މާލީ ޒިންމާ އަދާކުރުމުގައި އީމާންވަންތަ ޟަމީރެއް މުހިންމު
މާލީ ޒިންމާ އަދާކުރުމުގައި އީމާންވަންތަ ޟަމީރެއް މުހިންމު

އިންސާނާގެ ޟަމީރު އެންމެ ހެޔޮ ގޮތުގައި ތަރުބިޔަތުކޮށްދޭ އެންމެ ވަރުގަދަ ބާރަކީ އީމާންތެރިކަމުގެ ބާރެވެ. މި ބާރު ލިބިގެން އީމާންތެރިކަމުގެ މަތީ ތަރުބިޔަތުވެފައިވާ ޟަމީރަކީ އިންސާނާގެ އަޚުލާގާއި އިޖުތިމާއީ ހަޔާތް ހެޔޮގޮތުގައި ވޭތުކުރުމަށް ބޭނުންވާ ވަރަށް މުހިންމު އެއް އަސާސެވެ. ރިވެތި އަޚުލާގާއި މާތް އިޖުތިމާއީ ހަޔާތަކީ ފައިލަސޫފުންނާއި މުފައްކިރުން ދެކޭ ވަރަށް ފޮނި ހުވަފެނެވެ. އެހެންކަމުން ތަފާތު އެކި ނަންނަމުގައި މިފަދަ ހަޔާތެއް އެބައިމީހުން ސިފަކުރަމުން ގެންދެ އެވެ. ނަމަވެސް މިފަދަ ސިފަކުރުންތައް އަމަލީ މައިދާނުގައި ހަގީގަތަކަށް ހަދަން ބޭނުން ނަމަ އީމާންތެރިކަމުން ތަރުބިޔަތުވެފައިވާ ޟަމީރަކަށް ކޮންމެހެން ބޭނުން ޖެހެ އެވެ. މިފަދަ ޟަމީރުތަކަކާ ނުލައި ކިތަންމެ މޮޅަށް ދިރިއުޅުން ސިފަކުރިއަސް އެއީ ހަމައެކަނި ދުލުން ބޭރުކުރާ ޚިޔާލުތަކެކެވެ. ނުވަތަ ލިޔެވިފައިވާ އިބާރާތް ތަކެކެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލުމުން މިކަމުގެ ތެދުކަން ދިރިއުޅުމުގެ ތަފާތު މައިދާން ތަކުން ފެނިގެން ދެ އެވެ. މިގޮތުން މާލީ ހައްގުތައް އަދާކުރުމުގަ އާއި، ކުށްތަކަށް އިއުތިރާފުވެ އުގޫބާތް ތަހައްމަލް ކުރުމުގަ އާއި، ގާނޫނުތަކާއި އަމާނާތްތަކަށް ރައްކާތެރިވުމުގަ އާއި، ސިޔާސަތުތައް ހިންގައި ހުކުމް ކުރުމުގަ އާއި، ވިޔަފާރި އާއި މުއާމަލާތުތަކުގަ އާއި، ހެޔޮފޯރުވައި އެހެން މީހުންނަށް އިސްކަން ދިނުން ފަދަ މައިދާންތަކުގައި މިފަދަ މިސާލުތައް ވަރަށް ގިނައިން ފެނިގެން ދެ އެވެ.

މިގޮތުން މި ލިޔުމުގައި މި ބަލާލަނީ ފަސާދައިން ދުރުހެލިވެ ހުރެ މާލީ ހައްގުތައް އަދާކުރުމުގައި، އީމާންތެރިކަމުން ތަރުބިޔަތުވެފައިވާ ޟަމީރެއް ނަމަ އަދާކުރާނެ މުހިންމު ދައުރާ ބެހޭ ގޮތުންނެވެ. ދިރިއުޅުމުގައި އިންސާނުން ކުރަމުން ގެންދާ ތަޖުރިބާތަކަށް ބަލާއިރު ދައުލަތްތަކުން ރައްޔިތުންނަށް ދޭ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުން އަތުން ޓެކްސް ނަގަ އެވެ. މި ކަމަށްޓަކައި ގާނޫނީގޮތުން ރައްޔިތުންނަށް މިކަން މަޖްބޫރު ކުރެ އެވެ. ނަމަވެސް މިފަދަ ގާނޫނުތަކަށް ތަބާވުމުގެ މުހިންމުކަން ގަބޫލު ނުކުރާ ބަޔަކަށް މިފަދަ ޓެކްސް ދެއްކުން އެއީ މަގުބޫލު ކަމެއް ކަމުގައެއް ނުވެ އެވެ. އެހެންވެ އެކިގޮތް ގޮތުން މަކަރުތައް ހަދައިގެންނާއި އަދި ސީދާ ފާޅުގައި ވިއަސް މިކަމުން ރެކެން މަސައްކަތް ކުރެ އެވެ. ނަތީޖާ އަކީ ރައްޔިތުންނަށް ހިދުމަތް ފޯރުވަން ބޭނުންވާ އެތައް އާމްދަނީއެއް ނުލިބި ދިއުމެވެ.

