28 ޖެނުއަރީ 2022 - 10:41

އޭނާގެ ދިރިއުޅުން ފުޓްބޯޅައިގެ މައްޗަށް ބިނާ ކުރިއިރު ކެރިއާގެ ފުރަތަމަ މަރުހަލާގައި އޭނާގެ އަތުގައި ހިފާނެ އެއްވެސް މީހަކު ނުވި އެވެ. މި ފަހަރު ބޭއްވި ކްލަބް މޯލްޑިވްސްގެ ވިމެން ފުޓްސަލް ފިއެސްޓާގެ ކުއީން އޮފް ދަ ޓޯނަމެންޓްގެ އެވޯޑް ހޯދި ފާތިމަތު ޝާލިޔާ, ކުޅިވަރު ކެރިއާ ބިނާކުރަން އުނދަގޫތަކާއި ތަކުލީފުތަކެއް އުފުލި އެވެ. ކަންކަން ބަރުދާސްތުކުރަން ޖެހުނެވެ.

އެކަމަކު ފުޓްބޯޅަ އަކީ ފިރިހެނުންގެ ކުޅިވަރެއް ކަމަށް ގިނަ ބަޔަކަށް ވިސްނިފައި އޮތް ގަބޫލުކުރުންތަކުގެ ތެރޭގައި ފިތި، ތާށިވާން އޭނާ ބޭނުމެއް ނުވި އެވެ.

އުފަން ރަށް، ހދ. ނޭކުރެންދޫގައި އުޅުނު އިރު ވެސް ޝާލިޔާ އެންމެ ގަޔާވި ކުޅިވަރަކީ ފުޓްބޯޅަ އެވެ. އޭނާ ބުނިގޮތުގައި އޭނާ އަކީ ކުޑައިރު ވެސް ވަރަށް ހަލަނިކޮށް އުޅުނު ކުއްޖެކެވެ.

"އަބަދުވެސް ވަރަށް އެކްޓިވްކޮށް އުޅެން ބޭނުން ވާނީ. އެހެން އަންހެން ކުދިން ނެޓްބޯޅަ, ބާސްކެޓްބޯޅަ ކުޅުނުއިރު ވެސް އަޅުގަނޑަށް އެކަން ފެންނަނީ މާބޮޑަށް ކޮމްފަޓް ކުޅިވަރެއްގެ ގޮތުގައި. އަޅުގަނޑު ކުޅޭ ހިތްވީ ފުޓްބޯޅަ،" ފުޓްބޯޅައިގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދޭން ޝާލިޔާ ފެށި އެވެ.

"ރަށްރަށުގައި އަންހެން ކުދިން ފުޓްބޯޅަ ކުޅުނީމަ ވަނީ ވަރަށް އޮޑް ކަމަކަށް. އެކަމަކު ވެސް ދަން. އޭރު ރަށުގައި ފުޓްބޯޅަ ކުޅޭ އެހެން އަންހެން ކުއްޖެއް ވެސް ނުހުންނާނެ. އެހެންވެ ފިރިހެން ކުދިންނާ އެކު ވެސް ގޮސް ފުޓްބޯޅަ ކުޅެން. މިބުނަނީ އުމުރުން ނުވަ އަހަރު ނޫނީ 10 އަހަރުގައި ވެސް ގޮސް ބޯއީސްއާ އެކު ފުޓްބޯޅަ ކުޅެން ހުންނަން. އޭރު ހުންނާނީ ގޯލްގައި."

