29 ޖެނުއަރީ 2022 - 12:48

ވޮޝިންޓަން (ޖެނުއަރީ 29) - ރަޝިޔާ އިން ޔުކްރޭނަށް އަރައިގެންފި ނަމަ ކަންކަން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށާއި އެއީ އެތައް ބައެއްގެ ފުރާނެ ގެއްލިދާނެ ކަމެއް ކަމަށް ބުނެ އެމެރިކާގެ އިސް ޖެނެރަލަކު އިންޒާރު ދެއްވައިފި އެވެ.
ޗެއާމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ ވިދާޅުވީ ޔުކްރޭނުގެ ބޯޑަރަށް ރަޝިޔާ އިން މިހާރު ޖަމާކޮށްފައިވާ 100،000 ސިފައިންނަކީ ފިނި ހަނގުރާމަ އަށް ފަހު މިހާ ބޮޑު ލަޝްކަރެއް އެ ސަރަހައްދަށް ޖަމާކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އެކަމަކު އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ ހަނގުރާމައަކާ ހަމައަށް ނުގޮސް ޑިޕްލޮމެސީގެ ބޭނުންކޮށްގެން މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.
ރަޝިޔާ އިން ބުނެފައި ވަނީ ޔުކްރޭނަށް އަރައިގަންނަން ނޫޅޭ ކަމަށެވެ. ނަމަވެސް އެމެރިކާ އިން ޔުކްރޭނަށް ތާއީދު ކުރުމަކީ ބިރުބޮޑު ކަމެއް ކަމަށް ބުނެފައިވެ އެވެ.
އޮސްޓިން ވިދާޅުވީ އެމެރިކާ އިން ދަނީ ޔުކްރޭނުގެ ދިފާއު ވަރުގަދަ ކުރުމަށް އެހީވަމުން ކަމަށެވެ. އަދި މަސްރަހު ފިނިކުރުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް އޮސްޓިން ވަނީ ގޮވާލައްވައިފަ އެވެ.
ޕެންޓަގަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޖޯ ބައިޑަންގެ އެންމެ ސީނިއާ އަސްކަރީ އޮފިސަރު ޖެނެރަލް މިލޭ ވިދާޅުވީ ޔުކްރޭނުގެ ބޯޑަރަށް ޖަމާކޮށްފައިވާ ރަޝިޔާ ސިފައިންގެ އަދަދަށް ބަލާއިރު ހަމަލާއެއް ދީފި ނަމަ ކަންކަން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ.
"ރަޝިޔާ އިން އަރައިގެންފި ނަމަ ވަރަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ. އެތައް ބަޔަކު މަރުވެގެންދާނެ،" މިލޭ ވިދާޅުވި އެވެ.
ރައީސް ބައިޑަން ވިދާޅުވީ ވަރަށް ކައިރި ކުރިމަގެއްގައި މަދު އަދަދެއްގެ ސިފައިންގެ ލަޝްކަރެއް އިރުމަތީ ޔޫރަޕަށް ފޮނުއްވާނެ ކަމަށެވެ. ބޭނުމަކީ އެ ސަރަހައްދުގައި ނޭޓޯގެ ބާރުގަދަ ކުރުން ކަމަށް ވިދާޅުވި އެވެ.
ރަޝިޔާ އިން ދަނީ ނޭޓޯގައި ޔޫކްރޭން ބައިވެރިކުރުމަށް ވެސް ދެކޮޅު ހަދަމުންނެވެ.