކޭނެ. މިހެން ހަދާލީމަ އެ އޮތީ ހަތިމު ހުޅުވިފަ. މިހެން ހެދީމަ އެހެރެ އެއްލެނީ ގަނޑު. ފައްކަލެއް ނޫން؟"
"އައްދެއައްދެ! މީ ހާދަހާ މޮޅު އެއްޗެކޭ ދޯ." ބައްޕަ ބުންޏެވެ.
"ދެން ބުނަން ބައްޕާ!" ބައްޕަގެ އިނގިލި ޖައްސައިދެމުން އަހަރެން ބުނީމެވެ. "ދެން މިހެން ހަދައިފަ، މި ތަނަށް މިހެން ފިތާލީމަ ޤުރުއާން ކިޔަވާ އަޑު ވެސް އިވޭނެ. ބަލަ! އެޔޮއް ކިޔަވަން ފެށީނު!"
"އެ ބުނާހެން،" ބައްޕަ ބުންޏެވެ. "ތީ ޔާސީން ސޫރަތެއްނު ދަރިފުޅާ! ތި ސޫރަތް ވެސް ތީގަ އޮވޭތަ؟"
"ހުރިހާ ސޫރަތެއް އޮންނާނެ. ބަލަ އުހުނ! އަނެއް ސޫރަތް ފެށުނީ،" އަހަރެން ބުނީމެވެ. "އަޅެ ނިކަން ބައްޕަ އެހެން ހަދާލަބަލަ ހަދާލަބަލަ! ބިރުގަންނާނެކަމެއް ނެތް. އަހަރެން މިހިރީނު."
އައިޕެޑު ހުޅުވުމަށް ފަހު ކިޔައިދޭނެ މާ ބޮޑު އެއްޗެއް ނޯވެއެވެ. ހަތިމު ހުޅުވޭނެ ގޮތާއި ގަނޑުއެއްލާ ގޮތް ދަސްވީމައި ނިމުނީއެވެ. ސިޔަރަތު ނުވަތަ ލަވަ ޖަހަން ދަސްވީމައި ނިމުނީއެވެ. ބޭނުންވީ ކުޑަ ހިތްވަރެކެވެ. ބައްޕަ ޤުރުއާން ތަފުސީރު ކިޔާ އިރު އަހަރެންނަށް ޓެސްޓުދޭން ބޭނުންވެއެވެ. އަހަންނާ ވަރަށް ގިނަ ސުވާލުކުރެއެވެ. ނަސީބަކުން ހުރިހައި ސުވާލަކަށް ވެސް އަހަންނަށް ޖަވާބުދެވެއެވެ. އެ ދާއިރާއިން އަހަރެން ކިޔަވައިފައިވާތީއެވެ. ޖަވާބު ރަނގަޅުތޯ ފޮތުން ބެލުމަށް ފަހު، އެންމެ ޖަވާބެއް ވެސް ނުބައި ނުވާތީ ބައްޕަ ވަރަށް ފަހުރުވެރިވެއެވެ. ބައްޕަގެ ލޮލުން އަހަންނަށް އެ ކަން ފާހަގަކުރެވެއެވެ.
ބައްޕަ ހަފުތާއަކު ހަތިމެއްކުރަން ފެށިއެވެ. އެއީ ބައްޕަ އެންމެ އުފާވި އެއް ކަންތަކެވެ. އެއް ހަތިމު ނިމުމުން ދެން އޮންނަނީ ތަރުޖަމާ ކިޔުމެވެ. ދެން ތަފުސީރެވެ. އެއަށް ފަހު އަނެއް ހަތިމެވެ. ފަސް ނަމާދުގެ އިތުރަށް ސުންނަތް ނަމާދާއި ދަމުނަމާދު ވެސް އަހަރުމެން ކުރަމެވެ. ހަށަންބަންނަ އިރު ބައްޕަގެ ވައަތް ނަގަނީ ބައްޕަގެ ކަނާއަތުންނެވެ. އެ ކަމަކަށް އަހަރެންގެ އެހީއެއް ނުހޯދާނެއެވެ. އެއީ ބައްޕަގެ މިޒާޖެވެ. ކިރިޔާ ވެސް ބައްޕައަށް ކުރެވޭ ކަމެއްގައި އަހަރެންގެ އެހީއެއް ނުހޯދާނެއެވެ. ބައްޕައަކީ ހީވާގި، މުރާލި މީހެކެވެ.
