06 ޖޫން 2016 - 13:38

ލިސްބަން، ޕޯޗުގަލް (ޖޫން 6) - އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ވޭން ރޫނީ އަކީ މިހާރު ލީޑަރެއް ކަމަށާއި ޔޫރޯގައި އޭނާއާ ދެކޮޅަށް ކުޅެން ބޭނުންވާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޫނީ އާއި ރޮނާލްޑޯ ވަނީ އެކުގައި މެންޗެސްޓާ ޔުނައިޓެޑަށް 2004 އިން ފެށިގެން 2009 ވަނަ އަހަރާ ހަމަ އަަށް ކުޅެފަ އެވެ. ގިނަ މުބާރާތްތައް ކާމިޔާބުކުރި އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ހިމެނެ އެވެ.
ރޫނީ އާއި ރޮނާލްޑޯ ވަނީ ގައުމީ ޓީމާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެއީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި ޔޫރޯ އާއި 2006 ވަނަ އަހަރު ޖަރުމަނުގައި އޮތް ވޯލްޑް ކަޕްގަ އެވެ. ޔޫރޯ އިން އިނގިރޭސިން ކެޓީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުގައި ރޫނީ ފަޔަށް ވަނީ ބޮޑު އަނިޔާއެއް ލިބިފަ އެވެ. އެއަށް ފަހު 2006 ވަނަ އަހަރު އިނގިރޭސިން ބަލިވިއިރު، ރޫނީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ރޮނާލްޑޯ ބުނީ މިފަހަރު ޔޫރޯގެ ފޭވަރިޓުންގެ ތެރޭގައި އިނގިރޭސިން ހިމެނޭ ކަމަށެވެ.
"އިނގިރޭސި ޓީމު މިހާރު ވަރަށް ވަރުގަދަ ޒުވާން ކުޅުންތެރިންތަަކަކާ އެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަނީ. އިނގިރޭސިންނާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ އެ މެޗު ވަރަށް ހާއްސަވާނެ. އެއީ ރޫނީއާ ދެކޮޅަށް ކުޅެން ޖެހުމާ އެކު އަހަންނާ އިނގިރޭސިންނާ ދެމެދު އޮންނަ ހާއްސަ ގުޅުމެއްގެ ސަބަބުން، ރޫނީ އަކީ ކެޕްޓަނެއް އަދި ލީޑަރެއް." ރޮނާލްޑޯ ބުންޏެވެ.
ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން މި މަހު ދެ ވަނަ ދުވަހު ވެމްބްލީގައި ކުޅުނު މެޗުން އިނގިރޭސިން ވަނީ 1-0 އިން ޕޯޗުގަލް ބަލިކޮށްފަ އެވެ.
ޔޫރޯގައި އިނގިރޭސިން އޮތީ ރަޝިއާ އާއި ވޭލްސް އަދި ސްލޮވާކިއާއާ އެކު ގްރޫޕް ބީގަ އެވެ. ޕޯޗުގަލް އޮތީ އައިސްލޭންޑް އާއި އޮސްޓްރިއާ އަދި ހަންގޭރީއާ އެކު ގްރޫޕް އެފްގަ އެވެ.