ޝާހިދުގެ ވެކްސިން ކެމްޕެއިން ޑަބްލިއުއެޗްއޯގެ ވެރިޔާ ތާއީދު ކުރައްވައިފި
ޝާހިދުގެ ވެކްސިން ކެމްޕެއިން ޑަބްލިއުއެޗްއޯގެ ވެރިޔާ ތާއީދު ކުރައްވައިފި

އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފެއްޓެވި ވެކްސިންގެ ހަމަހަމަކަން ގާއިމް ކުރުމުގެ ކެމްޕެއިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނަރަލް ޑރ. ޑެޓްރޯސް އަދަނޮމް ގެބްރެޔެސުސް ތާއިދުކުރައްވައިފި އެވެ.

ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެންމެންނަށް ހަމަހަމަ އުސޫލަކުން ވެކްސިން ލިބޭނެ ފުރުސަތު ހޯދައިދިނުމަށް ޝާހިދު ފައްޓަވާފައިވާ މަސައްކަތަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެކަމުގައި ޝާހިދުގެ ލީޑަޝިޕަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ދެއްވި ތަގުރީރުގައި ވެސް ޝާހިދު ވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ގޮވާލައްވައިފަ އެވެ.

މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި ވެކްސިން އިކުއިޓީ ކެމްޕޭންގައި ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތަކުން ވަނީ ބައިވެރިވެފަ އެވެ.

އަންނަ މަހު 25 ވަނަ ދުވަހު ޝާހިދުގެ އިސްނެންގެވުމުގެ މަތިން ގައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާ ބެހޭ ގޮތުން ބާއްވަން ވަނީ ނިންމައިފަ އެވެ.