ފަހުން މާލެ ބަދަލުވެ، ކަލާފާނު ސްކޫލްގެ ޕީއީ ގަޑީގައި ވެސް ޝާލިޔާ ކުޅުނީ ފުޓްބޯޅަ އެވެ. އޭނާ ބުނިގޮތުގައި އޭނާއާ އެކު އެއް ކްލާހުގައި އުޅުނު އެހެން އަންހެން ކުދިން މުޅިން ވެސް ކުޅުނީ ނެޓްބޯޅަ އެވެ. އެކަމަކު އޭނާގެ ޝައުގުވެރިކަން ފުޓްބޯޅަ އަށް އޮތުމުން ޕީއީ ގަޑީގައި ވެސް ފިރިހެން ކުދިންނާ އެކު ގޮސް ފުޓްބޯޅަ ކުޅެން ފެށި ކަމަށް އޭނާ ބުންޏެވެ.
"އޭރު ކަލާފާނުގެ ޕީއީ ގަޑީގައި ޝާ ގޮސް ފިރިހެން ކުދިންނާ އެކު ފުޓްބޯޅަ ކުޅެން ފެށީމަ ކަލާފާނުގެ ޕީއީ ޓީޗަރަށް އެތަން ފެނިގެން އޭނަ ބުނި ޝާލިޔާ އަށް ކުޅެވިދާނެޔޭ. ފުރުސަތެއް ހޯދަން ހިނގާށޭ،" ގައުމީ ޓީމުގެ ފުރުސަތު ފަހިވި ގޮތް އޭނާ ބުންޏެވެ.
"އޭރު އެފްއޭއެމުން އޮތީ ފުރުސަތެއް ހުޅުވައިލައިފަ އަންހެން ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުދިންނަށް. ދެން އެޓްރެއަލްގައި ބައިވެރިވެގެން ޝާ ހޮވުނީ ގައުމީ ޓީމަށް."
އޭނާ ބުނިގޮތުގައި އަންހެން ކުއްޖަކަށް ވެސް ފުޓްބޯޅައިން ކުރިއަށް ދެވިދާނެކަން، އާއިލާގެ މީހުންނަށް ވިސްނައިދޭން ބުރަ މަސައްކަތެއް ކުރަން ޖެހުނެވެ.
"ފުރަތަމަ ފެމިލީ މީހުންނަށް ވެސް ގަބޫލު ނުކުރެވުނު އަންހެން ކުދިން ފުޓްބޯޅަ ކުޅެންޖެހޭނެ ކަމަކަށް. އެހެންވެ ވަރަށް އުނދަގޫވި ކުރިއަށްދާން."
ނޭޕްލާގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަން ބްރޯންޒް މެޑަލް ހޯދި ޓީމުގެ ކެޕްޓަން ބުނިގޮތުގައ ފުޓްބޯޅައިގައި ކާމިޔާބު ލިބެން ފެށި ހިސާބުން އާއިލާގެ ވިސްނުން ވެސް ބަދަލު ވެގެން ދިޔަ އެވެ. ގަވާއިދުން ގައުމީ ޓީމުން ޖާގަ ލިބެން ފެށުމުން، ފުޓްބޯޅަ ކުޅެގެން އަންހެން ކުއްޖަކަށް ވެސް އާންމުދަނީއެއް ހޯދިދާނެކަން އޭނާގެ އާއިލާއިން ގަބޫލު ކުރި އެވެ.
"އަޅުގަނޑު ޕްރޫވްކޮށްދިނީ މިއީ އަޅުގަނޑަށް ވެސް ކުރެވޭނެ ކަމެއްކަން. މިހާރު ޝާގެ އެންމެ ބޮޑު ސަޕޯޓަރަކީ މަންމަ އާއި ބައްޕަ،" ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން 2021 ގައި ގައުމީ އިނާމު ހާސިލު ކުރި ޝާލިޔާ ބުންޏެވެ.
"ބޭރުގެ މުބާރާތަކަށް ދާން ޖެހުނަސް ރަށެއްގައި އޮތް މުބާރާތަކަށް ވިޔަސް މަންމަ އަމިއްލައަށް ދަރިފުޅު ބަލައިދޭން ވެސް ހަވާލުވާނެ. ޕްރެކްޓިހަށް ދާން ޖެހޭ ދުވަހެއްގައި ވެސް އޮފީހުގައި ލަސްވާނަމަ މަންމަ ގުޅައިގެން ހަނދާންކޮށްދޭނެ ޕްރެކްޓިހަށް ދާން ޖެހޭކަން."
އާއިލާއިން ފަހުން އޭނާގެ އަތުގައި ހިފިޔަސް ބޭރު ތެރެއިން އޭނާ އާއި އަދި އެހެން އަންހެން ކުޅުންތެރިންނާ ދިމާލަށް ބުނެލާ ބަސްތައް އަޑު އަހަން ނުކުރޭ ދަރަޖަ އަށް ދިޔަ ކަމަށް ޝާލިޔާ ބުންޏެވެ.
