ރާއްޖޭގެ ގައުމީ ސާފިން ޓީމާ އެކު ލަންކާ ރެޑްބުލް މުބާރާތް ފަށައިފި
ރާއްޖޭގެ ގައުމީ ސާފިން ޓީމާ އެކު ލަންކާ ރެޑްބުލް މުބާރާތް ފަށައިފި

ހިއްކަޑުވާ، ސްރީލަންކާ (ޖެނުއަރީ 29) - ރާއްޖޭގެ ގައުމީ ސާފިން ޓީމާ އެކު ސްރީ ލަންކާގެ ހިއްކަޑުވާ އޭ-ފްރޭމް ސާފިން ޕޮއިންޓުގައި "ރެޑްބުލް ރައިޑް މައި ވޭވް" ރާޅާއެޅުމުގެ މުބާރާތް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ގައުމީ ސާފިން ޓީމާ އެކު ލަންކާ ރެޑްބުލް މުބާރާތް ފަށައިފި
ރާއްޖޭގެ ގައުމީ ސާފިން ޓީމާ އެކު ލަންކާ ރެޑްބުލް މުބާރާތް ފަށައިފި

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ގައުމީ ސާފިން ޓީމުގައި ހިމެނެނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ގައުމީ ރާޅާއެޅުމުގެ މުބާރާތަށް ފަހު، މި އަހަރަށް އެކުލަވާލި ގައުމީ ޓީމުން ޖާގަ ހޯދި އެތުލީޓުންނެވެ. އެއީ ހޫދު އަހުމަދު (ހޫބްޒް) އާއި އަހުމަދު އާގިލް (އަންމަޑޭ) އަދި އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ނަޖާހު އަހުމަދު (ކަބޯ) އެވެ. މިއީ އަލަށް ގައުމީ ޓީމުގައި ހިމެނިގެން ހޫދު އަދި ނަޖާހު ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ގައުމީ ސާފިން ޓީމާ އެކު ލަންކާ ރެޑްބުލް މުބާރާތް ފަށައިފި
ރާއްޖޭގެ ގައުމީ ސާފިން ޓީމާ އެކު ލަންކާ ރެޑްބުލް މުބާރާތް ފަށައިފި

ގައުމީ ޓީމުގެ ސާފަރުންގެ އިތުރުން ވެސް މުބާރާތުގައި ގިނަ ދިވެހި ސާފަރުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) ގެ އިތުރުން، އިސްމާއިލް މިގްލާލް (ކުޑައިއްސެ) އާއި ޔަމާން މުހައްމަދު އިބްރާހިމާއި، މުހައްމަދު ޒަޔާން (ޗޮއްޕު) އަދި ރާއްޖޭގެ އަންހެން ސާފިން ޗެމްޕިއަން އާޔާ ނަސީމް ވެސް ހިމެނެ އެވެ.

ލަންކާގެ އިތުރުން ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ، އިންގްލެންޑާއި ފްރާންސް އަދި މިނޫންވެސް ގައުމުތަކުން 120 އަށް ވުރެ ގިނަ ރާޅާއެޅުންތެރިންނާ އެކު މި މުބާރާތް ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ.

މޯލްޑިވް ސާފިން އެސޯސިއޭޝަނުން ދެކޭގޮތުގައި، މި އަހަރުގެ ބައިނަލްއަގުވާމީ މުބާރާތްތަކަށް ގައުމީ ޓީމުގެ އެތުލީޓުން ތައްޔާރުކުރަން ލަންކާ މުބާރާތުގެ ތަޖުރިބާ ދިވެހި އެތުލީޓުންނަށް ވަރަށް މުހިއްމެވެ.

މި މަހުގެ ކުރީކޮޅު ލަންކާގެ މަމްބޯސް ހިއްކަޑުވާ ސާފް ކްލަބުން ބޭއްވި މި އަހަރުގެ ޖޫނިއާ ޕްރޯ ސާފިން މުބާރާތުގައި ވެސް ރާއްޖޭގެ ރާޅާއެޅުންތެރިއެއް ވަނީ ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. ރާއްޖޭގެ 11 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ ޖޫނިއާ ޕްރޯ މުބާރާތުގައި ވާދަކޮށް ފައިނަލް ހީޓުގައި ވެސް ރަނގަޅު ވާދައެއް ކޮށްފަ އެވެ.

އުމުރުން 14 އަހަރުން ދަށުގެ ސާފަރުން ވާދަކުރި މަމްބޯސް ޖޫނިއާ ޕްރޯ މުބާރާތުގެ ފައިނަލަށް ކަޔާން ދަތުރުކުރީ އޭނާ ވާދަކުރި ހުރިހާ ހީޓަކުން ވެސް އެއްވަނަ ހޯދައިގެންނެވެ. ނަމަވެސް ފައިނަލް ހީޓުގައި ކަޔާން ނިންމީ ހަތަރު ވަނައިގަ އެވެ.

ކަޔާން އަކީ ރާއްޖޭގެ ސާފިން ޖޫނިއާ ގައުމީ ޓީމުގެ ވެސް އެތުލީޓެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ރާއްޖޭގެ ގައުމީ ރާޅާއެޅުމުގެ މުބާރާތް، ސީސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓުގައި ވާދަކޮށްފަ އެވެ. ފިރިހެން އޯޕަން ކެޓެގަރީން ކަޔާން ކެޓީ ފަސްވަނަ ބުރުންނެވެ.