ކޮވިޑް: މިއަދު 2،499 މީހަކު ޕޮޒިޓިވް، ދެ މީހަކު ނިޔާވި
ކޮވިޑް: މިއަދު 2،499 މީހަކު ޕޮޒިޓިވް، ދެ މީހަކު ނިޔާވި

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަނިކޮށް މިއަދު ދެ މީހަކު ނިޔާވި އިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް 2،499 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެއިން 1،280 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ރަށްރަށުން 697 މީހަކާއި އަދި ރިސޯޓުތަކުން 56 މީހަކު ޕޮޒިޓީވްވެފައިވެ އެވެ. ކަނޑުމަތީ އުޅަނދުތަކުން އެކަކު ޕޮޒިޓިވްވެފައިވާ އިރު، ތިބި ލޮކޭޝަން އަދި ޔަގީންނުވާ 465 މީހުން ވެސް ހިމެނެ އެވެ.

މިއަދުގެ އަދަދުތަކާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 16،950 އަށް އަރައިފަ އެވެ. އަދި 54 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެ އެވެ.

މި ބަލީގައި މިއަދު ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 73 އަހަރުގެ ދިވެހި ފިރިހެނަކާއި 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއާ އެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 274 އަށް އަރައިފަ އެވެ.

މިއަދު 3،000 ވުރެ ގިނަ މީހުން ބޫސްޓަ ޑޯޒް ޖަހާފައިވާ އިރު، ތިން ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު މިހާރު އުޅެނީ 62،000 އިން މަތީގަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް މައްޗަށް ދާން ފެށީ މި މަހުގެ ކުރީކޮޅެވެ. އާންމުކޮށް ކޮންމެ ދުވަހެއްގެ ކޭސްތައް އުޅެނީ 2،000 އިން މަތީގަ އެވެ.