ރޯދަމަހު އަހަރެން މިސްކިތަށްދަނީ ގޭގައި ބައްޕަޔާ އެއްކޮށް ސުންނަތް ނަމާދުކޮށްފައެވެ. ތަރާވީސް ކޮށްފައި އައިސް ބައްޕަ ކިތައް ރަކުއަތްކުރިންތޯ އަހަމެވެ. ހަމަ އަހާ އިރަށް ބައްޕަ ވެސް އެ ސުވާލު އަހަންނާ ކުރެއެވެ. ދަރިފުޅު ކިތައް ރަކުއަތް ކުރިންހޭ އަހައެވެ. މިސްކިތުގައި ކުރި ވަރު އަހަރެން ބުނުމުން އެއަށް ވުރެ ގިނައިން ބައްޕަ ކުރި ވާހަކަ، ވަރަށް އުފާވެފައި ބުނެއެވެ.
ބައްޕަ އުފާވެފައި އޮންނަ ތަން ފެނުނަސް، އަހަރެންގެ ހިތަށްއަރާ ސުވާލެއް އޮވެއެވެ. ބައްޕަ ހަގީގަތުގައި ވެސް އުފާވޭ ހެއްޔެވެ؟ ނުވަތަ އުފާވާކަމަށް ހެދެނީ ހެއްޔެވެ؟ ބައްޕަ ހިތްހަމަޖައްސައިދޭން އިތުރަށް އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ބައްޕަ އެނދުގައި ކިޔަވަން އޮންނަ އިރު، އަހަރެން ބައްޕަ ފައިލާކޮޅުގައި އިށީނދެގެން ބައްޕައަށް ބަލަހައްޓައިގެން އިންނަމެވެ. ކުޑަ އިރު ބައްޕަ ކޮށްދިން ކުދިކުދި އެކަމަކު ހިތުން ފުހެލަން ދަތި ކަންކަން ހަނދާންކުރުމުގައެވެ. އަހަންނަށް ފަލިޖަހަން ދަސްކޮށްދޭން ބައްޕަ ކުރި މަސައްކަތެވެ. ދޫނިހިފަން މަޅިފަތިޖަހަން ދަސްކޮށްދޭން އުޅުނު ހާލެވެ. ފަންވަތުން ވިޔަން ދަސްކޮށްދޭން ހޭދަކުރި ވަގުތެވެ. ވަރުބަލިވުމެއް ޝަކުވާއެއް ނެތިއެވެ. އަހަރެން ބައްޕަގެ ވައަތުގައި ފިރުމައިލީމެވެ. އަހަރެން މޫދަށް ގެނބުނު ދުވަހު އަހަރެން ސަލާމަތްކުރަން ބައްޕައަށް ހިފުނީ އެ އަތުންނެވެ. އެ ދުވަހު އަހަރެން ސަލާމަތްނުކުރި ނަމަ، ކިޔަވައިގެން މަތީ ވަނަތައް ހާސިލުކުރާކަށް އަހަރެން ނުހުރީހެވެ. އެ ދަރަނި އަހަރެން އަދާކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ބޭނުންކުރަންވީ ކޮން ލަފުޒުތަކެއް ހެއްޔެވެ؟ އެ ހަނދާންވި ދުވަހު އަހަންނަކަށް ކަރުނައެއް ނުހިފޭއްޓުނެވެ. ބައްޕައަށް އެ މަންޒަރު ފެނުނެވެ.
"ކިހިނެއްވީ ދަރިފުޅާ؟" ބައްޕަ އެހިހެން ހީވީ އެހެންނެވެ. "ކިހިނެއްވީ ދޮންކަލޯ؟"
"ބައްޕަ އުފާވޭތަ ބައްޕާ؟" އަހަރެން ސުވާލުކުރީމެވެ. "އަސްލު ވެސް ބައްޕަ އުފާވޭތަ؟"
ބައްޕަގެ ކަނާއަތް ހިއްލައިލައިފައި ބޮޑުވައި އިނގިލި އުފުއްލައިލިއެވެ. އެއީ ބައްޕަގެ އާންމު ހަރަކާތެކެވެ.
"އެސްޓު!" ބެސްޓު ބުނަން މަސައްކަތްކުރުމުން ބައްޕައަށް ބުނެވުނީ އެހެންނެވެ.
