އަމްރު، އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވަނީ
އަމްރު، އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވަނީ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

"މިހާރު" އަށް އޭނާ މިއަދު ވިދާޅުވީ، އޭނާގެ ކެމްޕެއިންގެ ކަންކަން ރަސްމީކޮށް ފަށްޓަވާނީ އަންނަ މަހުގެ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަހު ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 11 އަށެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 2017 ވަނަ އަހަރު އެވެ.

އެމްޕީޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވަން އަމްރު ނިންމެވިއިރު، އޭނާ އަކީ އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި "ވިއްކި" މެނިފެސްޓޯ ލިޔުއްވި އެއް ބޭފުޅާ އެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެމްޑީޕީން ނިންމާފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަހު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހުޅުވައިލުމަށެވެ.

އަމްރުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު ވެސް އެ މަގާމަށް ކުރިމަތިލައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމަކު، އެގޮތަށް ނިންމެވި ކަމެއް މަހްލޫފު އަދި އިއުލާނެއް ނުކުރައްވަ އެވެ.