ލަންކާ އިން ފެންނަ ކޮވިޑުގެ 95 ޕަސެންޓަކީ އޮމިކްރޮން
ލަންކާ އިން ފެންނަ ކޮވިޑުގެ 95 ޕަސެންޓަކީ އޮމިކްރޮން

ކޮލަމްބޯ (ޖެނުއަރީ 28) - ސްރީ ލަންކާ އިން މިހާރު ފެންނަ ކޮވިޑް ކޭސްތަކުގެ 95 ޕަސެންޓަކީ އޮމިކްރޮން ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ހެލްތު ޕްރޮމޯޝަން ބިއުރޯގެ ޑިރެކްޓަރު ޑރ. ރަންޖީތު ބަޓުވަންތުޑަވާ ވިދާޅުވީ ލެބް ޓެސްޓްތަކުން ދައްކާ ގޮތުގައި އޮމިކްރޮން ވޭރިއަންޓް ލަންކާގައި ދަނީ ވަރަށް ހަލުވިކޮށް ފެތުރެމުންނެވެ.

"ކޮވިޑް ކޭސްތައް ލަންކާގައި ވަރަށް ބޮޑަށް އިތުރުވާން ފަށައިފި. ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ވެސް ނުފެނޭ. އެހެންވެ ބައެއް މީހުން ރިޕޯޓް ވެސް ނުކުރޭ. އަލާމަތް ފެންނަ މީހުން ވެސް ގެއިން ފަރުވާ ހޯދަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ރަންޖީތު ވިދާޅުވީ އޮމިކްރޮން ވޭރިއަންޓް ހަލުވިކަމާ އެކު ފެތުރެން ފަށާފައިވުމާ އެކު ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް އިތުރުވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައި ވަނީ ގިނަ މީހުން އަމިއްލަ އަށް ބޭނުންވެގެން ބޫސްޓާ ޑޯޒް ޖަހަން ފަށާފއިވާ ކަމެވެ.

ލަންކާގެ ބައެއް ސްކޫލްތަކުގައި ވެސް ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 607,104 މީހުންނަށް ކޮވިޑް ޖެހި 15،300 މީހުން މަރުވެފަ އެވެ. އެ ގައުމުން އިއްޔެ ވަނީ 2,523 މީހުން ޕޮޒިޓިވްވެ 23 މީހުން މަރުވެފަ އެވެ.