އަލްހަމްދުލިއްލާހިއެވެ. ހިތާހިތުން އަހަރެން ބުނީމެވެ. އެ ފުރުސަތު އަހަންނަށް ﷲ ދެއްވިކަމަށް ޓަކައެވެ. ބައްޕައަކީ ރަށުގައި ނުލާހިކު މުރާލިކޮށް، އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި އުޅުނު މީހެކެވެ. އެކުވެރި މަސްވެރިންނާ އެކުގައި ކަނޑުމަތީގައި "ދިރިއުޅުނު" މީހެކެވެ. ސަމާސާކުރުމަކީ ބައްޕަގެ އާދައެކެވެ. އަބަދު ވެސް ބަލާނީ ކޮންމެވެސް މަޖާ އެއްޗެއް ބުނެގެން މީހަކު ހެއްވައިލެވޭތޯއެވެ. އަހަރެން ހިތަށްއަރައެވެ. އެންމެން ހެއްވަން މަސައްކަތްކުރި ބައްޕަ ކުއްލިއަކަށް އެނދުގައި އޮށޯންނަން ޖެހުނީއެވެ. އެކުވެރިންނާ ވަކިވާން ޖެހުނީއެވެ. ބައްޕަ ހާދަހާ ފޫހިވާނެއެވެ. ހާދަހާ އެކަނިވެރިވާނެއެވެ. ހުރިހައި އެކުވެރިންގެ ޖާގަ ފުރަން ހުރީ އަހަރެން އެކަންޏެވެ. އެ ވާޖިބު އަހަންނަށް އަދާނުކުރެވިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ބަލަން އިންތަން ފެނިފައި ބައްޕަ އިސާރަތުން އަހަންނަށް ގޮވައިލިއެވެ. އަހަރެން ގާތަށް ޖެހިލީމެވެ.
"މީ ބައްޕައަށް ކުރިން ނުކުރެވުނު ކަންތައް ކުރަން ލިބުނު ރަނުގެ ފުރުސަތެއްނު!" ބައްޕަ ބުނިހެން ހީވީ އެހެންނެވެ. "ކުރިން ބައްޕަ އަބަދުވެސް އުޅޭނީ ކޮންމެވެސް މަސައްކަތެއްގަ. ވާޖިބުކަންތައް ކިރިޔާ ކޮށްލެވެނީ. މިހާރު މި އޮތީ ދަތުރަށް ތައްޔާރުވާން ފުރުސަތެއް ދެއްވައިފަ. ބައްޕަގެ ނެތް ހަމަ އެއްވެސް ޝަކުވާއެއް."
އެއީ އަހަރެން ރުއްސަން ބައްޕަ ބުނި އެއްޗެއް ނޫނެވެ. ބައްޕަގެ މޫނު އެ ކަމަށް ހެކިދިނެވެ. ބައްޕަ ކުރިމަތީގައި އިތުރަށް ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. ފަހަރެއްގައި ވެސް ބައްޕަގެ ހިތަށް ތަދުވެދާނެތީއެވެ. އަހަރެން މައުލޫ ބަދަލުކޮށްލީމެވެ.
"އައިޕެޑާ ކުޅެން ބައްޕައަށް ފަސޭހަތަ؟" އަހަރެން އެހީމެވެ.
"އާނ މީ ދެން ކިހާ ފަސޭހަ އެއްޗެއް،" ބައްޕަ ބުންޏެވެ. "ގަނޑުއެއްލާކަށް ޖެހެނީކީއެއް ނޫން. އަތުން މިހެން ޓިސްޓިސް."
އަހަރެންގެ އުފަލަކީ އެއީއެވެ. ބައްޕަގެ ހުރިހައި ކަމެއް ހުންނަންޖެހޭނީ ވަރަށް ފުރިހަމަކޮށެވެ. ބައްޕަ ނިދިކަން ޔަގީންކޮށްފައި ނޫނީ އަހަންނެއް ނުނިދަމެވެ. ބައްޕަ ހައިހޫނުކަން ފިލުވައިފައި ނޫނީ އަހަރެން އެއްޗެއް ނުކަމެވެ. އަހަރެންގެ ހަމަ އެކަނި އުފަލަކީ ބައްޕަ ހިތްހަމަޖައްސައިދިނުމެވެ. އެހެން ދަރިން ވެސް ބައްޕައަށް ޒިޔާރަތްކުރެއެވެ. ވަރަށް ގާތުން ހާލުބަލައެވެ. ނުބެލި ނަމަވެސް އަހަރެންގެ ޝަކުވާއެއް ނޯތީހެވެ.
ބައްޕައަށް ބޭނުންވާ އެއްޗެހި ގަންނަން އަހަރެން ބޭރަށް ނުކުންނަން ޖެހެއެވެ. އަބަދު އޮށޯވެގެން އޮންނަން އިރު، ގައި ފާރުވެދާނެތީ އުނގުޅަން ޖެހޭ އެއްޗެއްސާއި، ހަރަކާތް މަދުކަމުން ކާންދޭން ޖެހޭ ވަކި ބޭސްތަކެއް ވެސް ހުރެއެވެ. ހަމަ އެހެންމެ އަހަރެން ވެސް ބަރާބަރަށް ކަސްރަތުކުރަން ޖެހެއެވެ. ބައްޕަ އުފުލައި ގެންގުޅެވޭ ވަރު ހުންނަންޖެހެއެވެ. ބޭރުގައި އަހަރެން އުޅޭ ހުރިހާ ވަގުތަކު ބައްޕަގެ އައިޕެޑާއި އަހަރެންގެ ފޯނު އޮންނާނީ ގުޅިފައެވެ.
ނުނިމޭ