16 ޑިސެމްބަރ 2016 - 20:11

ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ފޮޓޯ ނެގުމުގެ މުބާރާތަކުން އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލްއަށް ދެ ވަނަ ލިބިވަޑައިގެންފި އެވެ.

ބެއިޖިންގައި މުނިސިޕަލް ސަރުކާރާއި އަމިއްލަ ޖަމިއްޔާއަކާ ގުޅިގެން ބޭއްވި މުބާރާތް ބޭއްވީ ސިޓީގައި ދިރިއުޅޭ ބިދޭސީންނަށް ހުޅުވާލައިގެންނެވެ. މިއީ މުބާރާތް ބާއްވާ އަށް ވަނަ އަހަރެވެ.
މި މުބާރާތުގައި އާންމުންނަށް ހުޅުވާލީ ބެއިޖިންއަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ފޮޓޯތައް ހުށަހެޅުމަށެވެ.
ފައިސަލް "މިހާރު"އަށް މިއަދު ވިދާޅުވީ މުބާރާތުގައި ބައިވެރިވެވަޑައިގަތީ ވަނައެއް ހޯއްދެވުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެކަމަކު ރާއްޖެއަށް ރީތި ނަމެއް ހޯއްދަވައި ދެއްވުނީތީ ފަހުރުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުބާރާތުގައި ފައިސަލް ހުށަހެޅުއްވީ ޝޮޕިން މޯލެއް ބަޔަކު ސާފުކުރަން ތިއްބާ ނެގި މަންޒަރެކެވެ.
"އެއްވެސް ވަރަކަށް އުންމީދުކޮށްގެނެއް ނޫން ހުރީ ވަނައެއް ލިބޭނެ ކަމަށް. އެކަމަކު ވަރަށް ހިތްހަމަޖެހިގެން މި ހުރީ މިހާ ބޮޑު ވަނައެއް ލިބުމުން،" ފައިސަލް ވިދާޅުވި އެވެ.
މުބާރާތުގައި 3500 އަށް ވުރެ ގިނަ ފޮޓޯ ބައިވެރިކުރިއިރު، ރާއްޖޭގެ ނަން ޗައިނާގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފަ އެވެ. އެހެންވެ، ފައިސަލް ސިފަކުރެއްވި ގޮތުގައި މިއީ ފަތުރުވެރިކަން އިޝްތިހާރު ކުރަން ލިބުނު އިތުރު ބާރަކަށް ވާނެ އެވެ.
"އަޅުގަނޑަކީ ކުރިން ފޮޓޯ ނަގާ މީހެއް ނޫން. އެކަމަކު ހޮބީއަކަށް އެކަން ކުރަން. ކޮންމެ މީހެއް އަތުގައި ފޯނެއް އޮތިއްޔާ ފޮޓޯއެއް ނަގާލުމަކީ އުނދަގޫ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.
މި މުބާރާތުގެ އެއް ވަނަ ހޯދީ ކްރޮއޭޝިއާގެ މީހަކާއި ޖަރުމަނުގެ މީހެކެވެ. ފައިސަލްގެ އިތުރުން މުބާރާތުގެ ދެވަނަ ކެމްބޯޑިއާ އާއި ސަމޯއާ އާއި އިންޑޮނޭޝިއާގެ ރައްޔިތަކު ހޯދިއިރު، ތިން ވަނަ އަށް އަށް މީހަކު ދިޔަ އެވެ.
ބެއިޖިން ސަރުކާރުގެ އިދާރާތަކާއި ބައެއް ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން އެންމެ ފުރަތަމަ ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވީ 2009ގަ އެވެ. މުބާރާތް އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ ބެއިޖިންއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ބިދޭސީންނަށް ދިނުމެވެ. މިހާތަނަށް އައިއިރު މި ހުރިހާ މުބާރާތްތަކުގައި 2000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ، 20،000 ފޮޓޯ ވަނީ ހުށަހަޅައިފަ އެވެ.