ޗައިނާ ފުޓްބޯޅަ އަކީ ކްލަބްތަކަށް އޮތް ބިރެއް: ކޮންޓޭ
ޗައިނާ ފުޓްބޯޅަ އަކީ ކްލަބްތަކަށް އޮތް ބިރެއް: ކޮންޓޭ

ލަންޑަން (ޑިސެމްބަރު 17) - ބޮޑު މުސާރަ ދީގެން ޗައިނާ ކްލަބްތަކުން މަޝްހޫރު ކުޅުންތެރިން ގެންދިއުމަކީ ދުނިޔޭގެ ފުޓްބޯޅަ އަށް އޮތް ބިރެއްގެ ގޮތުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ސިފަކޮށްފި އެވެ.

ޗައިނާ އިން ވަނީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ބޮޑު އަގުގައި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކަށް ކުޅޭ ގިނަ ކުޅުންތެރިން ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފަހުން ޗައިނާ އިން ބޮޑު އަގު ހުށަހަޅާފައިވާ ކުޅުންތެރިޔަކީ ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު އޮސްކާ އެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ކުޅުންތެރިން ޗައިނާ އަށް ދާން ބޭނުންވަނީ ޕްރެޝަރު ކުޑަ މުބާރާތްތަކުގައި ކުޅެ، ބޮޑު މުސާރަ ހޯދުމަށް ކަމަށެވެ.

"ޗައިނާ ފުޓްބޯޅަ އަކީ ހަމައެކަނި ޗެލްސީ އަށް އޮތް ބިރެއް ނޫން. މުޅި ޔޫރަޕްގެ ފުޓްބޯޅަ އަށް އޮތް ބިރެއް. ފަސޭހައިން ލާރި ހޯދުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް. ޕްރިމިއާ ލީގު ކަހަލަ ވަރުގަދަ ލީގެއް ދޫކޮށްލުމަށް ފަހު ހަމައެކަނި ފައިސާ އަށް ބަލައިގެން އާދައިގެ ކްލަބަކަށް ދިއުމަކީ ރަނގަޅު ގޮތަކަށް ނުވާނެ،" ކޮންޓޭ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ޖެހިޖެހިގެން 10 މޮޅު ހަމަކޮށް ރަނގަޅު ފޯމެއްގައި އޮތްއިރު، ކޮންޓޭ ބުނީ މިއީ އޭނާ އަށް ވެސް ލިބިފައިވާ ޝޮކެއް ކަމަށެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު ޗެލްސީ އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު 16 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް އާސެނަލް ކުޅޭ މެޗުތައް ފަހުން އޮތްއިރު، މިއަދު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެގެން ޗެލްސީ އަށް ލީޑު އިތުރަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮންޓޭ ބުނީ ޗެލްސީން މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާ އަށް ވެސް ލިބިފައިވަނީ ހައިރާންކަމެއް ކަަމަށެވެ.

"އާންމުގޮތެއްގައި އާ ސިސްޓަމަކަށް ހޭނެން ކުޅުންތެރިން ވަގުތު ނަގާނެ. މި ޓީމުގެ މެޖޯރިޓީ ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ނިންމާލިއިރު ވެސް ޓީމުގައި ތިބި ކުޅުންތެރިން. އެކަމަކު މިހާރު މި ކުޅުންތެރިން އެތައް ގުނައެއް ތަފާތުކޮށް މި ފެންނަނީ. މިއީ އަހަންނަށް ވެސް ލިބިފައިވާ ޝޮކެއް،" ކޮންޓޭ ބުންޏެވެ.

އާސެނަލާއި ލިވަޕޫލް އަތުންވި ބައްޔަކީ މާޒީ ކަމަށާއި މިހާރު އެ މެޗުތަކުގައި ފެނުނު މައްސަލަތައް ޗެލްސީން ތަކުރާރު ނުކުރާނެ ކަމަށް ކޮންޓޭ ބުންޏެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗު އަނިޔާގެ ސަބަބުން ގެއްލުނު ޗެލްސީގެ އެޑެން ހަޒާޑް މިއަދު ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ކޮންޓޭ ބުންޏެވެ.

ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 17:30 ގަ އެވެ.