ކުޅުދުއްފުއްޓާއި ތިނަދޫގެ ޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
ކުޅުދުއްފުއްޓާއި ތިނަދޫގެ ޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް

ދެ ރަށެއްގެ ޕޯޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޕީއެލުން އެމްޓީސީސީއާ ހަވާލުކުރީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕް ކުރުމާއި ތިނަދޫ ރީޖަނަލް ޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.

މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތުގެ ދަށުން، އެ ތަނުގެ ފަޅު ފުންކުރުމާއި އާ މަގަތު ފާލަމެއް ހަދައި، ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ހަރުކުރާނެ އެވެ. އަދި އިދާރީ ކަންކަމަށް ހާއްސަ އިމާރާތެއްގެ މަސައްކަތާއި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނީ ވެސް އެމްޓީސީސީންނެވެ.

ތިނަދޫ ރީޖަނަލަ ޕޯޓުގެ ދެވަނަ ފިޔަވަހީގެ ދަށުން، އިދާރީ ބޭނުމަށް އިމާރާތަކާއި ގާޑް ހައުސް އާއި ވެއާ ހައުސް އަދި ވޯކްޝޮޕް އިމާރާތެއް ހަދާނެ އެވެ. އަދި ނެރު ބައްތިއާއި ފެންޑާ ހަރުކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ މަސައްކަތަށް 138.9 މިލިއަން ރުފިޔާ އެމްޕީއެލުން ހޭދަކުރާއިރު، ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތުގެ އަގަކީ 17.8 މިލިއަން ރުފިޔާ އެވެ.