17 ޑިސެމްބަރ 2016 - 08:22

ވޮޝިންޓަން (ޑިސެމްބަރު 17) - މީހަކު ނެތި ކަނޑުއަޑިން ދަތުރު ކުރެވޭ އެމެރިކާގެ ޑްރޯނެއް ދެކުނު ޗައިނާ ކަނޑުން ޗައިނާ އިން ހިފަހައްޓައިފި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.
އެމެރިކާ އިން މިހާރު ވަނީ ކަނޑު އަޑީގެ ރިސާޗް އުޅަނދެއްގެ ގޮތުގައި ބޭނުންކުރި ޑްރޯން އަނބުރާ ހަވާލު ކުރުމަށް ޗައިނާ އަށް ރަސްމީކޮށް އަންގައިފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ "އޯޝަން ގްލައިޑާ"ގެ ނަން ދީފައިވާ އުޅަނދަކީ ލޮނުގެ އަސަރު ހުރި މިންވަރާއި ފިނިހޫނުމިން ހުރި މިންވަރު ބެލުމަށް ބޭނުންކުރަމުން ދިޔަ ޑްރޯނެއް ކަމަށެވެ.
ޕެންޓަގަންގެ ތަރުޖަމާން ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ އަނޑުއަޑީގެ އުޅަނދުން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ސާވޭއެއް ކުރަމުން ދިޔައީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި ކަނޑުއަޑިން ނުނެގުމަށް އޭގައި އިނގިރޭސި އަކުރުން ލިޔެފައިވާނެ ކަމަށާއި އެއީ އެމެރިކާގެ އަމިއްލަ މިލްކެއް ކަމަށެވެ.
ޕެންޓަގަނުން ބުނީ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ސާވޭއެއްގައި އުޅުނު އެމެރިކާގެ ބޯޓު ޔޫއެސްއެންއެސް ބޯޑިޗުން ދޫކޮށްލި ކަނޑުއަޑީގައި ދުއްވާ އުޅަނދު ހިފެހެއްޓީ ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ކަމަށްވާ އޭއެސްއާރު-510 އިން ކަމަށެވެ. އަދި އެމެރިކާގެ ބޯޓުން ވަނީ ޑްރޯން ހަވާލު ކުރުމަށް ވަގުތުން އަންގާފައި ކަމަށާއި ނަމަވެސް ޗައިނާ އިން އެކަމަށް "އަޅާނުލި" ކަމަށެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިއްކި ރަށްތަކުގައި ހަތިޔާރު ޖަމާކުރަމުންދާ ކަމުގެ ސެޓެލައިޓް ފޮޓޯ ހެކި ލިބިފައިވާ ކަމަށް އެމެރިކާގެ ޖަމާއަތަކުން ބުނެފައި ވަނިކޮށެވެ.