28 ޖެނުއަރީ 2022 - 14:21

ބާސެލޯނާ (ޖެނުއަރީ 28) - އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅެމުން އަންނަ އެޑަމާ ޓްރައޯރޭ ހޯދަން ޓޮޓެންހަމް ހޮޓްސްޕާ އިން މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ހޯދަން ބާސެލޯނާ އިން ކުރި ބިޑް ކާމިޔާބުކޮށްފި އެވެ.

ބާސެލޯނާގެ ލަ މާސިއާ އިން ތަމްރީނުވެގެން ކުރިން އެ ޓީމަށް ވެސް ކުޅުނު ޓްރައޯރޭ، 26، ބާސެލޯނާއާ ގުޅުނީ ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށެވެ. މި ސީޒަން ނިމެންދެން ބާސާ އިން އޭނާގެ ފުލް މުސާރަ ދޭ ގޮތަށް ގެނައި އިރު، މި ސީޒަނަށް ފަހު އެއްބަސްވުން ދާއިމީކުރާ ނަމަ ބާސެލޯނާއިން ވުލްވްސް އަށް 29 މިލިއަން ޕައުންޑް ދައްކަން ޖެހެ އެވެ.
ޓޮޓެންހަމުން ޓްރައޯރޭ ހޯދަން ވުލްވްސް އަށް ހުށަހެޅި 15 މިލިއަން ޕައުންޑުގެ ބިޑެއް މިދިޔަ ހަފްތާގައި އެ ޓީމުން ބޭރުކޮށްލި ކަމަށް ރިޕޯޓް ކޮށްފައި ވިޔަސް ރަސްމީކޮށް ޓްރާންސްފާ ފީއަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ޓޮޓެންހަމާ ހަވާލާދީ އިނގިރޭސި ބައެއް މީޑީއާތަކުން ބުނެފައިވެ އެވެ. ޓޮޓެންހަމުން ޓްރައޯރޭ ގެންދަން މަސައްކަތްކުރީ އޭނާ އެކި މަގާމުތަކަށް ކުޅުވާށެވެ. މިކަމާ ހިތްހަމަނުޖެހިގެން ޓްރައޯރޭ ވަނީ އޭނާ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަން ވުލްވްސް އަށް އަންގައިފަ އެވެ.
ބާސެލޯނާ ދޫކޮށް ޓްރައޯރޭ ފުރަތަމަ ބަދަލުވީ ހަތް މިލިއަން ޕައުންޑަށް އެސްޓަން ވިލާ އަށެވެ. އެއް ސީޒަނަށް ފަހު އޭނާ ދެން ބަދަލުވީ މިޑްލްސްބަރާ އަށެވެ. އެޓީމަށް ދެ ސީޒަން ކުޅުމަށް ފަހު ޓްރައޯރޭ ވުލްވްސް އަށް ގެންދިޔައީ އެޓީމުން މިޑްލްސްބަރާ އަށް 18 މިލިއަން ޕައުންޑުގެ ރިލީސް ކްލޯސް ދެއްކުމަށް ފަހު އެވެ.
ވުލްވްސްއާ އެކު ޓްރައޯރޭގެ ކޮންޓްރެކްޓުގައި ބާކީ 18 މަސް އެބަ އޮތެވެ. އޭނާ ވަނީ އެ ޓީމަށް 154 މެޗުން 11 ލަނޑު ޖަހައިދީފަ އެވެ. އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވުލްވްސް އިން ލީގުގައި ބްރެންޓްފޯޑާ ކުޅުނު މެޗުގައި ފަހު 15 މިނިޓަށް ކުޅެން އަރައި އޭނާ ލަނޑު ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.
ޓްރައޯރޭ ބާސެލޯނާއަށް ބަދަލުވާން އެއްބަސްވުމުން މިއަދު މެޑިކަލް ފުރިހަމަ ކުރުމަށް ފަހު މި ހަފްތާ ބަންދުގައި ރަސްމީކޮށް ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަން ބާސެލޯނާއިން އަންނަނީ ތައްޔާރު ވަމުންނެވެ.
ޓޮޓެންހަމުން އަންނަނީ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން، ފިއޮރެންޓީނާއަށް ކުޅޭ މޮރޮކޯގެ ސޮފްޔާން އަމްރާބާތް، 25 އާއި ޕޯޓޯ އަށް ކުޅޭ ކޮލަމްބިއާގެ ވިންގާ ލުއިސް ޑިއާޒް، 25، ވެސް އެ ޓީމަށް ގެންނަން މަސައްކަތް ކުރަމުންނެވެ.
ހަމަ އެއާ އެކު ޓޮޓެންހަމުން ވަނީ ޑެލެ އަލީ އާއި ޓަންގޭ އެންޑޮމްބެލޭ ލޯނު އުސޫލުން އެހެން ޓީމަކަށް ފޮނުވާލަން ނިންމައިފަ އެވެ.. ފްރާންސްގެ ޕީއެސްޖީ އިން އެންޑޮމްބެލޭ އަށް ޝައުގުވެރި ވާއިރު، ޓޮޓެންހަމުން ވަނީ އޭނާ ފޮނުވޭނީ ހަމައެކަނި މި ސީޒަނުގެ ނިޔަލަށް ފުލް މުސާރަ ދޭން އެއްބަސް ވެގެންނެވެ. މީގެ އިތުރުން އަޔެކްސް އިން އަންނަނީ ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ޓޮޓެންހަމްގެ ނެދަލެންޑްސް ވިންގާ ސްޓީވަން ބާގްވެއިން، 25، ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ.
ބާސެލޯނާއިން ވަނީ މި ސީޒަނުގެ ނިޔަލަށް، ފަސް ލައްކަ ޕައުންޑުގެ ލޯން ފީއެއް ދީފައި ގެނައި އޮސްޓްރިއާގެ ޒުވާން ވިންގާ ޔޫސުފް ޑެމިރް، 18،ގެ ލޯން ކޮންޓްރެކްޓް އުވާލައި އެނބުރި އޮސްޓްރިއާ އަށް ފޮނުވާލައިފަ އެވެ. ސްޕެއިންގެ ބައެއް މީޑީއާތަކުން ރިޕޯޓް ކުރާގޮތުގައި ބާސެލޯނާއިން އަންނަނީ އަލްވަރޯ މޮރާޓާ އާއި، އާޖެންޓީނާގެ ލެފްޓްބެލް ނިކޮލަސް ޓަގްލިއަފީކޯ އަދި ލަ މާސިއާއިން ތަމްރީނުވެގެން މިހާރު ބެންފީކާއަށް ކުޅޭ ލްފްޓްބެކް އަލެކްސް ގްރިމާލްޑޯ ވެސް ހޯދަން މަސައްކަތް ކުރަމުންނެވެ.