އިސްލާމީ އިޖުތިމާއީ ނިޒާމަށް ނަޒަރު ހިންގާލާއިރު ޓެކްސްއާ އެއްފަދަ މާލީ ޒިންމާ އެއް މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިފައިވެ އެވެ. އެއީ ޒަކާތެވެ. ނަމަވެސް މި ފަރުޟު އަދާކުރުން ހިމެނިފައި ވަނީ އިސްލާމީ އަޅުކަމުގެ ނިޒާމުގެ ތެރެއިން އިސްލާމީ ރުކުނެއްގެ ގޮތުގަ އެވެ. މި ރުކުން އަދާކުރުން ވާޖިބުކަން ގަބޫލު ނުކޮށްފި ނަމަ އީމާންކަމުން މީހާ ބޭރުވާ ގޮތުގަ އެވެ. އަދި ވާޖިބުކަން ގަބޫލުކުރި ނަމަވެސް އަދާނުކޮށްފި ނަމަ ދީނުގެ ރުކުނެއް އެޅުމުގެ ފާފަ ލިބޭ ގޮތުގަ އެވެ. މިގޮތަށް މިކަން އޮތުމުން އީމާންތެރިކަން ކުޑަ ބައެއް މީހުންނަށް ފަހަރެއްގައި މިއީ ބޮޑު ބުރައަކަށްވެ މިކަމުން ފިލައި މި ފަރުޟު އަދާ ނުކުރަން ފަހަރެއްގައި އުޅުނު ނަމަވެސް އީމާންތެރިކަމުން ތަރުބިޔަތުވެފައިވާ ޟަމީރެއްގެ އަހުލުވެރިއަކު މިކަމަށް އިޖާބަދޭނީ މުޅިން ތަފާތު ކޮށެވެ.

މިގޮތުން މިފަދަ މީހަކު ނަމަ ޒަކާތުގެ ފަރުޟު އަދާކުރާނީ އޭނާ ހައްދަވައި ގެންގުޅުއްވާ، އޭނާއަށް ހުރިހާ ރިޒުގެއް ދެއްވާ މާތްﷲ އަށް ކުރާ ގުރުބާނެއްގެ ގޮތުގައި ހިތުން ރުހުމުންނެވެ. ތިމާއަށް ﷲ ދެއްވި މުދަލުގައިވާ، ތިމާއަށް ހައްގު ނޫން ބަޔަކުން ސަލާމަތްވެ މުދާ ސާފު ކުރުމަށްޓަކަ އެވެ. އަދި އެ އަދާކުރުން އެއީ އޭނާއަށް އާޚިރަތުގައި އޮތް ދަރަންޏެއް ކަމުގައި ނުވެ ޣަނީމާއެއް ކަމުގައި ވުމަށް ﷲގެ ހަޒްރަތުން އެދޭ ހާލުގަ އެވެ. އެހެންވެ ޒަކާތުގެ ގޮތުގައި ނެރޭނީ އަތުގައި ހުރި މުދަލުގެ ތެރެއިން އެންމެ ރަނގަޅު އެންމެ ފައްކާ މުދަލެވެ. އަދި ޒަކާތް ނެގުމުގެ މަސައްކަތް ކުރާ ޢާމިލުން އޭނާގެ ޒަކާތުގެ ހިސާބު ހެދުމުގެ ކުރިން އަމިއްލައަށް އޭގެ ފުރިހަމަ ހިސާބު ވެސް ހަދައިގެންނެވެ. އަދި މިގޮތަށް ހިސާބު ހެދުމުން އެއިން ދައްކާ މިންވަރަށް ވުރެ ހެޔޮކޮށް ކޮންމެ ފަހަރަކުވެސް ޒަކާތް ނެރުމަށް ސަމާލުކަން ދީގެންނެވެ. ތިމާގެ އަތުގައި ކިތަންމެ ބައިވަރެއް ހުއްޓަސް ހުސްވާނެކަން އެކަމަކު ﷲގެ ހަޒްރަތުގައި ހުންނަ ކިތަންމެ ކުޑަ މިންވަރަކީ ވެސް ދެމިހުންނާނެ އެއްޗެއްކަން ވެސް ދަނެގެންނެވެ.