"ކުރީގައި ޓާފް ދަނޑުގައި ކުޅެން ހުންނައިރު މީހުން އެބަތިބޭ ދާގަނޑު ކައިރީގައި ހަމަ އެއްޗިހި ގޮވަގޮވާ. ވަރަށް އެހެން ކަހަލަ އަޑު އަހަން ނުކެރޭ ޒާތުގެ އެއްޗިހި ބުނެފަ އެބަހުރި. ހުތުރު ބަހުން ހަމަ މުއާމަލާތް ކޮށްފަ އެބަހުރި،" ގައުމީ ޓީމުގެ ފުރަތަމަ 11 އިން ގަވާއިދުން ޖާގަ ހޯދާ ޝާލިޔާ ބުންޏެވެ.
"އެކަމަކު މިހާރު ވަރަށް ތަފާތު. ހަމަގައިމު ވެސް މިހާރު ޝާ އާ ދިމާލަކަށް ނުބުނޭ އެގޮތަކަށް އެއްޗެއް. ދިމާވާ އެންމެ ވެސް ވަރަށް ސަޕޯޓިވް."
ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދުމުން ސަރުކާރުން ދިން ފައިސާގެ އިނާމު ވެސް ލިބުނު ޝާލިޔާ ބުނިގޮތުގައި ފުޓްބޯޅައިން ރަނގަޅު އާންމުދަނީއެއް އަންހެން ކުއްޖަކަށް ވެސް ހޯދިދާނެ އެވެ. ރަށް ރަށުގައި އޮންނަ މުބާރާތްތަކަށް ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން ގެންދާ ފަދައިން އަހެން ކުޅުންތެރިންނަށް ވެސް އެފުރުސަތު ލިބޭ ކަމަށް އޭނާ ބުންޏެވެ.
"މީގައި ދެން އަންހެން ކުދިން ވެސް ވިސްނަން ވާނެ. އަންހެން ކުއްޖަކަށް ވީތީ ކުޑަ އަގެއްގައި ކުޅެގެން ނުވާނެކަން. ރަށްރަށުގައި އޮންނަ މުބާރާތް ކުޅެގެން ޝާ އަށް ރަނގަޅު އާމްދަނީއެއް ލިބޭ. ބައެއް ފަހަރު އުޅޭނެ އަގު ދަށްކޮށް ގެންދަން. އެކަމަކު ޝާ ބުނަން އަގު ދަށް ނުކުރާނަމޭ،" ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލް އަށް މިލްކުކޮށްދިން ކެޕްޓަން ބުންޏެވެ.
"ފިރިހެން ކުޅުންތެރިން ބޮޑު އަގުގައި މުބާރާތް ކުޅެން ހުށަހަޅަންޏާ އަންހެން ކުދިންނަށް ވެސް ފުރުސަތު ލިބެން ވާނީ ބޮޑު އަގުގައި ކަމަށް ޝަ ގަބޫލު ކުރަނީ. އަންހެން ކުޅުންތެރިން ވެސް ވެލިއުއެއް ހުންނަންވާނެ. އެހެންވެ ޝާ އެއް ވެސް މުބާރާތެއް ނުކުޅެން މަދުވެގެން 10،000 ރުފިޔާ އަށް ވުރެ ކުޑަކޮށެއް. މިދިޔަ ޑިސެމްބަރުގައި ވެސް ވަރަށް ގިނަ އޮފާތަކެއް ލިބުނު."
އެމްޕީއެއްލްގައި ވަޒީފާ އަދާ ކުރަމުން އަންނަ ޝާލިޔާ ބުނީ ގައުމީ ޓީމަށް ކުޅެން ހުއްޓާލުމުގެ ވިސްނުންތަކެއް މިހާރު ގެންގުޅެމުންދާ ކަމަށެވެ. ދިރިއުޅުން މިވަގުތު ހުރި ގޮތުން އެވަރަށް ވަގުތު ދެވެން ނެތް ކަމަށް އޭނާ ބުންޏެވެ.
"ގައުމީ ޓީމުގެ ޓްރޭނިން އާއި ޓްރެވަލިންއާ އެކު އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަކުރަން. ދަރިފުޅަށް ވަރަށް ޓައިމް ދޭން ޖެހޭ. އެހެންވެ ހިތަށް އަރާ ބޮޑު ފުޓްބޯޅަ ކުޅުން ހުއްޓާލަން،" އޭނާ ބުންޏެވެ.
ޝާލިޔާ ބުނި ގޮތުގައި ރާއްޖޭގައި ދާއިމީކޮށް ކުރިއަށްދާ އަންހެން ފުޓްބޯޅަ ލީގެއް ނެތުމަކީ އަންހެން ކުޅުންތެރިން ނުކުތުން މަދުވާ ސަބަބެކެވެ.
"އަންހެން ފުޓްބޯޅައިގެ ފޯރި އެބައޮތް. ވަރަށް ކޮމިޓެޑް ކުޅުންތެރިންތަކެއް އެބަތިބި އެކަމަކު މައްސަލައަކީ އަންހެން ލީގެއް ނެތުން އޭގެ ސަބަބުން ޓެލެންޓް އުފެދޭލެއް މަދު،" އޭނާ ބުންޏެވެ.