ކޯކް ސްޓޫޑިއޯގެ އާ ސީޒަނަށް ލޯބި ލިބެނީ
ކޯކް ސްޓޫޑިއޯގެ އާ ސީޒަނަށް ލޯބި ލިބެނީ

ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ޕާކިސްތާނުގެ މިއުޒިކް ޓީވީ ޝޯއެއް ކަމަށްވާ "ކޯކް ސްޓޫޑިއޯ" ސީޒަން 14 މިހާރު ދައްކަމުން އަންނައިރު، މި ސީޒަންގެ ލަވަތަކަށް ގިނަ ބައެއް ލޯބި ލިބެން ފަށައިފި އެވެ.

ކޮވިޑްއާ ގުޅިގެން އަހަރެއްގެ މެދުކެނޑުމަކަށް ފަހު މި ޝޯ އަލުން ދައްކަން ފެށިއިރު، އެންމެ ފަހުން ގެނެސްދިން ސީޒަންތަކުގެ ލަވަތަކަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. ތަފާތެއް ނުފެނުމާއި ޕާކިސްތާނުގެ އޮރިޖިނަލް މިއުޒިކް "ޓޭސްޓަށް" މާ ބޮޑު ކްރެޑިޓެއް ދެވިފައި ނެތުމުން މީހުން ފޫހިވީ އެވެ.

އެކަމަކު، މި އާ ސީޒަންގައި މީގެ ކުރިން ކޯކް ސްޓޫޑިއޯގެ އެއްވެސް ސީޒަނެއްގައި ނުފެންނަ ތަފާތުތަކެއް ދައްކަމުން އަންނަ ކަމަށް ފޭނުން ބުނެ އެވެ. ޕާކިސްތާނުގެ ސަގާފީ މިއުޒިކަށް ދޭން ޖެހޭ ކްރެޑިޓް ވެސް ދީ، އޭގެ އަސްލު ގެއްލުވާ ނުލާއި އަދި ޒަމާނީ މިއުޒިކަށް ވެސް އިސްކަންދޭ ކަން ފާހަގަވެ އެވެ.

މި މިއުޒިކް ޝޯގައި ގެނެސްދެނީ ޕާކިސްތާނުގެ ސަގާފީ މިއުޒިކް ސްޓައިލްތައް ކަމަށްވާ ކްލެސިކަލް، ފޯކް، ސޫފީ، ގަވާލީ، ގަޒަލް އަދި ބަންގްރާގެ ރަހަތަކާއި ޒަމާނީ މިއުޒިކް ރަހަތައް މަސްހުނިކޮށްގެން އުފައްދާ ލަވަތަކެކެވެ. މި ލަވަތައް ގެނެސްދެނީ ޒުވާން ލަވަކިޔުންތެރިންގެ އިތުރުން، އެ ގައުމުގެ މިއުޒިކް ލެޖެންޑުން ވެސް ބައިވެރިވެގެންނެވެ.

މި ސީޒަންގެ މިހާތަނަށް ތިން ލަވައެއް ނެރެފައިވެ އެވެ. އެއީ؛

- ޕާކިސްތާނުގެ ސޫފީ މިއުޒިކްގެ ރާނީގެ ގޮތުގައި މަޝްހޫރު އާބިދާ ޕަރްވީނާއި ޕަންޖާބީ ސްޓައިލަށް ލަވަ ކިޔާ ނަސީބޯ ލާލްގެ "ތު ޖޫމް"

- ޒުވާން ލަވަކިޔުންތެރިޔާ ހައިފީ ހަލީލް އާއި ރެޕް އާޓިސްޓް އީވާ ބީ އަދި ފޯކް މިއުޒިކަށް ހާއްސަ އަބްދުލް ވައްހާބް ބަގްތީ ކިޔާފައިވާ "ކަނަ ޔާރީ"

- ޕާކިސްތާނުގައި މިހާރު އެންމެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އާތިފް އަސްލަމާއި މޫމިނާ މޮސްތެހަސަން ކިޔާފައިވާ "ސަޖަން ދަސް ނާ"

އެހެން ސީޒަންތަކާ ހިލާފަށް މި އާ ސީޒަންގެ ވީޑިއޯތަކުގައި ލަވަކިޔުމުގެ އިތުރުން ކުވަޔާ ޕާފޯމަންސްތަކުގެ އިތުރުން ނެށުންތައް ވެސް ފެނެ އެވެ.

ކޮކާކޯލާ ކޮމްޕެނީން 2008 ގައި ޕާކިސްތާނުގައި ފެށި މި ޝޯގެ ލަވަތައް ވަރަށް މަޝްހޫރުވި އިރު، މީގެ ޕާކިސްތާނުގެ ގިނަ ލަވަކިޔުންތެރިންތަކަކަށް ދުނިޔޭގެ މަޝްހޫރުކަން ވެސް ލިބުނެވެ. މި ޝޯގެ ހުރިހާ ލަވައެއް ޔޫޓިއުބުގައި އާންމުކުރެ އެވެ. ކޮންމެ އަހަރަކު ވެސް މި ވީޑިއޯތަކަށް އެތައް މިލިއަން ވިއުސްއެއް ލިބެ އެވެ.