މީގެ މިސާލެއް އުބައްޔު ބުނު ކަޢުބުގެ ކިބައިން ރިވާވެފައިވެ އެވެ. ކަޢުބު ވިދާޅުވި އެވެ. ޒަކާތް ނެގުމަށްޓަކައި ކީރިތި ރަސޫލާ ﷺ ތިމަންކަލޭގެފާނު ފޮނުއްވެވި އެއް ފަހަރަކު ނައަމް ސޫފިން ޒަކާތް ދައްކަން އައި މީހެއްގެ ޒަކާތުގެ ހިސާބުކޮށް ޒަކާތުގެ ގޮތުގައި ނެރުން ހައްގުވަނީ ބިންތި މަޚާޟް (އަހަރުފުރި ދެ އަހަރަށް އަޅާފައިވާ އަންހެން ޖަމަލު) އެއް ކަމަށް ވާތީ އެ ނެރުމަށް އޭނާއަށް އެންގީމެވެ. އެހެން ނަމަވެސް އެއީ ކިރުއަރާފައި ނުވާ އަދި އޭގެމަތީގައި އެއްޗެއް އުފުލަން ވެސް އަދި ކުޅަދާނަ ނުވާ ޅައެއްޗަކަށް ވާތީއޭ ކިޔާފައި އޭނާ އޭގެ ބަދަލުގައި ގެނައީ ފުރާ ފުރިހަމަ ވެފައިވާ ބޮޑު އަންހެން ޖަމަލެކެވެ. އެހެން ނަމަވެސް އެއީ ޒަކާތް ނެރުމުގައި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވާ ގޮތާ ޚިލާފު ކަމަކަށްވާތީ އެ ބަލައިގަންނަން ދެކޮޅު ހެއްދެވީމެވެ. ނަމަވެސް އޭނާ މިކަންތައް ކީރިތި ރަސޫލާއަށް ހުށަހަޅުއްވައި އެކަލޭގެފާނު ގަބޫލުފުޅު ކުރައްވައިފި ނަމަ ތިމަންކަލޭގެފާނު ވެސް ގަބޫލު ކުރައްވާނެ ކަމަށާއި އެހެން ނޫންނަމަ ގަބޫލު ނުކުރައްވާނެ ކަމަށް އެ މީހާއަށް ދެންނެވީމެވެ.

