27 ޖެނުއަރީ 2022 - 11:27

މާލެ، ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށި ގުޅައިލާ ބްރިޖުގެ މަސައްކަތް ކުރަމުންދާތީ، އެ
ސަރަހައްދުން ކަނޑުގައި ދުއްވާ އުޅަނދުފަހަރުތައް ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެ އެވެ.
އެ މިނިސްޓްރީން ބުނީ، މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ ދަށުން އިއްޔެ އިން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅިފަޅުގެ ދެކުނު ފަރާތުގެ މޫދާއި ތިލަފުށީގެ އިރުދެކުނުކޮޅާ ދެމެދުގެ ސަރަހައްދުގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެ ޕްލެޓް ފޯމުތަކާ ކައިރި ނުކުރުމަށާއި ޕްލެޓް ފޯމްތަކަށް ސަމާލުކަން ދީގެން ރައްކާތެރިކަމާއެކު، ދަތުރުތައް ކުރުމަށް ކެޕްޓަނުންނާއި އުޅަނދުފަހަރުތަކުގެ ވެރިންނަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެވެ.
މިދިޔަ އާދީއްތަ ދުވަހު އެ ކުންފުނިން ވަނީ ބްރިޖުގެ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ހެދުމަށް ބޭނުންވާ ސާމާނު އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް ގެންގޮސް އެ މަސައްކަތް ފަށައިފަ އެވެ. ޖިއޯޓެކްނިކަލް ސާވޭ ކުރަނީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ގަ އެވެ.
މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި މި ދައުރު ނިމުމުގެ ކުރިން ބްރިޖުގެ މަސައްކަތް ނިމޭނީ ވިލިނގިއްޔާ ހަމަޔަށެވެ.