27 ޖެނުއަރީ 2022 - 12:08

ހއ. އިހަވަންދު އާއި ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރުގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ. މި ތިން ރަށުގައި ހޮސްޕިޓަލް އިމާރާތްކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން މި ތިން ރަށުގައި ހޮސްޕިޓަލް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުޅުވާލުން އޮންނަނީ އަންނަަ މަހު 28 ގައި ކަމަށެވެ.
މި ތިން ރަށުގައި ހޮސްޕިޓަލް އެޅުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000ރ. ދައްކަން ޖެހެ އެވެ.
މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އިހަވަންދޫގައި ހަދާ ހޮސްޕިޓަލް ތިން އަހަރުގެ ތެރޭގައި ނިންމަން 71 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި ކެނދިކުޅުދު އާއި ހިންނަވަރުގައި ހަދާ ހޮސްޕިޓަލް ތިން އަހަރުގެ ތެރޭގައި ނިންމަން 52 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ލަފާކުރެ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް އެޅުމަކީ ވެސް މި ސަރުކާރުގެ ވައުދަކަށް ވާއިރު، މި މަހު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ޑިޒައިން ކުރަހާ ދޭނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެ ދެ ރަށުގައި މި ހޮސްޕިޓަލްތައް އަޅަން ބިން ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ޓާޝިއަރީ ހޮސްޕިޓަލްތައް އަޅަނީ ކުޅުދުއްފުއްޓާއި ތިނަދޫގެ އިތުރުން، ރ. އުނގޫފާރާއި އަދި ލ. ގަމުގަ އެވެ. އައްޑޫގެ ޓާޝިއަރީ ހޮސްޕިޓަލް ވަނީ 2020 ގައި ހުޅުވައިފަ އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި އުއްމީދަކީ ޓާޝަރީ ހޮސްޕިޓަލްތައް، ކޮންމެ ވެސް މުހިއްމު އެއް ފަރުވާއަކަށް ހާއްސަ ކުރުމެވެ. އެ މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުގެ އުއްމީދަކީ ޓާޝަރީ ހޮސްޕިޓަލްތަކުން، ކޮންމެ ހޮސްޕިޓަލެއް ވެސް އެއް ކަމަކަށް ސްޕެޝަލައިޒްވުން. އޭރުން ނޫންތޯ ދާންވީ ދިމާ އެނގޭނީ ރާއްޖެއިން ބޭރަށް ނުގޮސް،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އެހީގައި ސަރުކާރުން އަންނަނީ ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ މަސައްކަތް މި އަހަރު ފެށޭނެ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ސިއްހީ ދާއިރާގެ އެކި ކަން ކަމަށް ހަރަދުކުރަން ބޮޑު އަދަދެއް ހިމަނައިފަ އެވެ.