"އިންޑިއާ އައުޓް" ކެމްޕެއިންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުންކުރާތީ ފާޑުކިޔުން
"އިންޑިއާ އައުޓް" ކެމްޕެއިންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުންކުރާތީ ފާޑުކިޔުން

އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބަން ގޮވާލައި، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕެއިންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރަމުންދާތީ އެކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ދަނީ "އިންޑިއާ އައުޓް" ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. އެ ކެމްޕެއިންގެ ތެރެއިން ރަށެއްގައި ހަރުކުރި ޕޯސްޓަރުތަކެއްގައި ނޮވެމްބަރު 3، 1988ގެ ބަތަލު ހުސައިން އާދަމްގެ ފޮޓޯއެއް ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުސައިން އާދަމަކީ ގައުމީ ބަތަލެއް ކަމަށާއި އޭނާ އަށް އިހުތިރާމް ކުޑަވާ ގޮތަށް ސިޔާސީ ބޭނުމަށްޓަކައި ފޮޓޯ ބޭނުން ކުރުމަކީ ގައްދާރުންގެ އަމަލެއް ކަމަށެވެ. ޝިފާއު ވިދާޅުވީ، ސިޔާސީ ގޮތުން ކޮންމެ ކަމެއް ކުރިޔަސް، ހުސައިން އާދަމް ކުރި ޖިހާދަށްޓަކައި ކޮންމެވެސް އިހްތިރާމެއް ކުރަން ޖެހޭނެ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ޓްވީޓެއްގައި ވަނީ ހުސައިން އާދަމަކީ ކުޅުދުއްފުށީގެ ފަހުރެއް ކަމަށެވެ. އެހެންވެ، ސިޔާސީ ބޭނުމަށް އޭނާގެ ފޮޓޯ ބޭނުން ނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަރިހުން އެދިވަޑައިގަންނަވާ ކަމަށް ޔާސިރުގެ ޓްވީޓްގައިވެ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އަސަރުކޮށް އަދި ރާއްޖޭގައި ތިބި އެ ގައުމުގެ މީހުންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.