އެހެންވެ އެމީހާ ތިމަންކަލޭގެފާނާ އެކު ކީރިތި ރަސޫލާގެ އަރިއަހަށް ވަޑައިގެން ރަސޫލާގެ އަރިހުގައި އެމީހާ ދެންނެވި އެވެ. "އޭ ﷲގެ ނަބިއްޔާ އެވެ! ތިމަންނަގެ މުދަލުން ޒަކާތް ނެގުމަށް މީގެ ކުރިން ކަލޭގެފާނު ވެސް އަދި ކަލޭގެފާނު ފޮނުއްވެވި ބޭފުޅަކު ވެސް ވަޑައެއް ނުގަންނަވަ އެވެ. އެހެން ނަމަވެސް ޒަކާތް ނެންގެވުމަށްޓަކައި މިއަދު ކަލޭގެފާނު ފޮނުއްވި ބޭފުޅަކު ވަޑައިގަތުމުން އަޅުގަނޑުގެ މުދާތައް ދެއްކުމުން އެ ބޭފުޅަކު ވިދާޅުވަނީ ޒަކާތުގެ ގޮތުގައި އަޅުގަނޑު ނެރެން ޖެހޭނީ ބިންތި މަޚާޟެއް ކަމަށެވެ! ﷲ ގެ ނަބިއްޔާ އެވެ! އެއީ އަދި ކިރު ވެސް ނާރާ އަދި އޭގެ މަތީ އެއްޗެއް ވެސް ނުއުފުލެވޭ ވަރުގެ ޖަމަލެކެވެ. އެހެންވެ އޭގެ ބަދަލުގައި ވަރުގަދަ ބޮޑު ޖަމަލެއް ހުށަހެޅުމުން އެބޭފުޅާ އެ ގަބޫލެއް ނުކުރެއްވި އެވެ. އެކަމަކު އަޅުގަނޑު ބޭނުން ވަނީ ޒަކާތުގެ ގޮތުގައި އެ ޖަމަލު ނެރޭށެވެ. އެހެންކަމުން އެ ގަބޫލު ކުރައްވަވާށެވެ!" އެހިނދު ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "ޒަކާތުގެ ގޮތުގައި ތިބާ ދައްކަން ޖެހޭނީ ހަމަ އެ (އެބަހީ ބިންތި މަޚާޟް އެއް) އެވެ. އެހެން ނަމަވެސް އެއާ އެކު ތަޠައްވުޢުގެ ގޮތުން އިތުރު ބައެއް ދެއްކިއަސް އެއީ މައްސަލައެއް ނޫނެވެ. ތިމަންމެން އެގަބޫލު ކުރާނަމެވެ. އަދި ﷲ ގެ ހަޒްރަތުން އެއަށް ދަރުމަވެސް ލިބޭނެ އެވެ." މިފަދައިން ހަދީސް ކުރެއްވުމުން އެމީހާ ޒަކާތުގެ ގޮތުގައި އެ ބޮޑު ޖަމަލު ދިނެވެ. އަދި އެ ބަލައިގަތުމަށް ކީރިތި ރަސޫލާ އެންގެވި އެވެ. އެއަށް ފަހު އެ މީހާގެ މުދަލުގައި ބަރަކާތް ލެއްވުމަށް އެދި ﷲގެ ހަޒްރަތުގައި އެކަލޭގެފާނު ދަންނަވައި ދުޢާ ކުރެއްވެވި އެވެ.

އާދެ، މި ހާދިސާއިން ފެނިގެން އެދިޔައީ މާލީގޮތުން އަދާކުރަން ޖެހޭ ކިތަންމެ ބޮޑު ހައްގެއް އޮތް ނަމަވެސް ހިތުގައި އެއްވެސް ދަހިވެތިކަމެއް ނެތި ﷲ އަށް ޓަކައި އެ ހައްގު އަދާ ކުރުމުގައި އީމާންތެރިކަމުން ތަރުބިޔަތު ލިބިފައިވާ ޟަމީރެއްގެ އަސަރު ފޯރާނެ ގޮތެވެ. އީމާންތެރި ޟަމީރެއް ނަމަ ހަމައެކަނި ހައްގު އަދާ ކުރުމުގެ އިތުރަށް ހެޔޮކޮށް މޮޅުކޮށް އިތުރުކޮށް އެ އަދާ ކުރަން ވެސް ސަމާލުކަން ދޭނެ މިންވަރެވެ. މުދަލަށް ދަހިވެތިކަން އޮތުމަކީ އިންސާނީ ތަބީއަތެއް ނަމަވެސް އީމާންތެރި ޟަމީރަކީ މި ދަހިވެތިކަމުގެ ސިފަ ތަހުޒީބުކޮށް މެދުމިންކޮށް ވަޒަން ހިފަހައްޓައިދޭނެ ބާރެއް ކަމެވެ. އަދި މީގެ ސަބަބުން އެހެން ބައެއްގެ ހައްގަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަމެވެ.

ވީމާ މާލީ ހައްގުތައް އަދާ ކުރުމުގައާއި އަދި އެނޫން ވެސް ދިރިއުޅުމުގެ އެހެން މައިދާން ތަކުގައި ވެސް އެންމެ ފުރިހަމަ ގޮތުގައި އަމަލުތައް ބަހައްޓައި މުޖުތަމައުގައި މާތް ސިފަތައް އަށަގެންނެވުމަށްޓަކައި އީމާންތެރިކަމުން އަޅުގަނޑުމެންގެ ޟަމީރުތައް ތަރުބިޔަތު ކުރެވޭތޯ ހަމަ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.