ކޮރަޕްޝަނުގެ ތުހުމަތުގައި މަލާވީގެ ހަތް ވަޒީރަކު ބޭރުކޮށްފި
ކޮރަޕްޝަނުގެ ތުހުމަތުގައި މަލާވީގެ ހަތް ވަޒީރަކު ބޭރުކޮށްފި

ލިލޯންގްވޭ (ޖެނުއަރީ 28) - ކޮރަޕްޝަނުގެ އެކި އަމަލުތަކަށް ތުހުމަތު ކުރެވޭތީ މަލާވީގެ ކެބިނެޓުގެ ހަތް ވަޒީރަކު މަގާމުން ދުރުކޮށްފި އެވެ.

މަލާވީގެ ރައީސް ލަޒަރުސް ޗަކްވެރާ މިއަދު ވަނީ 30 މެންބަރުންގެ އާ ކެބިނެޓެއް ވެސް އިއުލާންކުރައްވައިފަ އެވެ. ކެބިނެޓަށް މި ބަދަލު ގެނައީ ކޮރަޕްޝަނުގެ ތުހުމަތުގައި މުޅި ސަރުކާރަށް ބަދަލުތަކެއް ގެނައިތާ ތިން ދުވަސް ފަހުންނެވެ.

މަލާވީގެ ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭރުގެ ލޭންޑް މިނިސްޓަރު ކެޒީ ސުކްވާ ވަނީ ވިޔަފާރިވެރިއަކަށް ބިމެއް ދީގެން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

ކެބިނެޓަށް ގެނައި ބަދަލުގައި ފިނޭންސް މިނިސްޓަރު ވެސް ވަނީ ބަދަލުކޮށްފަ އެވެ. ބާރުގަދަ ދެ ވަޒީރުން ކަމަށްވާ ފޮރިން މިނިސްޓަރާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ މަގާމު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

މަލާވީގެ އެންޓި ކޮރަޕްޝަން ޕޮލިހުން ބުނީ ކުރީގެ ފޮރިން މިނިސްޓަރާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.

މަލާވީގެ ރައީސް ޗަކްވެރާ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެފްރިކާގެ ދެކުނު ބިތުގެ ގައުމުން ކޮރަޕްޝަން ފޮހެލުމަށް މަސައްކަތް ކުރުމުގެ ވައުދާ އެކު އެވެ.